ވަޒީފާތަކަށް ސިޔާސީ ނުފޫޒު ހުއްޓުވޭނީ ސީއެސްސީ ހަރުދަނާ ވެގެން: އާޒިމް

މެމްބަރު އަލީ އާޒިމް: ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުމުށް ނުފޫޒު ފޯރުވުން ހުއްޓުވަށް ސީއެސްސީ ހަރުދަނާ ވާން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި -- ފައިލް ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ވަޒީފާތަކަށް މީހުން ނެގުމުގައި ސިޔާސީ މީހުންނާއި ބާރުހުރި ފަރާތްތަކުން ނުފޫޒު ފޯރުވުން ހުއްޓުވޭނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) މިހާރަށް ވުރެން ހަރުދަނާ ވެގެން ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ޕަލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ އާޒިމް ވިދާޅުވީ، ގިނަ ދިވެހިންގެ އިތުރުން މައިންބަފައިން ވެސް ބޭނުންވަނީ އެކުދިންގެ ދަރިން ސަރުކާރުގެ ވަޒީފާތައް އަދާކުރުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވަޒީފާތައް ލިބުމުގައި ގޮން ޖެހުންތަކެއް ހުރި ކަން އާޒިމް ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުގެ ވަޒީފާއަކަށް އިއުލާން ކުރާއިރުގައި މި އޮންނަނީ އެ ވަޒީފާއަށް ނަގާނެ މީހަކު ނަގާނެ ކުއްޖަކު ހަމަޖެހި ނިމިފައި. މިއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ މައްސަލައެއް. އެކަމާއި ދޭތެރޭގައި ފިކުރުކޮށް އެކަން ރަނގަޅު ކުރަން ޖެހޭ ކަމެއް. އެކަމަށް ގާބިލް ތައުލީމީ ފެންވަރު ހުރި އެތާންގައި ހަގީގަތުގައި އެ ވަޒީފާ ލިބެންޖެހޭ ކުއްޖާގެ ބަދަލުގައި ކޮންމެސް ނުފޫޒަކުން އަޅުގަނޑުމެން ސިޔާސީ މީހުން ނޫނިއްޔާ ކޮންމެސް ބާރުހުރި ފަރާތެއް ނޫނީ ވިޔަފާރިވެރިއެއް ގުޅައިގެން އެ މީހާކެ އެ ކުއްޖާގެ ވަޒީފާ އޮންނަނީ ހަމަޖެހި ނިމިފައި،" އަލީ އާޒިމް ވިދާޅުވި އެވެ.

އެ ސަގާފަތް ބަދަލު ކުރަން ޖެހޭކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ، ވަޒީފާތަކަށް ހުޅުވާލުމާއި އެއްކޮށް ދެފުށް ފެންނަގޮތަށް އެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ކްރައިޓީރީއަކީ ކޮބައިކަމާއި އެ ވަޒީފާއަށް ހޮވޭނެ ގޮތް ސާފުކޮށް އެނގެން އޮންނަން ޖެހޭނެ ކަމަށެވެ.

"މިކަންކަން ވާން އޮތީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ސިވިލް ސާވިސް ކޮމިޝަން މިހާރަށް ވުރެން ހަރުދަނަ ވެގެން. ސިވިލް ސަވިސް ކޮމިޝަން މިހާރަށް ވުރެން ހަރުދަނާ ނުވެ އަޅުގަނޑަގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެނަށް މިކަމަކުން އަރައެއް ނުގަނެވޭނެ،" އަލީ އާޒިމް ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަން މިހާރަށް ވުރެން ހަރުދަނާ ވާން ޖެހޭނެ ކަމަށް އަލީ އާޒިމް ވިދާޅުވެފައިވާއިރު، އެ ކޮމިޝަނުގެ ފަސް މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން އަންނަނީ ބަލަމުންނެވެ.

އެގޮތުން ސީއެސްސީގެ މެންބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ ނިންމާފަ އެވެ. އާމިރާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އޭނާގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވައި ދެއްވުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

comment ކޮމެންޓް