ޔީސްޓްއާ ގުޅޭ ހުރިހާ ސުވާލެއްގެ ޖަވާބު

އެކްޓިވޭޓުކުރުމަށްޓަކައި ޔީސްޓް، ތާފަނާ ކިރުފޮދަކާ އެއްކޮށްލާފައި -- ފޮޓޯ/ ޖިންޖާބޭކްސް

ޕާނާއި ބަނަސް ފަދަ ތަކެތި ފިހާ އިރު ޔީސްޓްއަކީ ވަރަށް މުހިންމު އެއްޗެކެވެ. ފުށްގަނޑު މޮޑުމަށްފަހު "ރެސްޓް"ކުރުމަށް ބޭއްވުމުން އެ ފުފި، ފުށްގަނޑު ބޮޑުވަަނީ ޔީސްޓްގެ ސަބަބުންނެވެ. މިކަން ހިނގާތަން ފެނުމަކީ ބޭކް ކުރާ މީހެއްގެ ހިތަށް އުފާވެރިކަމާއި ހަމަޖެހުމުގެ އިހުސާސެއް ގެނެސްދޭ ކަމެކެވެ.

ދެން މި އޮތީ ސުވާލެކެވެ؛ ޔީސްޓް ބޭނުންކުރަން އެނގޭހެއްޔެވެ؟ ނުވަތަ އެ ބޭނުންކުރާނަމަ އަމަލުކުރަންޖެހޭ ގޮތް އެނގޭހެއްޔެވެ؟

މީރު އަދި ބަލާލަން ހިތްގައިމު ކާއެއްޗެހިން ސޯޝަލް މީޑިއާގެ ފީޑުތައް ފުރާލާ ޖިންޖާބޭކްސް، ފާތިމަތު ޝާދްނީ (ޝާ) ބުނާ ގޮތުގައި ޔީސްޓްއަކީ އޭނާގެ އެންމެ ފޭވްރިޓް އެއް އިންގްރިޑިއެންޓެވެ. ޕާނެއް ހެދުމަށް ކުރާ މަސައްކަތުގެ "ހިތަކީ" އެއީ އެވެ. ނަމަވެސް ޔީސްޓް ބޭނުންކުރުމަށް ބައެއް މީހުން ފަސްޖެހިދާނެ އެވެ.

"އެންމެ ފުރަތަމަކޮޅު ޔީސްޓް ލައިގެން ބޭކްކުރުމަށް އަހަރެންވެސް ޖެހިލުންވި. އެކަމަކު އެއީ ކެއްކުމުގައި ބޭނުންކުރާ އެހެން އެއްޗިއްސެކޭ އެއްފަދަ އިންގްރިޑިއެންޓެއްކަން ގަބޫލުކުރެވުމާއެކު އެ ޖެހިލުންވުން ނެތިގޮސްފި،" ޝާ އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ. އަދި ޔީސްޓާ ގުޅޭގޮތުން ގިނަ ބަަޔަކު ސުވާލު ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

އެހެންކަމުން މި ލިޔުމުގައި މި ގެނެސްދެނީ ޔީސްޓް ބޭނުންކުރުމާ ބެހޭގޮތުން ޝާ ދޭ މައުލޫމާތުތަކެކެވެ. އަދި ޔީސްޓް ބޭނުންކުރާނަމަ ވިސްނަންޖެހޭ ބައެއް ކަންކަމެވެ. މާ އުނދަގޫ ކަމެއްވެސް ނޫނެވެ-- އެކަމަކު ކޮންމެވެސް ވަރަކަށް ފަރުވާތެރިކަން ބަހައްޓަންޖެހޭ ކަންކަމެވެ.

ޔީސްޓް އެކްޓިވޭޓުކުރުމަށްޓަކައި ބޭނުންވާ ތަކެތި ތައްޔާރުކޮށްފައި -- ފޮޓޯ/ ޖިންޖާބޭކްސް

ޔީސްޓްއަކީ ކޮބާ؟

ޔީސްޓްއަކީ އެންމެ ސެލްއެއްގެ މައްޗަށް އެކުލެވޭ މައިކްރޯ އޯގަނިޒަމްއެކެވެ. ޔީސްޓް އެކްޓިވޭޓުވުމަށްޓަކައި ތިން ކަމެއް ބޭނުންވެ އެވެ. އެއީ ނިއުޓްރިއެންޓްސް، ހޫނުކަން (ވޯމްތު) އަދި ތެތްކަމެއް (މޮއިސްޗާ)އެވެ.

އެއްޗެހި ފިހުމުގައި ދެ ވައްތަރެއްގެ ޔީސްޓެއް ގެންގުޅެ އެވެ. އެއީ:

1. އެކްޓިވް ޑްރައި ޔީސްޓް

އެކްޓިވް ޑްރައި ޔީސްޓްގައި ހުންނާނީ ބޮޑެތި އެތިއެތިކޮޅެވެ. ޔީސްޓް ގްރެނިއުލްތައް ޖެހޭނީ 40 އާ 43 ޑިގްރީ ސެލްސިއަސްއާ (105-110 ޑިގްރީ ފެރަންހައިޓް) ދެމެދުގެ ހޫނުމިން ހުރި ފެނުގައި، ހަކުރުކޮޅަކާއެކު ވިރުވާލާށެވެ. ހަކުރަކީ ޔީސްޓްގެ ކާނާ ކަމުން، ހަލުވި ގޮތަކަށް ޔީސްޓްކޮޅު އެކްޓިވޭޓުވާނެ އެވެ. ކުޑަ ވަގުތުކޮޅެއް ތެރޭގައި ޔީސްޓް އެކްޓިވޭޓުވުމުން އެހެން އިންގްރީޑިއެންޓްސްގެ ތެރެއަށް ޔީސްޓް މިކްސްޗާ އަޅާލައި، ފުށްގަނޑު މޮޑުމަށްފަހު ރެސްޓްކުރަން ބޭއްވުމުން ފުފިލާނެ އެވެ.

2. އިންސްޓަންޓް ޔީސްޓް

އިންސްޓަންޓް ޔީސްޓަށް "ރެޕިޑް ޔީސްޓް" ނުވަތަ "ކުއިކް ރައިޒް ޔީސްޓް"އޭވެސް ކިޔާފާނެ އެވެ. މި ޔީސްޓް ހުންނާނީ ހިމުންކޮށެވެ. އަދި މިއީ ތާފަނާ ފެނުގައި އެކްޓިވޭޓްކުރަން ނުޖެހޭ ޔީސްޓެއް ކަމުން، އެހެން އިންގްރީޑިއެންޓްސްގެ ތެރެއަށް އަޅާލައި މިކްސް ކޮށްލެވޭނެ އެވެ. އެހެން ނަމަވެސް ޝާ ބުނާ ގޮތުގައި އޭނާ އިންސްޓަންޓް ޔީސްޓް ބޭނުންކުރި ނަމަވެސް "ރިސްކް"އެއް ނުނެގުމަށްޓަކައި އަބަދުވެސް ޕްރޫފްކޮށް، އެކްޓިވޭޓުކުރެ އެވެ.

ޔީސްޓް "ޕްރޫފް"ކުރުން

ރެސިޕީތަކުގައި ޔީސްޓް "ޕްރޫފް"ކުރުމަށް ބުނެފައި ހުރެ އެވެ. "ޕްރޫފް"ކުރުމަކީ ޔީސްޓް އެކްޓިވޭޓްކުރުމެވެ. ނުވަތަ ޔީސްޓަކީ ދިރިހުރި، އަދި އެކްޓިވް އެއްޗެއްކަން "ސާބިތު"ކުރާ ކުރުމެކެވެ. މިކަން ކުރާ ގޮތަކީ ތާފަނާ ފެން (ނުވަތަ ތާފަނާ ކިރުފޮދެއް ފަދަ ދިޔާ އެއްޗަކަށް) ޔީސްޓް އަޅައި އެއްކޮށްލާނީ އެވެ.

ދެން އުފެދޭ ސުވާލަކީ، ފެން ނުވަތަ ކިރުފޮދުގެ ފިނިހޫނުމިން ހުންނަންޖެހޭނީ ކިހާ ވަރަކަށް ހެއްޔެވެ؟ މާހިރުން ބުނާ ގޮތުގައި 40-43 ޑިގްރީ ސެލްސިއަސް (105-110 ޑިގްރީ ފެރަންހައިޓް) އެވެ. ފެންފޮދު މާ ހޫނު ނަމަ ޔީސްޓްކޮޅު މަރުވާނެ އެވެ. އަދި ފެންފޮދު މާ ފިނި ނަމަ ޔީސްްޓް އެކްޓިވޭޓްވުމަށް މާ ގިނަ އިރު ނަގާނެ އެވެ.

ތާފަނާ ފެން ނުވަތަ ކިރުފޮދަކަށް ޔީސްޓް އަދި ހަކުރުކޮޅެއް އަޅައި ގިރާލުމަށްފަހު ވަގުތުކޮޅަކަށް ބެހެއްޓުމުން ޔީސްޓް އެކްޓިވޭޓުވާނެ -- ފޮޓޯ/ ޖިންޖާބޭކްސް

ފެންފޮދުގެ ފިނިހޫނުމިން ކަށަވަރުކުރުމަށް ކުރެވިދާނެ އެއް ކަމަކީ އިންސްޓަންޓް ތަމޯމީޓަރެއް (ފިނިހޫނުމިން ބަލާ ކަށިގަނޑެއް) ހޯދުމެވެ. އެކަމަކު ކަށިގަނޑަކާ ނުލައި ވެސް ރަނގަޅު ޓެމްޕަރޭޗާ ދެނެގަނެވޭނެ ގޮތެއް އެބަ އޮތެވެ. ޝާ ބުނާ ގޮތުގައި ފެންފޮދުގެ ތެރެއަށް އިނގިލި ޖައްސާލުމުން ފަސޭހަ އަދި ތާފަނާ މިންވަރަކަށް ހޫނުމިން ހުރި ނަމަ އެ ފެންފޮދަށް ޔީސްޓް އެއްކުރަން ހަމަ ބަރާބަރެވެ. އިނގިލި ޖައްސާލައިގެން ހުރެވޭ ވަރަށް ވުރެ ފެންފޮދު ހޫނު ނަމަ، އެ ފެންފޮދު މާ ބޮޑަށް ހޫނީ އެވެ.

