ޗައިނާގެ އެފްޓީއޭއާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭ: ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް މުހައްމަަދު ނަޝީދު --- ފޮތޯ/ މަޖިލިސް

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން، ފްރީ ޓްރޭޑް އެއްބަސްވުން ދެމިއޮތް ކަމަށް ބެލެވޭކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއްގައި ސޮއިކުރީ ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. އޭރުވެސް ނަޝީދު އަދި އެމްޑީޕީއިން އެކަމަށް ގެންދިޔައީ ފާޑުކިޔަމުންނެވެ.

ޗައިނާއާ އެކު ވެފައިވާ ފްރީޓްރޭޑް އެގްރިމެންޓާ ގުޅޭ މައްސަލައެއް މިއަދުގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވެސް ހިމެނި އެވެ. އެ މައްސަލައަކީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާ މައްސަލައެއް ގޮތަށް އެޖެންޑާގައި އޮތް ނަމަވެސް ފަހުން އެމައްސަލަ ވަނީ އެޖެންޑާއިން ނަގާފަ އެވެ.

މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ޗައިނާއާއެކު ވީ ފްރީ ޓްރޭޑް އެގްރިމެންޓުގެ ދަށުން އެއްވެސް މުއާމަލާތެއް މިހާތަނަށް ހިނގާފައި ނުވާ ކަމަށެވެ.

"އެ އެއްބަސްވުމުގެ ދަށުން ކުރާން ޖެހޭ އެއްވެސް ކަމެއް ވަނީ ނުކުރެވި. އެހެންވީމާ ހަގީގަތުގައި އެ އެއްބަސްވުން ދެމިއޮތް ކަމަކަށް އެއްގޮތަކަށްވެސް ދެވެކޭކަށް ނެތް. އެހެން ނަމަވެސް ކޮންމެވެސް އިރަކުން މި އިއްޒަތްތެރި މަޖިލީހުން މިކަން ކޮންމެެސް ގޮތަކަށް ނިންމާ ދިނުމަކީ އަޅުގަނޑު ހިތުން ބޭނުންތެރި ކަމެއް." ނަޝީދު ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ވުޖޫދުގައި ވެސް ނެތް ކަމަށާއި އެ އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށް މިދިއަ އަހަރުގެ ޑިސެމްބަރު މަހު ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު މި ސަރުކާރުން އަދި ޗައިނާއާ އެކު ވީ ވިޔަފާރީގެ އެއްބަސްވުން އުވާލަން ބޭނުންވާ ކަމަށް ބުނެފައެއް ނުވެ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ އެ އެއްބަސްވުން އުވާލަން ނޫޅޭ ކަމަށެވެ.

https://sun.mv/111982

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ ހަތެއް ޑިސެމްބަރު 2017 ގަ އެވެ. އެއް އެބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވާގޮތުން ރާއްޖޭގެ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީ އަކާ ނުލައި ޗައިނާ އަށް އެކްސްޕޯޓު ކުރެވޭނެ އެވެ. އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އައިސް އިގްތިސާދު ހަލުވި މިނުގައި ކުރިއަރާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. އެގޮތުން އާ މާކެޓްތައް އުފެދި ދިވެހި ވިޔަފާރިތަކަށްވެސް ފުރުސަތުތައް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް