ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކާއި އޮސްޓްރޭލިއާގައިވެސް މުޒާހަރާ ކުރަނީ

އެމެރިކާގެ އެންބަސީގެ ކުރިމަތީގައި މުޒާހަރާ ކުރަނީ

ލަންޑަން (7 ޖޫން 2020): ޔޫރަޕްގެ ގައުމުތަކުގެ ފުލުހުންވެސް އާންމުންނާ މުއާމަލާތް ކުރުމުގައި ގެންގުޅޭ އަނިޔާވެރިކަމާއި އަދި އެމެރިކާއެކޭ އެއްގޮތަށް އެގައުމުތަކުގައިވެސް އޮންނަ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ފުޅާދާއިރާއެއްގައި މުޒާހަރާކޮށްފިއެވެ.

އިއްޔެއާއި މިއަދު ޔޫރަޕްގައި މުޒާހަރާކުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނު، ޑެންމާކު، ސްޕެއިން، ޕޮލެންޑް ހިމެނެއެވެ. މީގެއިތުރުން ނަސްލީ އިމްތިޔާޒްގެ ކަންކަމުގައި ޔޫރަޕާ އެމެރިކާއާ އެއްގޮތް ގައުމެއް ކަމަށްވާ އޮސްޓްރޭލިއާގެ އާންމުންވެސްވަނީ އެގައުމުގެ ފުލުހުންގެ އަނިޔާވެރިކަމާއި އަދި އެގައުމުގައިވެސް އޮންނަ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފައެވެ.

މި މުޒާހަރާތައް ފެށުނީ އެމެރިކާގެ ފުލުހުން އެގައުމުގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ވަރަށް އަނިޔާވެރިކޮށް މަރާލުމާ ގުޅިގެން އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކަށް ހަމްދަރުދީވެ އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. އިނގިރޭސިވިލާތުގައި މުޒާހަރާކުރި ސިޓީތަކުގެ ތެރޭގައި ލަންޑަންގެ އިތުރުން މެންޗެސްޓާ، ވިލާޕޫލް، އެޑިންބަރާ، ގްލަސްކޯ އަދި ވަޓްފޯޑް ހިމެނެއެވެ.

ލަންޑަންގައި މުޒާހަރާކުރީ އެމެރިކާގެ އެންބަސީގެ ކުރިމަތީގައެވެ. އެމީހުންވަނީ އެމެރިކާގެ ދޮންނަސްލުގެ ފުލުހުންގެމީހާ ކަކޫ މައްޗަށް ތިރިވެ ޖޯޖް ފްލޮއިޑް ގެ ކަރަށް އަރައި ހާސްކޮށްލައިގެން އޭނާ މަރާލި އަނިޔާވެރިގޮތް ދައްކައިދިނުމަށްޓަކައި މަގުމަތީގައި ކަކޫމައްޗަށް ތިރިވުމުގެ އަމަލުތައްވެސް ހިންގާފައެވެ.

މީގެ އިތުރުން "އަހަރެންނަށް ނޭވައެއް ނުލެވޭ" އޭ ބުނެ ޖޯޖް ފްލޮއިޑް މަރަށް ތެޅުނުވަގުތު އޭނާ ކުރި އާދޭސްތައްވެސް އެމެރިކާ އެންބަސީގެ ކުރިމަތީގައި އިނގިރޭސިވިލާތުގައި މުޒާހަރާކުރި މީހުން ތަކުރާރުކޮށް ގޮވަމުން ދިޔައެވެ. މިއީ އެމެރިކާގެ އަސްލު ހަގީގަތް ބޭޒާރުކޮށް އެެމެރިކާ ލަދުގަންނަވާލުމަށްޓަކައި ކުރިކަމެއްކަމަށް މުރާސިލުން ސިފަކުރެއެވެ.

މުޒާހަރާކުރި މީހުން ވަނީ އިންސާފުނެތި އަދި ނަސްލީ ތަފާތުކުރުން ހުއްޓާނުލައި ސުލްހަވެރިކަން ނޯންނާނެކަމުގެ ޝިޢާރުތައްވެސް އުފުލާފައެވެ. އަދި އިނގިރޭސިވިލާތަކީ ވެސް އިންސާނީ ހައްގުތަކާ ޚިލާފު އެތަށް އަމަލުތަކެއް ފާޅުގައާއި ސިއްރުގައި ހިންގާ ގައުމެއްކަމަށާ މިއީ މިކަންކަން އިސްލާހުކުރަންވީ ވަގުތުކަމަށްވެސް ގޮވާލިއެވެ.