ދެން އޮތީ ޔީސްޓްގެ "ކާނާ"ގެ ވާހަކަ އެވެ. ފެންފޮދާއި ޔީސްޓް އެއްކޮށްލާ އިރު އެއަށް ހަކުރުކޮޅެއްވެސް އަޅާލާށެވެ. ބައެއް ރެސިޕީތަކުގައި ޔީސްޓް ޕްރޫފްކުރާ އިރު ހަކުރުކޮޅެއް ލުމަށް ބުނެފައި ނުހުރެދާނެ އެވެ. އެކަމަކުވެސް ޔީސްޓް އެކްޓިވޭޓުވެ، ކާބަންޑައިއޮކްސައިޑް އުފެދުމަށްޓަކައި ބޭނުންވާ ހަކަތަ އެއަށް ފޯރުކޮށްދިނުމަށްޓަކައި ހަކުރުކޮޅެއް ދިނުމަށް ވަރަށް ބޮޑު އެހީއެކެވެ. ހަކުރުކޮޅެއް މިނާލާފައި ފެންފޮދަށް އަޅާފައި ބެހެއްޓުމުގެ ބަދަލުގައި ހަކުރުކޮޅު ފެނާ ގިރާލުމުގެ ނަތީޖާ މާ ބޮޑަށްވެސް ރަނގަޅުވާނެ އެވެ. ކޮންމެހެން ހަކުރު (ގްރެނިއުލޭޓެޑް ޝުގާ)ގެ ބަދަލުގައި މާމުޔާއި މޭޕަލް ސިރަޕް ފަދަ ހަކުރު ހިމެނޭ ފޮނި އެއްޗެއް ލައިގެންވެސް މި ސްޓެޕް ފުރިހަމަކުރެވޭނެ އެވެ.

ޔީސްޓް މިކްސްޗާ އެކްޓިވޭޓުވެފައި -- ފޮޓޯ/ ޖިންޖާބޭކްސް

ދެން އޮތީ ކެތްތެރިކަން އިސްކޮށް، 10 ވަރަކަށް މިނިޓު ވަންދެން ޔީސްޓް މިކްސްޗާ އެކްޓިވޭޓްވާން ބެހެއްޓުމެވެ. ޝާ ބުނާ ގޮތުގައި ޔީސްޓް މިކްސްޗާއަށް ދޭންވާ ވަރަށް ވަގުތު ނުދެވުމުގެ މިސްޓޭކް އޭނާއަށްވެސް ހެދިފައި އެބަ ހުއްޓެވެ. ފެންފޮދުގެ ތެރޭގައި ހަކުރުކޮޅުން ހަކަތަ ހޯދައި، ކާބަންޑައިއޮކްސައިޑް އުފެއްދުމަށް ޔީސްޓްކޮޅަށް އެކަށީގެންވާ ވަގުތު ދޭށެވެ. ޔީސްޓް ފެންފޮދު "ފޮނު"ވުމުން އެ އޮތީ ތައްޔާރުވެފަ އެވެ-- ދެން ފުށްގަނޑު މޮޑުމުގެ މަސައްކަތް ފަށަންވީ އެވެ.

ދިހަ މިނެޓު ފަހުންވެސް ޔީސްޓް ފެންފޮދު އެކަށީގެންވާ ވަރަށް ފޮނު އުފައްދާފައި ނެތްނަމަ އޭގެ މާނައަކީ ތިޔަ ބޭނުންކުރެވުނު ޔީސްޓަކީ މާ ގިނަ ދުވަސްވެފައިވާ އެއްޗަކަށް ވެދާނެ އެވެ. ރެސިޕީއެއްގައި ގިނަ ދުވަސްވީ ޔީސްޓް ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ޔީސްޓްގެ އަސަރުކޮށް ފުށްގަނޑު ފުފުމަށް ގިނަ ވަގުތު ނަގާފާނެ އެވެ. އެހެންކަމުން ބޭނުންކުރާ ޔީސްޓް ޕެކެޓުގެ މުއްދަތު ހަމަވާ ތާރީހު ބަލަން ހަނދާން ކުރާށެވެ. އަދި ޔީސްޓް ރައްކާކޮށްފައި ބަހައްޓަން ވާނީ ފިނި ތަނެއްގަ އެވެ. އައިސްއަލަމާރި ނުވަތަ ފްރީޒަރުގައި ވިޔަސް އެންމެ ރަނގަޅެވެ.

comment ކޮމެންޓް