އުރްދުޢާން... މުސްލިމުންގެ އަދުގެ އުއްމީދު

މުސްތަފާ ކަމާލް އަތާތުރްކުގެ ކަޅު ދިދައިގެ ދަށުގައި، ތުރުކީގެ އިލްމާނީން އިސްލާމް ދީނާ ދެކޮޅަށް ހަނގުރާމަ ފެށީ، ތަރައްގީ އާއި ކުރިއެރުމާއި ފާގަތިކަން އޮތީ އިސްލާމް ދީނާ ދުރަށް، "ސޫޑޯ-ލިބަރަލް" ވިސްނުންތަކާ ކައިރިއަށް ދެވުނީމައޭ ބުނެ ދައުވާ ކުރަމުންނެވެ. ނަމަވެސް އެ ދަތުރުގައި ތުރުކީއަށް ލިބުނު މޮޅެއް، ހާސިލު ވި ކާމިޔާބެއް ނެތެވެ. އޭގެ ނުވަދިހަ ވަރަކަށް އަހަރު ފަހުން، ތުރުކީގެ މަސްރަހު މިހާރު ދަނީ މުޅީން ބަދަލު ވަމުންނެވެ.

މިހާރު ތުރުކީގެ ވެރިކަމުގައި ހުންނެވީ ރަޖަބް ޠައްޔިބް އުރުދުޣާނެވެ. ފަގީރު އާއިލާއަކަށް އުފަންވެވަޑައިގަތް އުރްދުޣާނެވެ. ތުއްޕުޅު އިރު އޭނާ އިސްތަންބޯލުގެ މަގުތަކުގައި ލެމަނޭޑާއި "ސިމިތު" އެވެ ކިޔޭ ފޮނި ކާއެއްޗެއް ވިއްކަވަން އުޅުއްވިއެވެ. އާއިލާގެ ނުފުދުންތެރިކަމުގެ ސަބަބުންނެވެ. ޒުވާން އުމުރުފުޅުގައި އޭނާ ފުޓްބޯޅަ ކުޅުއްވިއެވެ. އޭގެ އަހަރުތަކެއް ފަހުން، މިއަދު ދުނިޔޭގެ އެތައް މިލިއަން މުސްލިމުން ގަބޫލު ކުރަނީ އުރްދުޣާނަކީ އިސްލާމީ އުއްމަތުގެ "އާ ދައުރެއްގެ ބަތަލް" ކަމަށެވެ.

އުރްދުޣާން ސާބިތު ކޮށްދެއްވާފައި ވަނީ ތަރައްގީއަށް ޓަކައި މުސްލިމުން ހުޅަނގަށް އަޅުވެތި ވާން ނުޖެހޭ ކަމެވެ. 2003 ވަނަ އަހަރު ތުރުކީގެ ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތް އުރުދުޣާންގެ ޒައާމަތުގައި، ވެއަތުވެ ދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ތުރުކީ ހޯދާފައި ވާ ކުރިއެރުންތަކަކީ އާދަޔާ ހިލާފު ކުރިއެރުންތަކެކެވެ. އެއާއެކު ތުރުކީގައި އިސްލާމް ދީނަށް ނަސުރު ދެއްވަން އޭނާ އާއި އޭނާގެ އެކުވެރީން ކުރައްވާ މަސައްކަތްޕުޅުތައް މިއަދު މުޅި އިސްލާމީ ދުނިޔެ ދެކެނީ ލޯތްބާއި ޝުކުރުވެރިކަމުގެ ކަރުނަވީ ލޯތަކަކުންނެވެ.

