ވެނެޒުއެލާގެ ރައީސާ ބައްދަލުކުރަން ތައްޔާރަށް ހުންނެވިކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މަދޫރޯ އާއި ޓްރަމްޕް

ވޮޝިންޓަން (23 ޖޫން 20): އެމެރިކާގެ އެންމެ ބޮޑު އެއް ހަތުރު ކަމަށްވާ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާ ބައްދަލުކުރައްވައި މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އޮންލައިން ނޫހެއްކަމަށްވާ "އެކްސިއޮސް" އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ ވެނެޒުއެލާގެ މައްސަލަ ހައްލުކުރުމާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އެއްވެސް ޝަރުތެއްނެތި އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާ ބައްދަލުކުރަން ތައްޔާރަށް ހުންނެވި ކަމުގައެވެ.

ޓްރަމްޕް ވިދާޅުވީ އޭނާއަކީ އެއްވެސް ގައުމެއްގެ ރައީސާ ބައްދަލުކުރަން ދެކޮޅު ހައްދަވާ ބޭފުޅެއް ނޫންކަމުގައެވެ. އަދި ބައްދަލުކުރަން ބޭނުންވެގެން މަދޫރޯ އަންގާލެއްވުމުން އޭނާ ހުންނެވީ ބައްދަލުކުރައްވާ ގޮތަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ސަރުކާރުންވަނީ މިދިޔަ އަހަރު ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިޚާބު މަދޫރޯ ކާމިޔާބު ކުރެއްވުމުން އެކަން ގަބޫލު ނުކޮށް މަދޫރޯގެ ޒައާމަތަށް އިއުތިރާފްވުމަށް ދެކޮޅުހަދާފައެވެ. މިއާއެކު ޓްރަމްޕްގެ ސަރުކާރުން ގެންދަނީ ވެނެޒުއެލާގެ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް އިޢުލާނުކޮށް ވެރިކަން ހޯދުމަށް ޣައިރު ގާނޫނީ ގޮތެއްގައި މަސައްކަތް ކުރައްވާ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯއަކީ ވެނެޒުއެލާގެ ރައީސްގެ ގޮތުގައި ބަލައި ގަންނަމުންނެވެ.

މަދޫރޯގެ ވެރިކަން ވައްޓާލުމަށް އަމާޒުކޮށްގެން ޓްރަމްޕްގެ ޒަޢާމަތުގައި އެމެރިކާވަނީ ވެނެޒުއެލާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. ދާދިފަހުން ވެނެޒުއެލާގެ ސަރުކާރުން ވަނީ މަދޫރޯގެ ސަރުކާރު ވައްޓާލުމަށް ރޭވި ރޭވުމެއް ނާކާމިޔާބުކޮށްލައި އެކަމުގައި ބައިވެރިވާ މީހުން ހައްޔަރުކޮށްފައެވެ.

އެރޭވުން ތަންފީޒު ކުރުމުގައި އެމެރިކާގެ ކުލީ ސިފައިންގެ ބަޔަކުވެސް ހިމެނޭކަމާއި އެމީހުން ހައްޔަރުކޮށްފައިވާކަމަށްވެސް ވެނެޒުއެލާގެ ސަރުކާރުން ބުނެފައިވެއެވެ. މި ރޭވުމަކީ އެމެރިކާ އަޑީގައި އޮވެގެން ރޭވި ރޭވުމެއްކަމަށްވެސް މަދޫރޯވަނީ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ޓްރަމްޕްވަނީ އެކަން ދޮގު ކުރައްވާފައެވެ.

"އެކްސިއޮސް" އަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވަނީ މަދޫރޯ އާ ބައްދަލުކުރައްވަން ބޭނުންވަނީ ވެނެޒުއެލާގެ ރައީސްކަމުން އިސްތިއުފާ ދެއްވުމުގެ މުހިއްމުކަން މަދޫރޯއަށް ވިސްނައި ދެއްވުމަށް ކަމަށް ވިދާޅުވެފައެވެ. މި ބަސްދީގަތުމުގައި ޓްރަމްޕް ވަނީ މަދޫރޯގެ ވެރިކަމާ ދެކޮޅަށް ބަޣާވާތް ކޮށްގެން އުޅުއްވާ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯއަށްވެސް އިތުބާރު ނުކުރެވޭކަމަށް ވިދާޅުވެ ގުއައިޑޯ އަށްވެސް ފާޑު ވިދާޅުވެފައެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މަދޫރޯ ވިދާޅުވެފައިވަނީ ޓްރަމްޕާ ބައްދަލުކުރައްވަން ބޭނުންވާކަމަށާ ނަމަވެސް ބައްދަލުކުރެވިއްޖެނަމަ ޓްރަމްޕަށް ދަންނަވާލަން ބޭނުންވަނީ ވެނެޒުއެލާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ނުވަނުމަށެވެ. އަދި އިދިކޮޅު ލީޑަރު ގުއައިޑޯ ގާނޫނާ ޚިލާފަށް ވެރިކަމަށް އައުމަށް ކުރައްވާ މަސައްކަތްތަކަށް ވާގިވެރި ނުވުމަށްވެސް ޓްރަމްޕަށް ދަންނަވާނެކަމަށް މަދޫރޯ ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް