ހުޅުމާލެ ސިޓީގައި ޕާކް ކޮށްފައި އޮތް ކާރެއްގެ، ހުރިހާ ބިއްލޫރިތަކެއް ތަޅާލައިފި އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 10:30 ގަ އެވެ.
ފުލުހުން ބުނީ، ހުޅުމާލެ މަގުމަތީ ޕާކް ކޮށްފައި އޮތް ކާރަކަށް ގެއްލުންދީފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެގޮތުން ކާރުގެ ފަހަތު ޓެއިލް ލައިޓަށް ގެއްލުނު ދިނުމުގެ އިތުރުން ހުރިހާ ބިއްލޫރިތަކެއް ތަޅާލާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ޕާކް ކޮށްފައި އޮއްވައި ރޭ ބިއްލޫރިތައް ތަޅާލި ކާރު --- ފޮޓޯ: ޝިހާދު
އެ މައްސަލަ ފުލުހުން އަންނަނީ ތަހްގީގް ކުރަމުންނެވެ.
އެ ކާރުގެ ވެރިފަރާތުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އޭނާއަކީ މީހަކަށް އަނިޔާއެއް ދިން މީހެއް ނޫން ކަމަށާއި އޭނާގެ ކާރަށް އެހާ ބޮޑު ގެއްލުމެއް ދޭން ޖެހޭ ސަބަބެއް އެއް ގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ.
ދެ ފަރާތުގެ ބިއްލޫރިތަކާއި ސައިޑް ލައިޓްތައް ތަޅާލައި އެހާ ބޮޑު އަނިޔާއެއް އޭނާއަށް ދިން މީހާއަށް ލިބުނީ ކޮން އުފަލެއް ތޯ ކަމަށް ބުނެ އޭނާ ވަނީ ސުވާލު ކޮށްފަ އެވެ.