އުރުދުޣާންގެ އިސްލާމީ ހަރަކާތުގެ ކާމިޔާބީއާ އެކު ސާބިތު ވެގެން ދިޔަ އެންމެ މުހިއްމު ހަގީގަތަކީ ތުރުކީގައި ލާދީނިއްޔަތާއި އިލްމާނިއްޔަތުގެ އޮށް އިންދި މުސްތަފާ ކަމާލުގެ ނުބައި ފިކުރުގެ މާނައެއް ނެތް ކަމެވެ. އަޅުގަނޑުމެން ދިވެހީންނަށް މި ހަގީގަތް ވަކީން މުހިއްމު ވާ ސަބަބެއް އެބައޮތެވެ. މިއަދު އަޅުގަނޑުމެންނަށް މި ތިބެވެނީ، މީގެ ނުވަދިހަ ވަރަކަށް އަހަރު ކުރީން ތުރުކީވިލާތް އޮތް ފަދަ ހާލަތެއްގައި ކަމަށް ވާތީއެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެރިކަމުގެ ބާރު އޮތީ ރީނދޫ އިލްމާނީންގެ އަތްމަތީގައެވެ. އެބައިމީހުން ގެންދަނީ ދިވެހި ބިމުގައި ބާތިލު އިލާހުންގެ ނަން އުފުލައި، ދީނަށް ފުރައްސާރަ ކުރަމުންނެވެ. "ސައިލެންޓް ސޮލިޑެއަރިޓީ" ފަދަ މޮޅު އިބާރާތްތަކުން ތިމާމެންގެ ނަފުސުތައް ސިފަ ކުރާ ހާލު، ހައްގުގެ އަޑު ހިންދައިލަން އުޅޭ މީހުންގެ ހަރަކާތްތައް މި ދީބުގައި ފެތުރި އާއްމު ވަނީއެވެ. އެހެންކަމުން ތުރުކީގެ މި ޒަމާނުގެ ތާރީހުން މި ފެންނަ އިބުރަތްތެރި މަންޒަރުތަކަށް ދިވެހީން ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

ރަޖަބް ޠައްޔިބް އުރްދުޣާންގެ ސިޔާސީ ހަޔާތްޕުޅު

އުރްދުޣާން އުފަންވެވަޑައިގަތީ 1954 ވަނަ އަހަރުއެވެ. އޭނާގެ ތައުލީމީ ހަޔާތްޕުޅު ފެށުނީ އިސްތަންބޯލުގެ ދީނީ މަދަރުސާއެއް ކަމަށް ވާ އިމާމް ޙާތިބް މަދަރުސާގައެވެ. މަތީ ތައުލީމު ހާސިލު ކުރެއްވީ އިސްތަންބޯލުގެ މަރްމަރާ ޔުނިވަރުސިޓީން، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. ތުރުކީގެ އިސްލާމީ ސިޔާސީ ހަރަކާތްތަކާ އޭނާ ގުޅިވަޑައިގަތީ 1976 ވަނަ އަހަރުއެވެ. ނެޝަނަލް ސެލްވޭޝަން ޕާރޓީގެ ނަމުގައި ތުރުކީގެ މަޝްހޫރު އިސްލާމީ ލީޑަރު ނަޖްމުއްދީން އަރްބަކާން ހިންގެވި ސިޔާސީ ޕާޓީގެ ޒުވާނުންގެ ގޮފީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ތުރުކީގެ ލާދީނީ އަސްކަރިއްޔާއާ ދެކޮޅަށް އަރްބަކާން ކުރެއްވި ޖިހާދުގައި އެންމެ ފުރިހަމަޔަށް އުރްދުޣާން ބައިވެރިވެވަޑައިގަތެވެ. 1991 ވަނަ އަހަރު ޕާލަމެންޓުގެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެއްވިއެވެ. ޒައާމަތުގައި އުރްދުޣާންގެ އާދަޔާ ހިލާފު ހުނަރުތައް އެންމެ ރަނގަޅަށް ފެނިގެން ދިޔައީ 1994 ވަނަ އަހަރު ތުރުކީގެ ވެރިރަށް އިސްތަންބޯލުގެ މޭޔަރުކަމުގެ މަގާމަށް ވަޑައިގަތުމަށް ފަހުއެވެ. 1996 ވަނަ އަހަރުގެ އިންތިހާބުގައި ނެޝަނަލް ސެލްވޭޝަން ޕާރޓީއަށް ތުރުކީގެ ވެރިކަން ލިބި، ނަޖްމުއްދީން އަރްބަކާން ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވީ އިސްތަންބޯލުގެ މޭޔަރުކަމުގެ މަގާމުގައި އުރްދުޣާން ހުންނަވަނިކޮށެވެ.