އޮސްޓްރޭލިއާގައި ކުޒާހަރާ ކުރަނީ

އެމެރިކާއެކޭ އެއްގޮތަށް ޔޫރަޕްގެ ގައުމުތަކާއި އޮސްޓްރޭލިއާގައިވެސް ފުލުހުން އަނިޔާވެރިކަން ބޮޑަށް އަމާޒުކުރަނީ އެގައުމުތަކުގެ ދޮން ނޫން އެހެން ނަސްލުތަކުގެ މީހުންނަށެވެ. އޭގެތެރޭގައި ކަޅުނަސްލުގެ މީހުންނާއި އިންޑިއާފަދަ އޭޝިއާގެ ނަސްލުތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

ޔޫރަޕްގެ ގައުމުތަކާއި އޮސްޓްރޭލިއާގައި މުޒާހަރާކުރި މީހުންގެ ގޮވާލުންތަކުގައި ހުރީ ދާދި އެއްގޮތް ކަންތަކެކެވެ. އެއީ އާންމުންނަށް އަނިޔާވެރި ނުވެވޭނެގޮތަށް ފުލުހުންގެ ގާނޫނުތައް އިތުރަށް އިސްލާހުކޮށް ހަރުދަނާކުރުމާއި އަނިޔާވެރިވާ ފުލުހުންނާ ދެކޮޅަށް ފަސޭހައިން ދައުވާކޮށް އެފަދަ ފުލުހުންނަށް އަވަހަށް އަދަބު ދެވޭނެ ގާނޫނުތަކާއި ދައުވާގެ އިޖުރާއާތްތައް އެކަށައެޅުމެވެ.

މީގެއިތުރުން ދޮން ނޫން އެހެން ނަސްލުތަކުގެ މީހުންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތެއްގެ ގޮތުގައި ދެކޭ ދެކުން ހުއްޓުމަކަށް ގެނައުމަށާއި އެމެރިކާގެ ކަޅު ނަސްލުގެ މީހުން ތާއަބަދަށް ކުރަމުންދާ ފަދަ ވޭނީ ތަޖްރިބާތައް ކުރަންބޭނުން ނުވާކަމަށް ގޮވާލިއެވެ. އަދި މިކަންކަން އިސްލާހު ނުކުރެވޭނެނަމަ އެމެރިކާގައި ރައްޔިތުން އުތުރި އެރިގޮތަށް ރައްޔިތުން އުތުރިއަރާފާނެކަމުގެ އިންޒާރުވެސް ޔޫރަޕްގެ ގައުމުތަކާއި އޮސްޓްރޭލިއާގައި މުޒާހަރާކުރި މީހުން ދީފައިވެއެވެ.

މި މުޒާހަރާތައް ބާއްވާފައި މިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އެއްވުންތައް ބޭއްވުން ޔޫރަޕްގެ ގައުމުތަކުގައިވެސް އަދި އޮސްޓްރޭލިއާގައިވެސް މަނާކޮށްފައިވަނިކޮށެވެ. ނަމަވެސް އިންސާނީ ހައްގުތަކުގެ ނަމުގައި އެހެން ގައުމުތަކަށް ފާޑުކިޔާ އެގައުމުތަކުން އަމިއްލަ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަ އަރައިގަތުމާއި ނަސްލީ ތަފާތުކުރުން އެގައުމުތަކުގައި ދިގުދެމިގެންދިޔުން މާ ނުރައްކާތެރިކަމަށް މުޒާހަރާވެރިން ގޮވަމުން ދިޔައެވެ. މިއިން އެއްވެސް މުޒާހަރާއެއްގައި ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

އެމެރިކާއާއި އޮސްޓްރޭލިޔާއަކީ ޔޫރަޕްގެ ދޮންމީހުން އެދެތަނަށް ހިޖްރަކޮށްގެން އިޢުލާނުކޮށްފައިވާ ދެދައުލަތެކެވެ. ދޮން މީހުން އެދެގައުމުގެ އަސްލުވަޒަންވެރިންނާ ދެކޮޅަށް މީހުން މެރުމާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ކުރިން ވަރަށް ބޮޑަށް ހިންގާފައިވެއެވެ. އެމެރިކާގެ އަސްލު ވަޒަންވެރިންނަކީ ރެޑްއިންޑިއަނުންނެވެ. ދޮންމީހުންނަކީ ކަޅުނަސްލުގެ މީހުންނާ އެއްގޮތަށް ހިޖްރަކޮށްގެން އުޅޭ ބައެކެވެ.

އޮސްޓްރޭލިޔާއަކީވެސް މިފަދަ ގައުމެކެވެ. އަސްލު ވަޒަންވެރިންނަކީ އެބޯރީޖަނަލް މީހުންނެވެ. ދޮންމީހުންނަކީ އެހެން ނަސްލުތަކުގެ މީހުންނެކޭ އެއްގޮތަށް ހިޖްރަކޮށްގެން އުޅޭ ބައެކެވެ. އެދެގައުމުގެ ބިންތަކަށްވެސް ގިނައަދަދަކަށް ޔޫރަޕްގެ ދޮންމީހުން ހިޖްރަކޮށް ވެރިވެގަތުމާއެކު ރެޑްއިންޑިޔަނުންނާއި އެބޯރީޖަނަލް މީހުންވަނީ އެދެގައުމުގައި ބައިމަދު މީހުންނަށް ވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް