އީ-ވޯޓިން އަށް ދާން ކޮމިޝަނުން މަޝްވަރާކޮށްފައެއް ނުވޭ: އަކްރަމް

އީސީގެ ނައިިބު ރައީސް އަހްމަދު އަކްރަމް - ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޓްރޯނިކް ވޯޓިން އަށް ދާން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފައި ނުވާކަމަށް، ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އީސީގެ މެމްބަރު ފުއާދު ތައުފީގު ވަނީ އީ-ވޯޓިންގެ ސަބަބުން ކުރާނެ ފައިދާތަކާ ގުޅޭގޮތުން މީހަކު ކޮށްފައިވާ ޓުވީޓެއް ރީޓުވީޓު ކުރައްވައި، އީސީގެ މެމްބަރުން އެ ޓުވީޓުގައި ޓެގް ކުރައްވައިފައެވެ.

އެހެންކަމުން އީ-ވޯޓިން އަށް ދިއުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކުރަމުން އަންނަނީތޯ "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އަކްރަމް ވިދާޅުވީ އެފަދަ މަޝްވަރާއެއް ކުރެވިފައި ނުވާކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން އީ ވޯޓިންއަށް ދިޔުމަށް މަޝްވަރާ ކުރެވިފައެއް ނުވޭ. އެހެންނަމަވެސް ރީ ރަޖިސްޓްރޭޝަންގެ ކަންތަކުގައި އީވޯޓިންގެ ފީޗާސްތައް އިންޕްލިމެންޓް ކުރުމަށް މަޝްވަރާ ކުރެވިފައި ވަނީ،" އަކްރަމް ވިދާޅުވިއެވެ.

ފުއާދުގެ ޓުވީޓަށް ޖަވާބުދެއްވަމުން، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލާ މީހުންނާއި ސިޔާސީ ޕާޓީތަކުގެ އިތުބާރު ހޯދިއްޖެނަމަ، އީ-ވޯޓިން އަކީ، މިކަހަލަ ދުވަސްވަރެއްގައި، ވޯޓުލާ މީހުންނަށް ވަރަށް ފަސޭހަ ނިޒާމަކަށްވުން އެކަށީގެންވާ ކަމަށެވެ.

އެހެން ނަމަވެސް އީ-ވޯޓިން އަށް ރާއްޖޭގެ ގާނޫނުއަސާސީ އަދި ހުއްދައެއްނުކުރާ ކަން ވެސް ހަބީބް ފާހަގަކުރެއްވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި އީސީއިން ވަނީ ރާއްޖެއަށް އީ-ވޯޓިން ތައާރަފްކުރަން މަސައްކަތްކޮށް އެކަމަށް ދިރާސާތަކެއް ވެސް ކޮށްފަ އެވެ.

ނަމަވެސް އީވޯޓިންއަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެހާ އެކަށޭނަ ނިޒާމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް، މިދިޔަ ޖުލައި މަހު، އީސީގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް