ޑަބްލިއުއެޗްއޯއިން ހަދިޔާކުރި އިތުރު ޓެސްޓް ކިޓުތައް ހަވާލުކޮށްފި

ޑަބްލިއުއެއްޗްއޯއިން ޓެސްޓްކިޓް ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް -19 ބައްޔާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ހަދިޔާކުރި އިތުރު 10،000 ޓެސްޓް ކިޓް މިއަދު ސަރުކާރާ ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކިޓްތަކާ ހަވާލުވެލެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

މިއަދު ހަދިޔާކުރި ކޮވިޑް-19 ބަލީގެ ޓެސްޓްކިޓާއެކު ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކުރި ޓެސްޓްކިޓްތަކުގެ އަދަދު މިހާރު ވަނީ 41،000 އަށް އަރައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއްނެތި ރާއްޖެއަށް ޓެސްޓްކިޓް ލިބެމުންދާނެކަމަށާއި، ޓެސްޓްކިޓްގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ ފަރާތުން ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯއިން މިހާރުވެސް ދަނީ ރާއްޖޭގެ އެކިސަރަޙައްދުތަކުގައި ކޮވިޑަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާޢަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގައި މިހާތަނަށް އެންމެ ބޮޑަށް އުނދަގޫވީ ޓެސްޓް ކުުރުމުގެ މަރުހަލާ ކަމަށެެވެ. އަދި ޑަބްލިއުއެޗްއޯއިން ޓެސްޓްކިޓް ހަދިޔާކުރުމުން މިނިސްޓަރު ވަނީ އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވައިފައެެވެ.

"އަތޮޅު ތެރޭގައިވެސް ޓެސްޓިން ކެޕޭސިޓީ ގާއިމްކުރުމުގެ މަސައްކަތަށްވެސް އެންމެބޮޑު އެހީތެރިކަމެއް މި ފޯރުކޮށްދެނީ ޑަބްލިއުއެޗްއީގެ ފަރާތުން. ދުނިޔޭގައި ޓެސްޓްކިޓް ހޯދަން އެންމެ އުނދަގޫ ދަނޑިވަޅުގައި މިކަން ފަސޭހަވެގެން ދިތައީ ޑަބްލިއުއެޗްއޯގެ ފަރާތުން،" އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް