އަފްރާޝީމްގެ މަރުގައި ދައުވާ ކުރަން އިތުރު ހެކިބަހެއް ބޭނުމެއް ނުވޭ: މަޖިލިސް ރައީސް

15 ޖޫން 2020: މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރެއްވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަހުމު ކުޑަ ގޮތަކަށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިތުރު ހެކި ބަހެއް ނުލިބުނު ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައިސް ނަޝީދު މިހެން ވިދާޅުވީ މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން ރަައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާއި ގުޅިގެން އެ މަނިކުފާނުގެ ކަންބޮޑުވުންތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އާ ހިއްސާކުރައްވައި، ފޮނުއްވި ސިޓީއެއްގަ އެވެ.

ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަރު ކޮމިޝަނުން ފޮނުވި ސިޓީގެ ތިން ވަނަ ނަންބަރުގައި ޑރ. އަފްރާޝީމް އަލީ އާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި އަހްމަދު ރިޟްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބީ އިސްލާމްދީނުގެ ނަމުގައިި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކެއްކަން ފާހަގަކުރެވޭ ކަމަށާއި އަދި އަމަލީގޮތުން އެކަން ހިންގުމުގައި ބައިވެރިވެފައި ވަނީ މާލޭގައި ހަރަކާތްތެރިވާ ކުށްކުރާ ގޭންގުތަކަށް ނިސްބަތްވާ މީހުން މެދުވެރިކޮށް ކަމަށް ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އެގޮތުން ޑރ. އަފްރާޝީމް މަރާލީ، އެބޭފުޅާ ޝިރުކުކުރި ކަމުގެ ތުހުމަތުގައި ކަމަށާއި، ރިޟްވާނު ގެއްލުވާލައި ޔާމީން މަރާލާފައި ވަނީ އިސްލާމް ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

"ބުނެވިދިޔަ ކަންކަން ކޮމިޝަނަށް ފާހަގަވާނަމަ، ކޮމިޝަނަށް އެ ފާހަގަވަނީ އެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ޖިނާއީ އަމަލެއް ހިންގާފަައިވާކަން ނުވަތަ ޖިނާއީ ކުށެއް ކޮށްފައިވާކަމެވެ. ކަން މިހެން އޮތްއިރު، އެ އަމަލާ ގުޅިގެން ނުވަތަ އެ ކުށާ ގުޅިގެން އެ އަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ނުވަތަ އެ ކުށް ކުރި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ނުއުފުލެންވީ ސަބަބަކީ ކޮބައިކަން ސާފެއް ނުވެއެވެ." ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މަރު ކޮމިޝަންގެ ސިޓީގެ ހަތަރު ވަނަ ނަންބަރުގައި، ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރަކީ ހަމައެކަނި ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބާރުކަމާއި، އެހެންކަމުން އެ މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ކަަމަކާ ގުޅިގެން އެމީހުން ހައްޔަރުކުރެވޭ ފަދަ ހެއްކާއި ގަރީނާ ލިބިގެން މެނުވީ ކޮމިޝަނުން އެމީހުން ހައްޔަރުކުރުމުގެ ފިޔަވަޅު އެޅުމަކަށް ގާނޫނު ތަން ނުދޭކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ކޮންމެ މައްސަލައެއްގައި ވެސް އެ މައްސަލައަކާ ގުޅިގެން ކޮށްފައިވާ ކަންކަމާއި، މައްސަލައިގެ ތެރޭގައި ހިމެނޭ ކަންކަމަށް ވާއިރު، އަޅުގަނޑުގެ ނަޒަރުގައި ޑރ. އަފްރާޝީމް އަލީގެ މަަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މި މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓާއި، އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައާ ގުޅޭގޮތުން މި މަޖިލީހާ ހިއްސާކޮށްފައިިވާ ހުލާސާ ރިޕޯޓުގައި ފާހަގަކޮށްފައިިވަނީ އެ ދެ މައްސަލައިގެ ތެރޭގައި ވެސް ހިމެނޭ ކަންކަމެވެ." ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު ވިދާޅުވެފައި ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކާއި ހެކިބަސްދޭން ތިބި ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް، ސުވާލުކުރިކަމަށް ތުހުމަތުކޮށް، އަދި އެކަމުގެ ސަބަބުން މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ހިނގަމުންދާ ޝަރީއަތަށް ހެކިބަސްދޭން ތިބި ބަޔަކު ހެކިބަސް ދިނުމަށް އިންކާރުކުރާ ކަމަށް ބަޔާންކޮށް އެކަން ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޮމިޝަނުގައި އެދިފައިވާކަމަށް، މަރު ކޮމިޝަނުގެ ސިޓީގެ ފަސް ވަނަ ނަންބަރުގަައި ބުނެފައިވާ ކަމަށެވެ.

ހަމައެއާއެކު ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން މަޖިލީހާ ހިއްސާކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ދެން އިތުރު އިއުތިރާފް ހެކިބަހެއް ބޭނުންވާނެ ކަމަށް ނުފެންނަ ކަމަށާއި، ހެކިބަސް ދޭން އިންކާރު ކުރާ ފަރާތްތަކުގެ ހެކިބަހާ ނުލާ ވެސް، ދައުުވާ އުފުލޭނެ މިންވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ އެ ރިޕޯޓުގައި ހިމެނޭކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މަރު ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ނޫސްވެރިޔާ ރިޟްވާން ގެއްލުވާލާފައިވާ މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓް އާންމުވުމާ ގުޅިގެން، ކޮމިޝަނަށް ހެކިބަސްދޭން ތިބި ބައެއް ފަރާތްތަކުން ހެކިބަސް ދޭން އިންކާރުކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވެފައި ވަނީ، މީހަކާ ދެކޮޅަށް ހިންގޭ ކުށެއްގައި، އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުުވާ އުފުލުން ބިނާވެފައި ވަނީ ބަޔަކު ދޭ ހެކިބަހެއްގެ މައްޗަށް އެކަނި ކަމުގައި ދެކެން ދަތި ކަމަށެވެ.

ހެކިބަސް ދޭން ތިބި ފަރާތްތަކުގެ ތެރެއިން ވަކި ބަޔަކު ހެކިބަސް ދޭން އިންކާރު ކުރުމުން އެ މައްސަލަ ސާބިތުވާ މިންވަރަށް ޝަފަހީ ހެއްކާއި، މާއްދީ ހެކި ލިބިފައިނުވާކަމަށް ދެކެން ވެސް ދަތި ކަމެއް ކަމަށެވެ.

މީގެ އިތުރުން ޑރ. އަފްރާޝީމް އާއި ރިޟްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓަށް ރިއާޔަތްކުރާއިރު، ކޮމިޝަނުން ބަލަމުންގެންދާ މައްސަލައަކާ ގުޅިގެން ކުށެއް ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްޗަށް ދައުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވި ނަމަވެސް، އެ ކުށް ކުރަން އެ ފަރާތް އުޅުނުކަން ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެ ދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ހަމައެއާއެކު ކޮމިޝަނުން ބަލަމުން ގެންދާ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް، ސިޔާސީ އެކިއެކި ފަރާތްތަކާއެކު ގާތް ގުޅުމެއް އޮތް ކަން ފެންނަ ފަދަ ގޮތަކަށް ސިޔާސީ އެކިއެކި އިވެންޓުތަކުން ފެންނާތީ، އެކަމުގެ ސަބަބުން ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކާމެދު އާންމުން ދެކޭގޮތް ބަދަލުވެގެންދާކަން ފާހަގަވާ ކަމަށާއި، އަދި އެއީވެސް ކޮމިޝަނުގެ ތަހުގީގު ކުރިއަށް ގެންދިއުމުގައި ދިމާވާ ހުރަހެއް ކަމަށް މަރު ކޮމިޝަނުން ބުނެފައިވާކަމަށް ވެސް ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ފަރާތްތަކަކީ ކޮބައިިކަން ކޮމިޝަނުން އާންމުކޮށްފައި ނުވާކަމަށެވެ. އަދި އެއީ ކޮން ބައެއްކަން ސާފުވަނިކޮށް ސިޔާސީ އެކިއެކި ފަރާތްތަކާއެކު ސިޔާސީ އިވެންޓުތަކުން އެމީހުން ނުފެނި، އެމީހުން ހަގީގަތުގައި ފެންނަން ޖެހޭ ތަންތަނުން އެމީހުން ފެންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު، ރިޟްވާންގެ މައްސަލައިގަައި ކޮމިޝަނުން އާންމުކުރި ރިޕޯޓު 241 ކޮމިޓީއަށް ލިބުމުން، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޭގެ ތަފްސީލް ރިޕޯޓު ހޯދަން ކޮމިޓީން އެދިފައިވާކަން ވެސް ސިޓީގަައި ވަނީ ފާހަގަކުރައްވައިފައެވެ. އަދި ތަފްސީލް ރިޕޯޓު ހިއްސާކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅެއް ލިބުމުން މަޖިލީހުގެ އިދާރާއަށް ފޮނުވާނެ ކަމަށް ކޮމިޝަނުން ބުނި ކަމަށް ވެސް ސިޓީގައިވެ އެވެ.

އެހެން ނަމަވެސް އޭގެ ފަހުން އަހަރަކާ ގާތްވެފައިވާއިރު، 241 ކޮމިޓީން އެކަން ބަލައި، ރިޟްވާން ގެއްލުވާލި މައްސަލައިގައި ގޮތެއް ނިންމުން މުހިންމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގަައި އިތުރަށް ހެކި ހޯދެން ނެތް ކަމަށާއި، އަދި މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް އަންގާފައިވާކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މަރު ކޮމިޝަނުން ވަނީ ނަޝީދުގެ ވާހަކަތައް ދޮގުކޮށްފައެވެ. ކޮމިޝަނުން ބުނީ ތަހުގީގު ހުއްޓާނުލާ ކަމަށާއި، މަސައްކަތް ކުރިއަށްދާ ކަަމަށެވެ.

comment ކޮމެންޓް