ޖަރުމަނުގެ ބުންޑެސްލީގާގައި ރޭ ބަޔާ ލެވަކޫޒަން އަތުން ބަޔާން މޮޅުވި އިރު އެ ޓީމުގެ ތޯމަސް މުލާއާއި، ރޮބާރޓް ލެވަންޑޮސްކީ ރެކޯޑެއް މުގުރާލައިފި އެވެ.
ލެވަކޫޒަންގެ ބޭއެރީނާގައި ރޭ ކުޅުނު އެ މެޗުން ބަޔާން ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ހޯދި މޮޅާ އެކު ބަޔާން މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 30 މެޗު ކުޅެގެން 70 ޕޮއިންޓާ އެކުގަ އެވެ. ދެވަނައިގައި އޮތް ޑޯޓްމަންޑުން ރޭ ހާރްތާ އަތުން ލިބުނު މޮޅާ އެކު 63 ޕޮއިންޓް ލިބިފައިވާ އިރު ތިންވަނައިގައި އޮތް ލިޕްޒިގަށް ލިބެނީ 59 ޕޮއިންޓް އެވެ.
އެެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑު ދެމެހެއްޓުމަށް ބަޔާން މިއުނިކުން ރޭގެ މެޗާއި ކުރިމަތިލީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. ސަބަބަކީ ލެވަކޫޒަން އަކީ ބަޔާންއަށް ބާކީ ހުރި މެޗުތަކުގެ ތެރެއިން އެންމެ އުނދަގޫ އެއް މެޗަށް ވާނޭ ކަމަށް ގަބޫލު ކުރެވޭތީ އެވެ. ކަން ވީވެެސް އެހެންނެވެ. މެޗު ފަށައިގެންް 10 މިނަޓުގެ ތެރޭގައި ލެވަކޫޒަނުން ވަނީ ލީޑު ނަގައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ލޫކަސް އަލާރިއޯ އެވެ.
ލެވަކޫޒަންގެ ގޯލާއެކު ބަޔާނުން ޓީމު ކުރިއަށް ޖައްސާ މާ ގިނައިރުތަކެއް ނުވަނީސް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ކިންގްސްލީ ކޯމަންގެ އެގޯލާ އެކު ބަޔާނުން ހިތްވަރު ލިބިގަނެ ގިނަ ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލަށް ފޮނުވަމުން ދިޔަ އިރު އެ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ޖަހައިދިނީ ލެއޮން ގްރޮޓްޒެކާއާއި ސާޖް ނަބްރީ އެވެ.
ދެވަނަ ހާފު ފެށިގެން އަނެއްކާވެސް ބަޔާނުން ހަމަލާތައް ވަރުގަދަ ކުރި އިރު 66 ވަނަ މިނަޓުގައި އެ ޓީމުގެ ހަތަރުވަނަ ގޯލު ބޮލުން ޖަހައި ވައްދާލީ ލެވަންޑޮސްކީ އެވެ. މިއީ އޭނާ މި ސީޒަނުގައި ކުޅުނު 39 މެޗުގައި ޖެހި 44 ވަނަ ގޯލެވެ. އަދި އެ ގޯލާ އެކު މި ސީޒަނަކީ ޕޮލެންޑުގެ ފޯވާޑް ލެވަންޑޮސްކީގެ ފުޓުބޯޅަ ހަޔާތުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ސީޒަނަށް ވަނީ ވެގެން ގޮސްފަ އެވެ.
މީގެ އިތުރުން ރޭގެ މެޗުގައި ބަޔާންއަށް ދެ އެސިސްޓް ކޮށްދިން މުލާ ވެސް ވަނީ ލީގުގެ ބޮޑު ރެކޯޑަކާ އަރައި ހަމަކޮށްފަ އެވެ. ކުރިން ވޮލްވްސްބާގަށް ކުޅުނު ކެވިން ޑެބްރޭނާ 2014-2015 ވަނަ ސީޒަނުގައި ހެދި 20 އެސިސްޓާ އެއްހަމަ އަކަށް މުލާ ޖެހިލާފައިވާ އިރު މި ސީޒަނުގައި އިތުރު އެއް އެސިސްޓް ކޮށްގެން ވެސް އޭނާއަށް ރެކޯޑް މުގުރާލެވޭނެ އެވެ.
ލެވަކޫޒަން އިން މެޗުގައި ޖެހި ފަހު ގޯލު މެޗު ނިމެންދަނިކޮށް ޖަހައިދިނީ ފްލޯރިއަން ވާޓްޒް އެވެ. އެ މެޗުން ލިބުނު ބައްޔާ އެކު ލެވަކޫޒަން ތާވަލުގެ ހަތަރު ވަނައިގައި އޮތީ 56 ޕޮއިންޓާ އެކު އެވެ.