1997 ވަނަ އަހަރު، ތުރުކީގެ އަސްކަރިއްޔާއިން އަރްބަކާންގެ ސަރުކާރު ވައްޓާލައި ނެޝަނަލް ސެލްވޭޝަން ޕާރޓީ އުވާލިއެވެ. އިސްލާމީ ހަރަކާތާ ދެކޮޅަށް ހިންގުނު ޓެރަރިސްޓް އޮޕަރޭޝަނެއްގެ ދަށުންނެވެ. މި ކަންތައްގަނޑުގެ ތެރޭގައި، އުރްދުޣާން ދެއްވި ތަގުރީރެއްގައި ތުރުކީ ބަހުގެ މަޝްހޫރު ޅެންބައިތެއް ވިދާޅުވިއެވެ. އެ ޅެންބައިތުގެ މާނައަކީ "އަހަރެމެންގެ ކިއްލާތަކަކީ މިސްކިތްތަކެވެ. އަހަރެމެންގެ ބަޑިތަކަކީ އެ މިސްކިތްތަކުގެ މުންނާރުތަކެވެ. އަހަރެމެންގެ ސިފައިންނަކީ ތެދުވެރި މުއުމިނުންނެވެ" މިއެވެ. މި ޅެންބައިތަކީ ހަރުކަށިކަމާއި ހަނގުރާމައިގެ މާނައެއް ނެތް، އިސްލާމް ދީނުގެ ބާރަކީ ފިކުރީ ބާރެއް ކަން ހާމަ ކޮށްދޭ ޅެންބައިތެކެވެ. ނަމަވެސް ތުރުކީގެ "ޒަމާނީ އިލްމާނީންނަށް" އެ ޅެންބައިތު އިވުނީ ނިރުބައިގެ އިންޒާރެއްގެ ގޮތުގައެވެ. މިއަދުގެ ދުނިޔޭގެ އާދަ، އެހެން ނޫންތޯއެވެ؟
މި ދެންނެވި ތަގުރީރަށް ފަހު ތުރުކީގެ އަސްކަރިއްޔާގެ ފަރާތުން އުރުދުޣާން ހައްޔަރު ކުރިއެވެ. ކޯޓަށް މައްސަލަ ދިޔުމުން، ކޯޓުން އުރްދުޣާން ކުށްވެރި ވާ ކަމަށް ނިންމައި، 10 މަސް ދުވަހަށް އޭނާ ޖަލަށް ލާން ހުކުމް ކުރިއެވެ. އަދި މުޅި އުމުރުފުޅަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުން މަނާ ކުރިއެވެ.

މި ދެންނެވި ހާދިސާތަކަށް ފަހު އުރްދުޣާނަށް ގަބޫލުފުޅު ކުރެއްވުނީ ތުރުކީގެ އިސްލާމީ ހަރަކާތުގެ މޫނުމަތި ބަދަލު ކޮށްލަން ޖެހޭ ކަމަށެވެ. ހުޅަނގާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކައި، އިލްމާނިއްޔަތާ ދެކޮޅަށް މާ ހާމަކަން ބޮޑުކޮށް ތެދުވުމުން ކާމިޔާބުގެ ފުރުސަތު ހަނި ވާނެ ކަމަށެވެ. އިސްލާމީ ހަރަކާތުގެ ލީޑަރުންގެ ތެރެއިން ގިނަ ބޭފުޅުން އުރްދުޣާންގެ އާ ވިސްނުންފުޅަށް ދީލައިލެއްވިއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ތުރުކީގެ މިހާރުގެ ރައީސް ޢަބްދުﷲ ގުލް އާއި މިހާރުގެ ހާރިޖީ ވަޒީރު އަޙްމަދު ދަވުތޮގްލޫ ހިމެނިވަޑައިގަތެވެ.

އުރްދުޣާންގެ ޓީމުގެ ބޭފުޅުން އާ ޕާޓީއެއް އުފެއްދެވީ 2001 ވަނަ އަހަރުގައެވެ. އެއީ "އަދާލަތު ވެ ކަލްކީންމާ ޕާރޓީސީ" ނުވަތަ އޭކޭޕީއެވެ. އިނގިރޭސި ބަހުން ކިޔާ ގޮތުން، ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާރޓީއެވެ. އޭކޭޕީއަށް ތުރުކީގެ ވެރިކަން ލިބުނީ 2002 ވަނަ އަހަރުއެވެ. އުރްދުޣާން ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތީ 2003 ވަނަ އަހަރުއެވެ.

ހަގީގީ ހެޔޮ ވެރިކަން

ރަޖަބް ޠައްޔިބް އުރްދުޣާނަކީ ހިކުމަތްތެރި އިސްލާމީ ލީޑަރެކެވެ. ތުރުކީގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތުމަށް ފަހު، ތުރުކީގެ އިސްލާމީ ޝަހުސިއްޔަތު އަލުން ދިރުވުމުގެ މަސައްކަތް އޭނާ ކުރައްވަމުން ގެންދަވަނީ އެ މަސައްކަތުގެ މައިބަދަ ބިންދައިގެން ނުދާނޭ ގޮތަށެވެ. އޭނާގެ އަތްޕުޅުގައި އޮތް ވަލަށް ދަންމަވަނީ އެ ވާ ކަނޑައިގެން ނުދާނޭ ވަރު ބައްލަވައިގެންނެވެ. އޭނާ ދައްކަވާ ބައެއް ވާހަކަފުޅުތަކުން އޭނާއަކީ އިލްމާނިއްޔަތު ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ކަމަށް ވެސް ފެނެއެވެ. އެހެންކަމުން ތުރުކީގެ އިލްމާނީންނާއި ހުޅަނގަށް ވެސް ފާޅުގައި އޭނާއާ ދެކޮޅަށް ކުރެވޭނެ ކަމެއް ނެތެވެ.
ކުރީގެ ދައުރުތަކުގައި ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާ ދެކޮޅަށް އެޅިފައި ހުރި އެތައް ފިޔަވަޅުތަކެއް އުރްދުޣާން ވަނީ އުވާލައްވައިފައެވެ. އޭގެ ތެރޭގައި 1991 ވަނަ އަހަރު ފާސް ކުރެވިފައި ހުރި ނިރުބަވެރިކަމާ ދެކޮޅު ގާނޫނުތައް ހިމެނެއެވެ. ޔޫރަޕިއަން ކޯޓް އޮފް ހިޔުމަން ރައިޓްސް އަށް، ތުރުކީގެ ކޯޓުތަކުގެ މައްޗަށް މުލްޒަމް ހުކުމްތައް އިއްވުމުގެ ބާރު ދެއްވުމަކީ ވެސް މިފަދަ އެއް ފިޔަވަޅެވެ. ކުރުދީންގެ ހައްގުތަކަށް ޓަކައި ވެސް އޭނާ ވަނީ ކުރީގެ ވެރިޔަކު ނުކުރައްވާ ފަދަ މަސައްކަތްތަކެއް ކުރައްވައިފައެވެ.

އުރްދުޣާންގެ ކާމިޔާބީތައް އެންމެ ބޮޑީ އިގުތިސާދީ ދާއިރާގައެވެ. އުރްދުޣާނާއި އޭކޭޕީގެ ވެރިކަމުގައި، ތުރުކީ ވަނީ އިގުތިސާދީ ކުރިއެރުމުގެ ދުވެލި 7.3 އިން ސައްތައިގައި ހިފަހައްޓައިފައެވެ. އުރްދުޣާން ވެރިކަމަށް ވަޑައިގަތް އިރު ތުރުކީގެ ދަރަނީގެ މިންވަރަކީ 23.5 ބިލިއަން ޑޮލަރެވެ. ހަތް އަހަރުގެ ތެރޭގައި އޭނާ މި އަދަދު 6.1 ބިލިއަން ޑޮލަރަށް ދަށް ކުރެއްވިއެވެ. 2013 ވަނަ އަހަރުގެ ނިޔަލަށް މި ދަރަނި މުޅީން ހަލާސް ކުރެވޭނެއެވެ. ހަމައެއާއެކު އުރްދުޣާންގެ ސަރުކާރުން މިހާރު ވަނީ އިތުރަށް ދަރަންޏަށް ނެގުން މުޅީން ހުއްޓާލައިފައެވެ. 2002 ވަނަ އަހަރު ތުރުކީގެ ސެންޓްރަލް ބޭންކުގެ ރިޒާރވްތަކުގެ ޖުމުލަޔަކީ 26.5 ބިލިއަން ޑޮލަރެވެ. 2011 ވަނަ އަހަރު ފެށުނު އިރު މި އަދަދު ވަނީ 92.2 ބިލިއަން ޑޮލަރަށް އިތުރު ވެފައެވެ. 2002 ވަނަ އަހަރު ތުރުކީގެ އިންފްލޭޝަން ރޭޓު ހުރީ 34.9 އިން ސައްތައިގައެވެ. 2011 ވަނަ އަހަރު ފެށުނު އިރު މި މިންވަރު ވަނީ 5.7 އިން ސައްތައަށް ދަށް ކުރެވިފައެވެ. ހަމަ މި މުއްދަތުގެ ތެރޭގައި ތުރުކީގެ ޖީޑީޕީ ޕަރކެޕިޓާ ވަނީ އެމެރިކާ ޑޮލަރުން 10079 އެމެރިކާ ޑޮލަރަށް، 288 އިން ސައްތައިގެ މިންވަރުން އިތުރު ވެފައެވެ. މީގެ އިތުރަށް، އުރްދުޣާންގެ ސަރުކާރުން ވަނީ ތުރުކީގެ ބަޖެޓް ޑެފިސިޓް ތިންބައި ކުޅަ ދެބައިގެ މިންވަރުން ކުޑަ ކޮށްފައެވެ.

އުރްދުޣާންގެ ހާރިޖީ ސިޔާސަތު ވެސް ނުހަނު ކާމިޔާބެވެ. ތުރުކީގެ ވަތަނީ ދައުލަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް ތުރުކީއަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ލިބިފައި ނެތް ފަދަ މަގާމެއް އުރްދުޣާނާއި، އޭނާގެ ހާރިޖީ ވަޒީރު އަޙްމަދު ދަވޮތުގްލޫ ވަނީ އެ ގައުމަށް ހޯއްދަވައިދެއްވާފައެވެ. އިސްލާމީ ދުނިޔޭގައި ތުރުކީގެ މަގުބޫލުކަން އިތުރު ވަމުންދާ އިރު، ހުޅަނގާ އެކު އޭނާ މުއާމަލާތު ކުރައްވާ ހިކުމަތްތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ހުޅަނގަށް ވެސް އޭނާއާ ދެކޮޅަށް ނަގާނެ އެއްވެސް ހަތިޔާރެއް ނުފެނެއެވެ. އެމެރިކާ ފަދަ ގައުމުތަކަށް ވެސް މަޖުބޫރު ވެފައި ވަނީ ހިން ދިރުވާލާފައި، އުރްދުޣާންގެ ސަރުކާރަށް ތައުރީފުގެ ބަސްތައް ރައްދު ކުރާށެވެ.

އާ ދައުރުގެ ބަތަލް

ތުރުކީވިލާތުގެ ބޮޑުވަޒީރު ރަޖަބް ޠައްޔިބް އުރުދުޣާނަކީ އިސްލާމީ އުއްމަތުގެ "އާ ދައުރުގެ ބަތަލެއް" ކަމަށް ބުނާނެ ޖާގަ އެބައޮތެވެ. އިސްލާމް ދީނުގެ ހައްގުގައި އޭނާ ޖަލުގެ ގޮޅިތަކާއި، މަލާމާތާއި ފުރައްސާރައިގެ ހަމަލާތަކާއި، އެކިއެކި ވައްތަރުވައްތަރުގެ ދަތިކުރުންތައް ތަހައްމަލު ކުރެއްވިއެވެ. ތުރުކީގެ މުސްލިމުންގެ ފުރިހަމަ ތާއީދާ އެކު ވެރިކަމަށް ވަޑައިގެން، ގައުމާއި ރައްޔިތުންގެ ފައިދާއަށް ޓަކައި، ލާދީނީ އިލްމާނީންނަށް ހުވަފެނުގައި ވެސް ނުކުރެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވިއެވެ. ތުރުކީގެ އިސްލާމީ ޝަހުސިއްޔަތު ދިރުވުމުގެ ބުރަ މަސައްކަތް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ކުރައްވަން ފެއްޓެވިއެވެ. މިއަދު މުޅި އިސްލާމީ އުއްމަތުގެ ހުވަފެންތައް އުރްދުޣާނާ ގުޅެމުން ދާ ސަބަބުތަކަކީ މިއެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެންމެ ހިކުމަތްތެރިކަމާ އެކު ތެދުވެވަޑައިގަތް އިސްލާމީ ލީޑަރަކީ ވެސް އުރްދުޣާނެވެ. އޭނާ އެކަން ކުރެއްވީ އިސްލާމީ ތަހުޒީބާއި އަހުލާގުގެ ރީތި ފުރިހަމަކަމުގެ މިސާލެއް ދައްކަވަމުންނެވެ. ހިކުމަތްތެރިކަމާ އެކު، އެކަމުގެ ރަނގަޅު ސާއަތުގައެވެ. ރަނގަޅު ސަބަބު ފެންމަތި ވުމުންނެވެ. އިންސާފުގެ ބަސްތަކާ އެކުގައެވެ. ކަނު ނަފްރަތަކާ އެކުގައެއް ނޫނެވެ.
"އޮޕަރޭޝަން ކާސްޓް ލީޑް" ގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދިޔަ ގަތުލުއާއްމުތަކާ ބެހޭގޮތުން ޝިމޯން ޕެރޭޒާ، 2009 ވަނަ އަހަރު އޮތް ވޯރލްޑް އިކޮނޮމިކް ފޯރަމުގައި އުރްދުޣާން ބަހުސް ކުރެއްވިއެވެ. ޝިމޯން ޕެރޭޒް އަޑުގަދަ ކުރައްވައި، ފަލަސްތީނުގެ އެންމެންނަކީ ޓެރަރިސްޓުންކަން ސާބިތުކުރަން ހުޅަނގާއި އަދި ދިވެހިރާއްޖެ ފަދަ ތަންތަނުގައި ތިބޭ ޒައިނިސްޓުން އާއްމުކޮށް ދައްކާ ވާހަކަތައް ތަކުރާރު ކުރައްވަން ފެއްޓެވުމުން އުރްދުޣާން ވިދާޅުވިއެވެ. "މިސްޓަރ ޕެރޭޒް އެވެ! މަނިކުފާނަކީ އަޅުގަނޑަށް ވުރެ އުމުރުފުޅުން ދޮށި ބޭފުޅަކީމުއެވެ. މަނިކުފާނުގެ އަޑުފުޅު ހިސާބަށް ވުރެ ގަދަ ވަމުން ދަނީ މަނިކުފާނުގެ ސަރުކާރުން ކުރާ ކަންތައްތަކާ މެދު ލަދުވެތިވުމުގެ އިހުސާސްތައް މަނިކުފާނުގެ ޒަމީރުގައި އުފެދޭތީކަން ނޭނގެއެވެ. މީސްތަކުން މަރަން ވީމާ އެކަން ކުރާނޭ ގޮތް މަނިކުފާނަށް ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވަމުއެވެ. ތިޔަބޭފުޅުން (ޣައްޒާގެ) ގޮނޑުދޮށްތަކުގައި ގަތުލު ކުރެއްވި ކުޑަކުދީންގެ މައްޗަކުން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ."

2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ފްލޮޓީލާގައި ބައިވެރި ވި ތުރުކީގެ މާވީ މަރްމަރާއަށް އިޒްރޭލުގެ ޓެރަރިސްޓް ސިފައިން އަރައި، އޭގައި ތިބި އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ ތުރުކީ އެކްޓިވިސްޓުންގެ ތެރެއިން ދިހަ މީހަކު އަނިޔާވެރިކަމާއެކު މަރައިލިއެވެ. އިޒްރޭލާ އެކު އޮތް ގުޅުން މުޅީން ކަހަލަ ގޮތަކަށް ކަނޑާލަން އުރްދުޣާން ނިންމެވީ މި ރަނގަޅު ދަނޑިވަޅުގައެވެ. އެ ހާދިސާއާ ގުޅިގެން ތުރުކީގައި ހުރި އިޒްރޭލުގެ އެމްބަސީ ބަންދު ކުރެވުނެވެ. އަދި އިޒްރޭލާ އެކު ތުރުކީން ބާއްވަމުން އައި ގާތް އަސްކަރީ ގުޅުންތަކުގެ ބާބު ނިންމައިލެވުނެވެ. މިއަދާ ހަމަޔަށް ވެސް އުރްދުޣާން ގެންދަވަނީ ފަލަސްތީނުގެ އަނިޔާ ލިބިފައިވާ ލޮބުވެތި ރައްޔިތުންގެ ހައްގުގައި އަޑުފުޅު އުފުއްލަވަމުންނެވެ. ލާއިންސާނީ ފުރޭތައެއް ފަދަ އިޒްރޭލާ ދެކޮޅަށް އިސްލާމީ އަހުލާގީ އަގުތަކުގެ އިމުގެ ތެރޭގައި، ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު މަސައްކަތް ކުރައްވަމުންނެވެ.

މުސްލިމުންގެ ލޯބި އުރްދުޣާނަށް ...

ތުރުކީގެ ރައްޔިތުންގެ ތެރޭގައި އެ ގައުމުގެ އިސްލާމީ ލީޑަރުންނާ މެދު ވަރަށް ބޮޑު ލޯތްބެއް އޮންނަ ކަމީ ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމެކެވެ. ނަމަވެސް އުރްދުޣާނަށް ތުރުކީގައި ލިބިވަޑައިގެންފައި ވާ ފަދަ މަގުބޫލުކަމެއް މީގެ ކުރީން އެ ގައުމުގެ އިސްލާމީ ލީޑަރަކަށް ވެސް ލިބިފައެއް ނުވެއެވެ. އެކަން އެންމެ ރަނގަޅަށް ފެނުނީ މި އަހަރުގެ ޖޫން މަހު ބޭއްވުނު އިންތިހާބުންނެވެ. މި އިންތިހާބު އުރްދުޣާންގެ ޕާޓީ ކާމިޔާބު ކުރީ އާދަޔާ ހިލާފު ބޮޑު ތަފާތަކުންނެވެ. ސިޔާސީ އިސްތިލާހުގައި ސިފަ ކުރާ ގޮތުން ނަމަ "ލޭންޑްސްލައިޑް ވިކްޓްރީ" އަކާ އެކުގައެވެ. އުރްދުޣާންގެ އޭކޭޕީއަށް އިންތިހާބުގައި ބަރުލަމާނުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ގޮނޑި ލިބުނެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު އުރްދުޣާން މިސުރަށް ދަތުރުފުޅެއް ކުރެއްވިއެވެ. އުރްދުޣާންގެ ވަފުދު ޤާހިރާއަށް އައީ ރޭގަނޑެއްގެ ދަންވަރުއެވެ. ނަމަވެސް އުރްދުޣާނަށް މަރުހަބާ ދެންނެވުމަށް ޓަކައި ވައިގެ ބަނދަރަށް ދިޔަ މީހުން ގިނަކަމުން ޤާހިރާގެ ބޮޑު ބައެއް ޓްރެފިކްޖޭމް ވެގެން ދިޔައެވެ. އެތައް ހާސް ބަޔަކު ވައިގެ ބަނދަރަށާއި، ކައިރި ހިސާބުތަކަށް ބައިބަޔަށް ޖަމާވެފައި ތިބީ ތުރުކީގެ ދިދަތަކާއި އުރްދުޣާންގެ ފޮޓޯފުޅުތައް ހިފައިގެންނެވެ. މީޑިޔާގެ މުރާސިލުން އުރްދުޣާނާ އެކި ސުވާލުތައް ކުރަމުން ދިޔަ އިރު މުޅި ޖައްވު ގުގުމަމުން ދިޔައީ "އުރްދުޣާން! އުރްދުޣާން! ހަގީގީ މުސްލިމެއް، ފިނޑިއެއް ނޫން" މިހެން ބުނެ އެތައް ހާސް ބަޔަކު އެއް ވަޒަނަކަށް ކުރަމުން ދިޔަ ނަގަރާގެ އަޑުންނެވެ.
މިޞުރުން ފެއްޓެވި ދަތުރުފުޅުގައި، "ޢަރަބި ރަބީޢު" ގެ ގައުމުތައް ކަމަށް ވާ ޓިޔުނީޝިއާ އާއި ލީބިޔާއަށް ވެސް ޒިޔާރަތް އުރްދުޣާން ކުރެއްވިއެވެ. މިއިން ކޮންމެ ގައުމަކުން ވެސް އުރްދުޣާނަށް ދެންނެވުނީ އާއްމުކޮށް ސިޔާސީ ލީޑަރުންނަށް ނުކިޔޭ ފަދަ މަރުހަބާއެކެވެ. ރައްޔިތުން ނިކުމެ، ރައްޔިތުން ކީ މަރުހަބާއެކެވެ. ރަތް ދޫލަ އަޅައި، ނާޗަރަންގީގެ މަހެފިލްތައް ބާއްވައި، މިލިއަން ރުފިޔާގެ ކޭންތައް ހަދައި، އަތްތިލަބަޑި ޖަހާނެ މީހުން ކުއްޔަށް ގެނެސްގެން ސިޔާސީ ލީޑަރުން ކިޔާ ފަދަ ދެއްކުންތެރި މަރުހަބާއެއް ނޫނެވެ.

2010 ވަނަ އަހަރު އެމެރިކާގެ ޔުނިވަރސިޓީ އޮފް މެރީލޭންޑްގެ ތަޖުރިބާކާރުން ޒޮގްބީ އިންޓަރނޭޝަނަލް އާ ގުޅިގެން ޢަރަބި ދުނިޔޭގައި ހިޔާލު ހޯދުމުގެ ދިރާސާއެއް ކުރިއެވެ. މި ދިރާސާގައި ބެލިފައި ވަނީ މެދުއިރުމަތީގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ކޮބައިތޯއެވެ. ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި ޢަރަބީންގެ ލޯބި މިހާރު އެންމެ ބޮޑަށް ލިބިވަޑައިގެންފައި ވާ ލީޑަރަކީ އުރްދުޣާނެވެ.
ޢަރަބި އިސްލާމީ ދުނިޔޭގެ އިސްލާމީ ސިޔާސީ ހަރަކާތްތަކުގެ ލީޑަރުން ވެސް އުރްދުޣާނާ މެދުގައި ބައްލަވަނީ ރުހިވަޑައިގަތުމުގެ ލޯފުޅުންނެވެ. މިޞުރުގެ އިޚްވާނުލް މުސްލިމީންގެ ލީޑަރެއް ކަމަށް ވާ އައްސާމް އަރްޔާން ވިދާޅުވެފައި ވެއެވެ. "އުރްދުޣާން ތުރު ކުރައްވަނީ ސޫޓެވެ. ނަމަވެސް އޭނާ ނަމާދު ކުރައްވަނީ މިސްކިތުގައެވެ. އެހެންކަމުން އަހަރެމެންނަށް އަހަރެމެންގެ ހިތްތަކާ އޭނާއާ ގުޅުވައިލެވެއެވެ." ޓިޔުނީޝިއާގެ އިންގިލާބަށް ފަހު ބޭއްވުނު އިންތިހާބުގައި އެ ގައުމުގެ ބާރުތައް ހޯދާފައި ވާ އިސްލާމީ ޕާޓީ ކަމަށް ވާ އައްނަހްދާގެ ލީޑަރެއް ކަމަށް ވާ ޢަބްދުލްޙަމީދު ޖަލާސީ ވިދާޅުވެފައި ވަނީ "އުރްދުޣާން ވާހަކަފުޅު ދައްކަވަނީ އަހަރެމެންނާ އެއް ބަހުރުވައަކުންނެވެ. އެހެންކަމުން އޭނާ ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން އަހަރެމެން އަޑު އަހަމުއެވެ" މިފަދައިންނެވެ.

ރަޖަބް ޠައްޔިބް އުރްދުޣާނަކީ މި ގަރުނުގައި އިސްލާމީ ދުނިޔެ ދުށް އެންމެ މަތިވެރި އެއް ސިޔާސީ ލީޑަރެވެ. އޭނާ ﷲ އާއި އެކަލާނގެ ދީނަށް ލޯބި ކުރައްވައެވެ. އޭނާ މުސްލިމުންގެ ސަފުތަކުގައި، ﷲ ގެ ރަސްކަންފުޅަށް ކުރިމަތިލައްވައި ޚުޝޫއަތާ އެކު ނަމާދުފުޅު ކުރައްވައެވެ. ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެއެވެ. އެ ފޮތުގެ އަމުރުފުޅުތަކަށް ތަބާ ވެވަޑައިގަނެއެވެ. ފަހުރުވެރިކަމާއި ޝަރަފުވެރިކަމާއި ހިކުމަތްތެރިކަމާ އެކު މުސްލިމުންގެ ހައްގުތަކަށް ޓަކައި ވަކާލާތު ކުރައްވައި މަސައްކަތް ކުރައްވައެވެ. އޭނާ މުސްލިމުން ދެކެ ލޯބި ވެވަޑައިގަންނަވައެވެ. އެހެންކަމުން އޭނާއަށް މުސްލިމުންގެ ލޯބި ވަނީ ލިބިވަޑައިގެންފައެވެ. ޒަމާންތަކަކަށް ފަހު އިސްލާމީ ދުނިޔޭގައި "ޢުޘްމާނީ ޚިލާފަތު" ގެ ވާހަކަ މިހާރު އަނެއްކާވެސް ދެކެވެން ފަށާފައި ވަނީ މި ސަބަބުތަކަށް ޓަކައެވެ. ތެދުވެރި މުސްލިމުންގެ ދޫތަކުގައި އޭނާއަށް ޓަކައި ހެޔޮ ދުޢާތައް ވަނީ މި ސަބަބުތަކަށް ޓަކައެވެ. "ﷲ ގެ ރަޙުމަތްޕުޅާ އެކު، މި ފަހަރު މިއީ އަވާމެންދުރެއް ނޫނޭ" ބުނެ މުސްލިމުންގެ އެތައް މިލިއަން ބަޔަކު އުއްމީދުގެ ހުޅުކޮޅުތައް ދިއްލަން ފަށާފައި ވަނީ މި ސަބަބުތަކަށް ޓަކައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް