ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ޖީ 20 ގެ ގައުމުތަކުން 21 ބިލިޔަން ޑޮލަރުގެ ޕެކޭޖެއް

ޖީ 20 ގެ ބޮޑުން

ބެއިޖިންގް (6 ޖޫން 2020) : ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގައުމުތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީ ދިނުމަށްޓަކައި 21 ބިލިޔަން ޑޮލަރު އެކަށައަޅައިފި ކަމަށް ޖީ 20 ގެ ގައުމުތަކުން ބުނެފިއެވެ.

ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމުތައް ކަމަށްވާ ޖީ 20 ގެ ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި "ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލީ އެހީ ދޭނީ ލުއި ލޯންގެ ގޮތުގައާއި ހިލޭ އެހީގެ ގޮތުގައި" ކަމަށް ބުނެފައިވެއެވެ.

އެހީ ދޭނެ ބާވަތްތަކުގެ ތެރޭގައި ކޮވިޑް-19 އިން ރައްކާތެރި ވުމަށް ބޭނުންވާ ވަސީލަތްތައް (ގައުން، މާސްކް، އަންގި އާއި ސައިބޯންޏާއި ސެނެޓައިޒާ ފަދަ ތަކެތި) ގެ އިތުރުން އެރޯގާ ޖެހިފައިވޭތޯ ބެލުމަށް ބޭނުންކުރާ ހުންބަލާ ތާމޯމީޓަރާއި ސްކޭނާ އަދި ސާމްޕަލްތައް ޓެސްޓްކުރާ މެޝިނާއި ވެކްސިން އުފެއްދުމުން ވެކްސިން ފޯރުކޮށްދިނުންފަދަ ކަންކަންވެސް ހިމެނެއެވެ.

މީގެއިތުރުން ކޮވިޑް-19 އަށް ފަރުވާދިނުމަށް ހޮސްޕިޓަލްތައް ތަރައްގީ ކުރުމާއި ކަރަންޓީން ފެސިލިޓީސްތައް ގާއިމް ކުރުންފަދަ ކަންކަންވެސް ލޯނާއި ހިލޭ އެހީ ދޭ ބައިތަކުގެ ތެރޭގައި ހިމެނެއެވެ. ޖީ 20 ގެ މެންބަރުންނަކީ : އެމެރިކާ، ޗައިނާ، ޖަޕާން، ޖަރުމަނު، ފަރަންސޭސިވިލާތް، އިންޑިއާ، އިނގިރޭސިވިލާތް، ބްރަޒިލް، ރަޝިއާ، ދެކުނު ކޮރެއާ، އިޓަލީ، ދެކުނު އެފްރިކާ، ތުރުކީ، ސައޫދީ އަރަބިއާ، އިންޑޮނީޝިއާ، ކެނެޑާ، މެކްސިކޯ، އޮސްޓްރޭލިއާ، އާޖެންޓީނާ އަދި ޔޫރަޕްގެ އިއްތިޙާދެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި މާލީ އެހީ ދިނުމަށް އެކަށައެޅި 21 ބިލިޔަން ޑޮލަރުގެ މިޕެކޭޖުން، ރެފިއުޖީންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީއާއި ސިއްޙަތާބެހޭ ކަންތައްތަކުގައި އެހީތެރިވާ ބައިނަލްއަގްޥާމީ ޖަމްއިއްޔާ ޖަމާއަތްތަކަށް ހިލޭ އެހީ ދިނުންވެސް ހިމެނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ޖީ 20 ގެ ގިނަ ގައުމުތަކުގެ އިގްތިސާދުވެސްވަނީ އަޑިއަޅާލާފައެވެ. އެވަބާގެ ވޭން އެންމެ ބޮޑަށް ތަހައްމަލް ކޮށްފައިވަނީވެސް އަދި ކުރަމުން ގެންދަނީވެސް ޖީ 20 ގެ ގައުމުތަކުންނެވެ. އޭގެތެރޭގައި އެމެރިކާ، ބްރަޒީލް، އިޓަލީ އަދި އިނގިރޭސިވިލާތްފަދަ ގައުމުތައް ހިމެނެއެވެ. ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދަނީ އެމެރިކާއާއި ބްރަޒީލްގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް