ކޮވިޑް-19 އާ ގުޅިގެން، މީޑިއާތަކުގެ އާމްދަނީ 80-60 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވެއްޓި މީޑިއާތަކުގެ ހާލަތު ދަށްވެފައިވާ ކަމަށާއި ސަރުކާރުގެ ފަރާތުން ތައާރަފްކުރި ލޯނުގެ ފައިސާ ނުލިބި ލަސްވަމުން ދާތީ ބައެއް މީޑިއާތަކުގެ ދެމި އޮތުމާ މެދު ސުވާލު އުފެދިފައިވާ ކަމަށް، މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިންނާއި މީޑިއާތަކުގެ މެދުގައި ކުރި ސާވޭއަކުން ދައްކައިފި އެވެ.
ކޮރޯނާވައިރަހާ ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކަށް ކުރިމަތިވި ގޮންޖެހުންތައް ވަޒަންކޮށް އެކަންކަން ދައުލަތުގެ ގުޅުހުންހުރި މުއައްސަސާތަކަށް ހުށަހެޅުމުގެ މަގުސަދުގައި މީޑިއާ ކައުންސިލުން ވަނީ ސާވޭއެއް ކުރިއަށް ގެންގޮސް އޭގެ ތަފްސީލީ ރިޕޯޓް އާންމުކޮށްފަ އެވެ.
އެ ރިޕޯޓް އާންމު ކުރި މީޑިއާތަކުގެ ފަންނީ ބޭފުޅުން ހިމަނައިގެން "ކޯވިޑް-19އާ އެކު މީޑިއާތަކުގެ ކުރިމަގު" މި ނަމުގައި އިއްޔެ ބޭއްވި ވެބިނާއެއްގަ އެވެ.
ނޫސްވެރިންނާ، މީޑިއާތަކުގެ އިސްވެރިން ހިމެނޭގޮތުން ޖުމްލަ 63 ފަރާތަކުން ވަނީ ސާވޭގައި ބައިވެރިވެ، މައުލޫމާތު ދީފަ އެވެ.
އެ ސާވޭގެ ބައިވެރިންގެ ތެރެއިން 85.7 ޕަސެންޓް މީހުން މިވަގުތު މަސައްކަތްކުރަމުން އަންނަނީ ގޭގައި ތިބެގެންނެވެ. އަދި 3.2 ޕަސެންޓް ބައިވެރިން މީޑިއާތަކުގައި ލޮކްޑައުން ވެގެން މަސައްކަތް ކޮށްފައިވެ އެވެ.
އިންޓަނެޓުގެ ދަތިކަން ބޮޑު!
ދިރާސާގައި ބައިވެރިވި ގިނަ ފަރާތްތަކަކީ ޖާނަލިސްޓުންނަށް ވެފައި، އަދި ގިނަ ފަރާތްތަކަކީ އޮންލައިން ނިއުސް މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތައް ކަމުން ގޭގައި ތިބެގެންވެސް މަސައްކަތް ކުރެވޭ ކަމަށާއި އަދި މިވަގުތު މާލޭގައި ބާއްވަމުންދާ ބޮޑެތި ނިއުސް ކޮންފަރެންސްތައް ބާއްވަނީ ވާޗުއަލް ޕްލެޓްފޯމެއްގައި ކަމުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ދަތިކަމެއް ނެތް ކަމަށް ފާހަގަކޮށްފައިވެ އެވެ.
އެހެން ނަމަވެސް ގޭގައި މަސައްކަތްކުރާއިރު އިންޓަނެޓްގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށް ބައިވެރިން ވަނީ ބުނެފަ އެވެ.
ދިރާސާގެ ބައިވެރިންގެ ތެރެއިން 79.4 ޕަސެންޓު ބައިވެރިން ބުނެފައި ވަނީ ގޭގައި މަސައްކަތްކުރާއިރު އިންޓަނެޓް ލިބުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށެވެ. އަދި 20.6 ޕަސެންޓު ބައިވެރިން ބުނެފައި ވަނީ ގޭގައި މަސައްކަތް ކުރަންޖެހުނު ކަމުގައިވިޔަސް އިންޓަނެޓްގެ މާބޮޑު ދަތިކަމެއް ދިމާނުވާ ކަމަށެވެ.
ބައިވެރިންގެ ތެރެއިން 63.5 ޕަސެންޓު ބުނެފައި ވަނީ އެ މުވައްޒަފުން މަސައްކަތްކުރަމުންދާ މީޑިއާތަކުން އިންޓަނެޓްގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށާއި ބޭނުންކުރަނީ އަމިއްލަ އިންޓަނެޓް ކަމަށެވެ. އިންޓަނެޓް ލިބުމުގައި އޮފީހުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް 17.5 ޕަސެންޓް މީހުން ބުނިއިރު، 15.9 ޕަސެންޓް މީހުން ބުނެފައި ވަނީ އިންޓަނެޓް ހޯދައިދިނުމަށް ކޮންމެވެސް މިންވަރަކަށް އޮފީހުގެ އެހީތެރިކަން ލިބޭ ކަމަށެވެ.
ގިނަ ނޫސްވެރިންްގެ މުސާރަ އާއި އިނާޔަތްތައް ވަނީ ކުޑަކޮށްފައި!
މީގެ އިތުރުން މީޑިއާތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންގެ އަސާސީ މުސާރައާއި އެލަވަންސްތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފައިިވާކަން ވެސް ސާވޭއިން ވަނީ ދައްކައިފަ އެވެ.
ދިރާސާގެ ގިނަ ބައިވެރިންނަށް ވަޒީފާ ގެއްލުން ފަދަ ކަމެއް ދިމާވެފައި ނުވި ނަމަވެސް، 25.4 ޕަސެންޓް ބައިވެރިންގެ ވަޒީފާ ބަޔާނަށް ނުވަތަ ވަޒީފާގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކަށްވަނީ ބަދަލު ގެނެސްފަ އެވެ. އަދި 4.8 ޕަސެންޓް ބައިވެރިންނަށް ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ވަނީ ދީފަ އެވެ.
ކޮވިޑް19 އާ ގުޅިގެން އަސާސީ މުސާރައާއި އެލަވަންސްތަށްވެސް އުނިކޮށްފައިވާ ކަމަށް، ދިރާސާގެ 65 ޕަސެންޓް ބައިވެރިންް ވަނީ ބުނެފަ އެވެ. ނަވާރަ ޕަސެންޓް މުވައްޒަފުންްގެ އަސާސީ މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު، 4.8 ޕަސެންޓް މީހުންގެ އަސާސީ މުސާރަ ވަނީ ކުޑަކޮށްފަ އެވެ. އަދި 11 ޕަސެންޓް މީހުންގެ އަސާސީ މުސާރައަށް ބަދަލެއް އައިސްފައި ނުވި ނަމަވެސް، އެލަވެންސްތައް ވަނީ އުނިކޮށް، ކުޑަކޮށްފަ އެވެ.
އަސާސީ މުސާރައާއި އެލަވަންސްތަކަށް ބަދަލު އައިކަމަށް ފާހަގަކުރި ބައިވެރިންގެ ތެރެއިން 36.7 ޕަސެންޓް ބައިވެރިންގެ
މުސާރައިގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައެއް ވަނީ އުނިކޮށްފަ އެވެ.
ދިރާސާގެ 20.4 ޕަސެންޓު ބައިވެރިންގެ ތެރެއިން މުސާރައިން 31 ޕަސެންޓާ 40 ޕަސެންޓުގެ އަދަދެއް އުނިކޮށްފައިވާއިރު، 18.4 ޕަސެންޓް މީހުންގެ މުސާރައިން އުނިކޮށްފައިވަނީ 41 ޕަސެންޓާ 50 ޕަސެންޓާ ދެމެދުުގެ އަދަދެކެވެ.
ދިރާސާގައި ބައިވެރިވި 63 މީހުންގެ ތެރެއިން 49 މީހަކު އެ ސުވާލަށް ޖަވާބުދީފައިި ވާއިިރު، މުސާރައާއި އެލަވަންސްތަކަށް ބަދަލު ގެނެވުނު ބައިވެރިންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބައިވެރިންގެ އަސާސީ މުސާރައާއި އެލަވަންސްތަކުން
އުނިކުރެވިފައިވަނީ ނިސްބަތުން ވަރަށް ބޮޑު މިންވަރެއްް ކަން ފާހަގަކުރެވެ އެވެ.
ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދަން އުނދަގޫ!
ދިރާސާގެ ނަތީޖާއިން ދައްކާގޮތުން ކޮވިޑް19 އާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ލިބުމުގައި ދަތިތައް ކުރިމަތިނުވާކަމަށް 71.4 ޕަސެންޓް ބައިވެރިން ބުނެފައިވެ އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ގަވާއިދުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކާ މެދު 84 ޕަސެންޓް ބައިވެރިން ހިތްހަމަޖެހުނު ނަމަވެސް އެ ސެންޓަރުގެ ފަރާތުން ކޮވިޑާ ގުޅޭ ބައެއް ކަންކަން ކަށަވަރުކުރުމަށް ބައެއް އިދާރާތަކަށް ގުޅުމުން ޖަވާބު ނުދޭކަމަށް ބައެއް ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ.
މައުލޫމާތު ހޯދަން އެންމެ އުނދަގޫ މުއައްސަސާތަކުގެ ގޮތުގައި ސާވޭގެ ބައިވެރިން ފާހަގަކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އައިޖީއެމްއެޗް، މޯލްޑިވްސް ޕޮލިސް ސާވިސް، ރަށު ކައުންސިލްތައް، ރައީސް އޮފީސް، އަދި އެންއީއޯސީ އެވެ.
މީގެ އިތުރުން ޖުމްލަކޮށް ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް މައުލޫމާތު ހޯދުމަށް އުނދަގޫވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
މިހާލަތުން މީޑިއާތައް އަރައިގަތުމަށް އެހީތެރިކަން ބޭނުންވޭ!
ކޮވިޑް19 އާ ގުޅިގެން މާލީގޮތުން މީޑިއާތަކަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ނޫސްވެރިންނަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ހާޢްސަ އެލަވަންސެއް ނުވަތަ މާލީ އިނާޔަތެއް ދިނުމަށް ފެންނަކަމަށް 93.7 ޕަސެންޓް ބައިވެރިން ބުނެފައިވެ އެވެ.
އެގޮތަށް ހާމަކޮށްފައިވާ ބައިވެރިންގެ 57.1 ޕަސެންޓް ބައިވެރިން ބުނެފައިވަނީ ދައުލަތުން އެފަރާތްތަކަށް މާލީ އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި 34.9 ޕަސެންޓް ބައިވެރިން ބޭނުންވަނީ އިންޓަނެޓްގެ ހިދުމަތަށް ލުއިކަމެއް ހޯދައިދިނުމަށެވެ.
މީގެ އިތުރުން މީޑިއާތަކަށް ބޭނުންވާ ތަމްރީން ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން އަދިވެސް ހިންގަންޖެހޭ ކަމަށާއި ދައުލަތުގެ ކުންފުނިތަކުން މީޑިއާތައް ދޭ އެހީތައް މި ދަނޑިވަޅުގައި ކަނޑައިނުލުމަށް ވެސް ބައެއް ބައިވެރިން އެދިފައިވެ އެވެ.
އިޝްތިހާރުތައް ހުއްޓާލުމާ ގުޅިގެން މާލީ ދަތިކަން އިންތިހާއަށް!
ނޫސްތައް ހިންގުމުގައި ލިބޭ އާމްދަނީ އެންމެ ބޮޑަށް ބިނާވެފައިވަނީ އެ ނޫހަކަށް އެކިއެކި ވިޔަފާރިތަކުން ލިބޭ އިޝްތިހާރުގެ މައްޗަށް ކަމަށް ވާއިރު ކޮވިޑް19 އާ ގުޅިގެން، މީޑިއާތަކުގެ އާމްދަނީ އެވްރެޖްކޮށް 60 އާއި 80 ޕަސެންޓާ ދެމެދުގެ މިންވަރެއް މަދުވެފައިވާ ކަމަށް މީޑިއާތަކުގެ އިސްވެރިން ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އާކުރުމުގެ ފުރުސަތު ލިބިފައިވާ އިޝްތިހާރުގެ ކޮންޓްރެކްޓަށް އާނުކުރުމަށާއި ހިނގަމުންދިޔަ ކޮންޓްރެކްޓްތައް ކުއްލިއަކަށް އުވާލުމާއި އަދި "ވަގުތީ ގޮތުން" ކަމަށްބުނެ ކޮންޓްރެކްޓްތައް އުވާލުމުގެ އިތުރުން މާލެ ސަރަހައްދު ލޮކްޑައުންއަކަށް ދިއުމާހަމައަށް ނުވަތަ ކޮންޓްރެކްޓް އުވާލުމާ ހަމައަށްވެސް އެކިއެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާ ނުލިބޭކަން ގިނަ މީޑިއާތަކުން ފާހަގަކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނެފައި ވަނީ ފައިސާގެ މި ދަތިތައް އިންތިހާއަށް ކުރިމަތިވުމާ ގުޅިގެން މުވައްޒަފުންނަށް ދެމުންދިޔަ ބައެއް އެލަވަންސްތައް ކަނޑައިލުމާއި، އެލަވަންސްތައް ކުޑަކުރުން އަދި މުސާރަވެސް ކުޑަކުރަންޖެހުނުކަމަށެވެ.
ދިރާސާގައި ބައިވެރިވި ހުރިހާ މީޑިއާއަކުން ވެސް ބުނެފައި ވަނީ ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވި ނަމަވެސް، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން، މީޑިއާތަކަށް ތައާރަފްކުރި ހާއްސަ ލޯނުގެ ދަށުން ސާވޭގެ ރިޕޯޓް ނެރުމާ ހަމައަށް އެއްވެސް މީޑިއާއަކަށް އަދި އެ ލޯނުގެ ދަށުން ފައިސާ ދޫކޮށްފައި ނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މާލީ އެހީތެރިކަމެއް ނުލިބި ލަސްވުމުގެ ސަބަބުން، ބައެއް މީޑިއާތައް ހުއްޓާލަން ޖެހުމުގެ ބިރު އޮތްކަން ވެސް މީޑިއާ ކައުންސިލްގެ ރިޕޯޓްގައި ފާހަގަކުރި އެވެ. އަދި މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުން ވީހާ ވެސް އަވަސް ކުރުމަށް ކައުންސިލްގެ ރިޕޯޓްގައި ވަނީ ރެކޮމެންޑްކޮށްފަ އެވެ.
މީޑިއާ ކައުންސިލުން ބުނެފައި ވަނީ ނޫސްވެރިންނާއި އަދި މީޑިއާ ތަކަށް ބޮޑެތި ގޮންޖެހުން ހުރިކަން ފާހަގަވެފައިވާ ކަމަށާއި މި މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދާ ނުދެވިއްޖެނަމަ ބައެއް މީޑިއާތައް ހުއްޓާލުމުގެ ބިރުވެސް އޮތް ކަމަށެވެ.
އަދި މިނިވަން ވާދަވެރި، މީޑިއާގެ ވެއްޓެއް ދެމެހެއްޓުމަށްޓަކައި މި ދަނޑިވަޅުގައި ދިވެހި މީޑިއާތަކަށް އިންތިހާއަށް އެހީތެރިކަން ބޭނުންވާކަމަށް އެމްއެމްސީން ވަނީ ބުނެފަ އެވެ.
މިހެންކަމާއެކު، ސާވޭގައި ފާހަގަކޮށްފައިވާ ކަންކަމަށް، އެ ކަންކަމާ ގުޅޭ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދީގެން އަވަސް ހައްލުތަކެއް ހޯދއިދެއްވުމަށް ވަނީ ބާރުއަޅައިފަ އެވެ.