ހައްގުތައް ނުލިބި އަތޮޅުތަކުގައި އަންހެނުން ތިއްބާ މާލެ ވަށާ ބުރިޖު އެޅުން ހަމައެއް ނުޖެހޭ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން -- ފޮޓޯ/ މަޖިލިސް

ނަޖިހުން ތާހިރުވާން ސާފު ފެންފޮދެއްހާ ހިސާބުވެސް ނުލިބޭ ހާލަތުގައި އަތޮޅުތަކުގައި އަންހެނުން ތިއްބާ މާލެ ވަށާ ބްރިޖް އެޅުމުން ދައްކާ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ހުރި ދަތިތައް ދެނެގަތުމަށް ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އަތޮޅުތަކުގެ ގިނަ ރަށްރަށުގައި އަންހެނުން ތިބީ އަސާސީ ހައްގުތަކުން މަހުރޫމުވެފައި ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ އުޅެނީ ގާނޫނަކު ނުވަތަ ގަވައިދަކު ނޫން ކަމަށެވެ.

އަންހެނުންނަށް ހައްގުތައް ކަށަވަރުކޮށްދޭނެ ހަމަ ހަމަ ފުރުސަތު ފަހިކޮށްދޭން ބަދަލުކުރަންވީ ސިޔާސަތުތަކާއި ނިޒާމު ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ގައުމީ ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމުގެ ވާހަކަ ދައްކާއިރު ގައުމުގެ ތަރައްގީ މިނާ މިންގަނޑު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންހެނުންގެ ވާހަކަ ދައްކާއިރު އަންހެނުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. ގިނަ ރަށްރަށުގައި އަންހެނުންނަށް ބޭނުންކުރާނެ ސާފު ފެންވެސް ނެތް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"ސާފުފެނެއް ނެތޭ. ފެނާ ނަރުދަމާއެއް ނެތޭ. އެހެންވީމާ އެމީހުންގެ ޒަރޫރީ ބޭނުންތައް ގަލޯހާޖާ ކުރުމަށްޓަކައިވެސް ދަތި އުނދަގޫ ބުރަ އުފުލަން ޖެހޭ ހާލަތުގައި އަންހެނުން މިތިބީ. އަދި ހަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އޭދަ ފުއްޓަށް ސްކޭން ކުރަން ގޮސްފައި އަންނަ މާބަނޑު އަންހެން މީހާ ކިހާދޫއަށް ފޭބޭނެ ގޮތެއް ނެތް. ފަޅެއް ނެތް. ފައިބައިން ޖެހެނީ ބޮޑު ސިންގާ ދިގު ހަރުގަނޑަކުން." އަލީ ހުސައިން ވިދާޅުވި އެވެ.

ރަށްރަށުގައި ތިބި އަންހެނުންނަށް އަސާސީ ހައްގުތައް ފޯރުކޮށް ނުދީ ތިން ވަނަ ފަހަރަށް މާލޭގެ މަގުތައް ހެދުމާއި މާލެ ވަށާ ހުރި ހުރިހާ ފަޅެއް ހިއްކައި ބްރިޖް އަޅަން ދިމާކުރީމާ ދައްކާ ވާހަކައާ ކުރާ ކަމަކާ ދިމާ ނުވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ގައުމުގެ ތަރައްގީ މިނާ މިންގަނޑަކީ ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ކަމުގައި ބަލާ ބެލުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާވި އެވެ. އޭގެ ބަދަލުގައި ދުޅަހެޔޮކަން އެއީ ތަރައްގީ މިނާ މިންގަނޑުކަމުގައި ބެލެވިއްޖެ ނަމަ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ސިއްހީ ގޮތުން ރަނގަޅު އެތައް ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. ސިޔާސަތުގެ ވާހަކަ ދައްކާއިރު އަދި އަންހެނުން ބާރުވެރިކުރުވާ ވާހަކަ ދައްކާއިރު ގަބޫލުކުރަންޖެހޭ އެތައް ހަގީގަތްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖެގެ ވަރަށް ގިނަ ރަށްރަށުގެ އަންހެނުން ދިރިއުޅުމައްޓަކައި ކުރާ ބައިވަރު މަސައްކަތްތަކަށް ހުރަސް އެޅިފައިވާކަން އޭނާ ފާހަގަކުރު އެވެ.

"ފަންގިވިންނަން ބޭނުންވާ އަންހެން މީހާ ބޭނުންވާ ފަން ހޯދަން ދާނެ ފަޅުރަށެއް ނެތް. ރޯނުވަށަން ބޭނުންވާ މީހާއަށް ރޯނުވަށަން ބޭނުންވާ ބޮނބި ހޯދަން ދާނެ ފަޅުރަށެއް ނެތް. އެހެންވީމާ ސިޔާސަތުތައް އެކުލަވާލެވިފައި މިހުރީ ރާއްޖޭގައި ހުރިއްޔާ ހުރި ހުރިހާ ފަޅުރަށެއްގައި ރިސޯޓު ހަދައިގެން ފަތުރުވެރިކަމަށް ބިނާވެފައި އޮންނަ ސިޔާސަތުތަކެއްގެ މައްޗަށް." އަލީ ހުސައިން ވިދާޅުވި އެވެ.

އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށް ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލާ ގަރާރުގައި ބުނެފައިވަނީ އަންހެނުން ބާރުވެރި ކުރުވުމަށާއި އަންހެނުންނާއި މެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އެކި ގޮތް ގޮތުން އެތައް މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ ގާނޫނާ ގަވާއިދުތަކުގެ ތެރެއިން އަންހެނުންނަށް ލިބިދޭ ހަމަހަމަކަން ކަށަވަރު ކުރުމަށް ކުރެވޭނެ ކަންކަން ދެނެގަތުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.

comment ކޮމެންޓް