ޔުނިވާސަލްގެ ރިސޯޓުތައް ހުޅުވާނީ އޮކްޓޯބަރުގައި

ޔުނިވާސަލް އިން ހިންގާ ކުރުނބާ މޯލްޑިވްސް ރިސޯޓް

ޔުނިވާސަލްގެ ރިސޯޓުތައް ހުޅުވާލާނީ އަންނަ އޮކްޓޯބަރު މަހު ކަމަށް އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތަކުން ބުނެފިއެވެ.

ޔުނިވާސަލް އިން ރާއްޖޭގައި އަށް ރިސޯޓު ހިންގާއިރު، އެ ރިސޯޓުތަކުން ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓުތަކުގައި ބުނީ ރިސޯޓު ހުޅުވާލުން އޮކްޓޯބަރަށް ފަސްކޮށްފައިވާ ކަމަށެވެ.

ޔުނިވާސަލްގެ ރިސޯޓުތައް ބަންދު ކުރީ އެޕްރީލް މަހު އެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ޕޭ ޕެކޭޖަކާއެކު ތިން މަހުގެ ލީވް ދިން ނަމަވެސް ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިހާރު ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު އެކަކުން ފެށިގެން ރިސޯޓުތައް ހުޅުވާލުމަށް ކަމަށް އެ ކުންފުނީގެ ދަށުން ހިންގާ ރިސޯޓުތަކުން ވަނީ ބުނެފަ އެވެ.

"މި ނިންމުމުގެ ސަބަބުން އެއްވެސް ބުކިން އަކަށް އަސަރު ކުރާނަމަ މައާފަށް އެދެން. ބިޒްނަސް ޕާޓްނަރުންނާއި ގެސްޓުންނާ ގުޅައިގެން ނިންމަން ޖެހޭ ކަންތައް މިދަނީ ނިންމަމުން،" އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ ކުރިން ރިސޯޓު ހުޅުވަން އޮތް މުއްދަތުގައި އެއްވެސް ފަތުރުވެރިއެއްގެ ބުކިން ހަދާފައިވާ ނަމަ، ރިޒަވޭޝަން ޓީމާ ނުވަތަ ޓްރެވަލް އެޖެންޓާ ގުޅުމަށްވެސް ވަނީ އެދިފަ އެވެ.

ޔުނިވާސަލް އިން ބުނީ ރިސޯޓުތައް ހުޅުވުން ފަސްކުރީ މިހާރުގެ ހާލަތަށްބަލައި، ގައުމުތަކުގެ ބޯޑަރު ނުހުޅުވާނެތީ ރާއްޖެއަށް އެ މުއްދަތުގައި ފްލައިޓުތައް އަންނާނެ ކަމަށް ލަފާ ނުކުރެވޭތީ ކަމަށެވެ.

ކޮވިޑް19 އާ އެކު، ރާއްޖޭގެ ބޯޑަރު 27 މާޗުގައި ބަންދުކޮށްފައިވާ އިރު، މިހާރު ސަރުކާރުން ނިންމާފައިވަނީ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަށެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކޮށް ކުރިއެރުވުމުގައި ބޮޑު ހިއްސާއެއް އަދާކުރި ޔުނިވާސަލް އިން ހިންގާ ރިސޯޓުތަކަކީ ކުރުނބާ، ބަރޮސް، ވެލައްސަރު، ކަނދޮޅު ، ދިގަލި ، ފާރުފުށި، ކުރަމަތި އަދި މިލައިދޫ މޯލްޑިވްސް އެވެ.

comment ކޮމެންޓް