ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އަދި ނުވިސްނަން: ޑރ. ވަހީދު

ޑރ. ވަހީދު: އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އަދި ނުވިސްނަވާ ކަމަށް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސްތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނުވިސްނަވާ ކަމަށް ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމަނުކުފާނު މިރޭ ވަނީ އަށް އަހަރަށް ފަހު ސިޔާސި ހަރަކާތްތައް ފެއްޓުމަށް އިދިކޮޅު ކޯލިޝަންގެ އިސްސަފުގައި މަސައްކަތް ކުރެއްވުމަށް އެ ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ.

އެ މަގާމު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ވަހީދު ވިދާޅުވީ، ދެން އަންނަ ރިޔާސީ އިންތިހާބަށް ވަރަށް ދުވަސް އެބައޮތް ކަަމަށާއި އެކަމާ މެދު އަދި އެއްޗެއް ބުނަން ނޭނގޭނެ ކަމަށެވެ.

"ރިޔާސީ އިންތިހާބު އޮތީ ތަންކޮޅެއް ފަހުން ދެއްތޯ. މިހާރު ދައްކާވާހަކައެއް ނޫންތީ. މިއީ ޑިމޮކްރެޓިކް ޕާޓީއެއް، ޕަޓީ ޕާޓީން ކުރިމަތިލާ މީހަކަށް ޕާޓީތެރެއިން ވޯޓުދީގެން އެ މީހަކު ހޮވެނީ. އަޅުގަނޑު އަދި އެކަމަކާ ނުވިސްނަން. އަޅުގަނޑު މިހާރު މި ވިސްނަނީ މި ޕާޓީއަށް ހިދުމަތްކުރަން،" ޖަލު ހުކުމެއްގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުުރުސަތު ލިބިވަޑައިގެންފި ނަމަ، އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝައުގުވެރިކަން އެބަ ހުރިތޯ ސުވާލު ކުރުމުން ޑރ. ވަހީދު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަހީދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ކޯލިޝަނުން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ތާއީދު ކުރައްވާނަމަ، އެ ފުރުސަތުގެ ބޭނުން ހިއްޕަވާނަންތޯ ސުވާލު ކުރުމުން ޑރ. ވަހީދު ވިދާޅުވީ. އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ ކަމަށެވެ. އަދި ޕާޓީން އެގޮތަށް އެދިވަޑައިގެންފި ނަމަ އެކަމާ މެދު ވިސްނަވާނެ ކަމުގެ އިޝާރާތެއް ދެއްވިއެވެ.

"އަޅުގަނޑު ތެދަށް މި ދަންނަވަނީ އެެކަމަކާމެދު [ވެރިކަމަށް ކުރިމަތިލުމާ މެދު] ސީރިއަސްކޮށް ނުވިސްނަވަން. ހަގީގަތުގައި އަޅުގަނޑު ވަރަށް އުފަލުން މިހުރީ. އަޅުގަނޑަށް އިތުރަށް އުފަލެއް ލިބުމަށް އެކަން ވާކަން ނުޖެހޭ. އަނެއްކާ ކޮންމެ ހާލެއްގައިނަމަވެސް ރިޔާސަތުގައި އަޅުގަނޑު ހުރެއްޖައިން. އެ ތަޖުރިބާވެސް ލިބިއްޖެ. އެހެންވީމަ އެއީ [ވެރިކަން ކުރުމަކީ] އެހާބޮޑު ކަމެއް ނޫން އަޅުގަނޑަކަށް. އެހެން ނަމަވެސް ޕާޓީ އެގޮތަށް އެދިވަޑައިގެންފި ނަމަ އަކަމާމެދު ނުވިސްނަވާނެ ވާހަކަ ނުދަންނަވަން،" ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ، އަނެއްކާވެސް ސިޔާސީ ކަންކަމަށް ނުކުމެވަޑައިގަތީ، އެއްވެސް ކަހަލަ އަމިއްލަ އެދުމެއް ނެތި ކަމަށާއި ބޭނުންވަނީ ލިބޭ ފުރުސަތެއްގެ ބޭނުން ހިއްޕަވައިގެން ގައުމަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސްކަމުގައި ހުންނެވުމަށްފަހު، ވެރިކަމަށް ވަޑައިގަތް ޑރ. ވަހީދު 2013 ވަނަ އަހަރުގެ ރިިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބަށް ފަހު ސިޔާސީ ހަރަކާތްތަކުގައި ނޫޅުއްވައެވެ. އޭގެ އަށް ވަރަކަށް އަހަރުން ފަހުން އެމަނިކުފާނު ސިޔާސީ ހަރަކާތްތަކަށް ނުުކުމެވަޑައިގެންނެވީ ދާދި ފަހުން އެމަނިކުފާނަށް އެމްޑިޕީ އެކްޓިސްވިސްޓަކު މަގުމަތިން ދިމާކޮށް ފުރައްސާރަކުރި މަސައްލަ މީޑިއާތަކުގެ ސަމާލުކަން ހޯދި ފަހުންނެވެ.

comment ކޮމެންޓް