ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވް އިން ޕާކިސްތާން ހައިކޮމިޝަނަށް ބިން ދީފި

ޕާކިސްތާނަށް ހޫޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވް އިން ބިން ދޫކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވްގައި ޑިޕްލޮމެޓިކް މިޝަން ގާއިމްކުރުމަށް ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފިއެވެ.

ޕާކިސްތާން ހައިކޮމިޝަނަށް ބިން ދޫކޮށްފައިވަނީ މިކަމަށްޓަކައި ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕާކިސްތާން ހައިކޮމިޝަނަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ލިޔުމާ ހަވާލުވެވަޑައިގެންނެވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑެޒިގްނޭޓް އާތަރް މުހުތާރެވެ.

ޕާކިސްތާނަށް ހޫޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވް އިން ބިން ދޫކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

މާލޭގައިހުރި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުމާލެއަށް ބަދަލުކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް އެއް ގާއިމްކުރުމަށް ސަރުކާރުން ނިންމީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނާއި، ޑިޕްލޮމެޓިކް މިޝަންތަކަށް ރައްކާތެރިކަން ދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ފަސޭހަކުރުމުގެ ގޮތުންނެވެ.

މީގެެ ކުރިން ޕާކިސްތާނަށް ހައިކޮމިޝަން ގާއިމްކުރުމަށް 3000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައިވީނަމަވެސް، މިސަރުކާރުން ވަނީ ބިމުގެ ބޮޑުމިން 12000 އަކަފޫޓަށް ބަދަލުކޮށްފައި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ޑިޕްލޮމެޓިކް އެންކްލޭވްގެ މެދުތެރެއިން މީގެ ދެގުނަ ބޮޑު ބިމެއް ރާއްޖެއަށް ދޭނެކަމަށް ޕާކިސްތާން ސަފީރު މިއަދު ވިދާޅުވި ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މީގެ ކުރިން އިންޑިއާ، ޗައިނާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޔޫއޭއީ އަށް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ދޫކޮށްފައެވެ.

comment ކޮމެންޓް