ފުލުހުންގެ ހިދުމަތުގެ ބިލުން މުއައްސަސާ އިތުރަށް ހަރުދަނާ ވާނެ: އިމްރާން

މާޗް 29، 2019، ފުލުހުންގެ މުއައްސަސާ އަށް 86 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ގާނޫނަކަށް ވާއިރު މޯލްޑިވްސް ޕޮލިސް ސާވިސް އަކީ ރައްޔިތުން އެދޭފަދަ ހިދުމަތްދޭ ތަނަކަށްވެ، މުއައްސަސާ އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިލުގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިއަށް ދާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

ބިލު ގާނޫނަކަށް ވާއިރު މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅޭ ކަންކަން ފުރިހަމައަށް ތަރުތީބު ކުރެވި، ރައްޔިތުން އިންތިހާބުކުރާ ސަރުކާރަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ކަންކަން ފުރިހަމައަށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހި، ރައްޔިތުން އެދޭފަދަ ހިދުމަތްދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް، ފުލުހުން ރީފޯމް ކުރަންވީ މުހިންމު ވަގުތު ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ފުލުހުންގެ ހިދުމަތުގެ ބިލެއް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށްޓަކައި ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް އެ ބިލު ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

އަދި މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ތައާރަފުކޮށް، ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅުން ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މެދުވެރިކޮށް އިސްލާހިކުރުމަށް ހުށަހެޅޭ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ކޮމިއުނިޓީ ޕޮލިސިން ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ފުލުހުންގެ ހިދުމަތެއް، ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތަކުގައި ފޯރުކޮށްދެވޭނެ އުސޫލު ތައާރުފުކުރުން.

  • ފުލުހުންގެ ޒިންމާތައް އަދާކުރުމުގައި، ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވަނީ ކަމާގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އުސޫލުތަކުގެ ދާއިރާގެ ތެރޭގައިކަން ކަނޑައެޅިގެން ބަޔާންކުރުން.

  • ކޮމިޝަނަ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މީހުން އައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުތުތައް ކަނޑައެޅުން؛

  • ގާނޫނުއަސާސީއާއި ގާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ހިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ކަނޑައެޅުން؛

  • ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރުނުކުރެވޭނެ ކަމުގައި ކަނޑައެޅުމާއެކު، ފުލުހުންގެ ހިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުން؛

  • ތަހްގީގުތައް ހިންގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރު ބަޔާންކުރުން؛

  • ފުލުހުންގެ ހިދުމަތް ޖަވާބުދާރީކުރުވުމުގައި 241 ކޮމިޓީގެ ދައުރު ބަޔާންކުރުން؛

  • ކުށްކުރުން ހުއްޓުވުމާއި، އަމަން ބެލެހެއްޓުމާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރުތައް އިތުރަށް ތަފްސީލުކޮށް ބަޔާންކުރުން؛

  • ގާނޫނުގައިވާ ގޮތުގެމަތިން މެނުވީ އެއްވުންތައް ރޫޅާލުމުގައި އަމަލުކޮށްގެންނުވާނެ ކަމުގައާއި، ބާރުގެ ބޭނުންކުރަންޖެހޭ ހާލަތެއް އުފަންވެފައިނުވާ ހާލަތެއްގައި ބާރުގެ ބޭނުން ނުކުރުމަށާއި، ބާރުގެ ބޭނުންކުރަންޖެހޭ ހާލަތުގައި، ބޭނުންކުރާ ބާރަކީ، ކުރިމަތިވެފައިވާ ނުރައްކަލާ އެކަށޭނަ، ނިސްބަތްހަމަ ބާރަކަށް ވާންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކުރުން.
comment ކޮމެންޓް