އައިމާގެ ދެ ސައިޓެއްގައި ހަމަނުޖެހުން ހިންގި 400 އަށް ވުރެ ގިނަ މީހުން ފޮނުވާލައިފި

ބަނގުލާދޭޝްގެ ބީމަން އެއާލައިނަށް އައިމާ އިން ފޮނުވާލި މީހުން އަރަނީ --

ކޮންޓުރެކްޓަރެެއްގެ ގޮތުގައި އައިމާ އިން މަސައްކަތް ކުރަމުން އަންނަ ދެ ސައިޓެއްގައި ހަމަނުޖެހުން ހިންގި ބިދޭސީ އެންމެން އެ މީހުންގެ ގައުމުތަކަށް އައިމާގެ ހަރަދުގައި ފޮނުވާލައިފި އެވެ.

އައިމާގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އައިމާ އިން ޗާޓަރު ކުރި، އިންޑިއަން އެއާލައިންސުގެ ފްލައިޓެއްގައި ބުރާސްފަތި ދުވަހު 166 އިންޑިއާ މީހަކު އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި ބަނގުލާދޭޝްގެ ބީމަން އެއާލައިންގެ ބޯޓެއް ޗާޓަރުކޮށް އިތުރު 266 މީހަކު މިއަދު މެންދުރު ބަންގުލާދޭޝް އަށް ފޮނުވާލާފައިވާ ކަމަށެވެ.

އައިމާ އިން ބުނީ އެ 432 މީހުން ފޮނުވާލާފައި ވަނީ އެ މީހުންނަށް ދޭން ޖެހޭ މުސާރައިގެ އިތުރުން އެ ނޫނަސް ދޭން ޖެހޭ ހުރިހާ އިނާޔަތެއް ދިނުމަށް ފަހު ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ފުރި އިންޑިއާ މީހުން އިންޑިއާގެ އޮފިޝަލުންގެ އަރިހުގައި އެ ވާހަކަ އޮން ރެކޯޑްގައި ބުނެފައިވާ ކަމަށެވެ.

އައިމާ އިން ބުނީ ދެ ދުވަސްމަތީން އެ ކުންފުނިން ފޮނުވާލި މީހުންގެ ތެރޭ، އެ ހަމަނުޖެހުމުގައި ބައިވެރި ނުވާ، އެކަމަކު އެކިއެކި ޒަރޫރީ ބޭނުންތަކުގައި އެ މީސްމީހުންގެ ގައުމަށް ދާން ބޭނުންވެފައި ތިބި މީހުން ވެސް ފޮނުވާލި ކަމަށެވެ.

ބީމަން އެެއާލައިނަށް މީހުން އަރުވާފައި --

މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް ޕްރިންސިޕަލް އަހުމަދު ވަހީދު މިއަދު ސަން އަށް ވިދާޅުވީ އައިމާ އިން ފުރުވާލި މީހުންގެ ރެކޯޑްތައް ހުރީ ވަރަށް ރަނގަޅަށް ބަލަހައްޓާފައި ކަމަށާއި އެހެން ކަމާ އެކު އެއްވެސް ދައްޗެއް ނެތި، އަދި ވަރަށް އޮމާންކަމާ އެކު، އެ މީހުން ފުރުވާލެވުނު ކަމަށެވެ. އަދި ހުރިހާ މީހުންނަކީ ވެސް، ސައްހަ ވީސާ ހުރި މީހުން ކަމަށެވެ.

އައިމާގެ އޮފިޝަލް ވިދާޅުވީ ހަމަނުޖެހުމުގައި ބައިވެރިވި މީހުން ފޮނުވާލުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އެކޮނަމިކް މިނިސްޓްރީ އާއި އިންޑިއަން އެމްބަސީއާއި ބަނގުލާދޭޝް އެމްބަސީގެ އިތުރުން ފުލުހުންނާއި އިމިގްރޭޝަންގެ އެހީތެރިކަން އިންތިހާ އަށް ލިބުނު ކަމަށެވެ. އަދި ވަކީން ހާއްސަކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ މީހުންގެ ކަންކަން ވަރަށް ގާތުން ބެއްލެވި ކަމަށާއި ނުހުނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

އައިމާގެ ދެ ސައިޓެއްގައި އެޕްރީލު މަހު ފަހުކޮޅު ހަމަނުޖެހުން ހިންގުމުން އެ މީހުން ފަހުން ބަދަލުކުރީ ތިލަފުށީގައި ހުންނަ އައިމާގެ ސައިޓަކަށެވެ. އަދި އެ ތަނުގައި ވެސް އެ މީހުން ވަނީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި ފުލުހުންނާ ވެސް ކުރިމަތިލައިފަ އެވެ. އެ ހަމަނުޖެހުމުގައި ދެ ފުލުހަކަށް ވަނީ އަނިޔާ ލިބިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ހަތް މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. އަދި ވެސް އެ މީހުން ތިބީ ހައްޔަރުގަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މީހުން ހަމަނުޖެހުން ހިންގައި މަރާމާރީ ހިންގީ މާލެ އައިސް އެ މީހުންގެ އާއިލާ އަށް ފައިސާ ފޮނުވުމަށް ދަތިތަކާ ކުރިމަތިވުމުންނެވެ. އޭރު އޮތީ ކޮވިޑާ ގުޅިގެން ދަތުރުފަތުރާއި މީހުން ތަންތަނަށް ދިއުން މަނާކޮށްފަ އެވެ.

comment ކޮމެންޓް