މެންބަރެއްގެ ގައިގައި އިވާ ކޮޅުފައިން ޖެހިކަމަށް ބުނެ، މައްސަލަ ބަލައިދިނުމަށް ހުށަހަޅައިފި

މަޖިލީހުގައި ހިނގި ހަމަނުޖެހުން ފެންނަ ވީޑިއޯއެއްގެ ސްކްރީން ޝޮޓެއް ---

މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން އުފެދުނު ހަމަނުޖެހުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފްގެ ގައިކޮޅުގައި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ކޮޅުފައިން ޖެއްސެވި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ގޮވާލައިފި އެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވާތީވެ، އިންތިހާބެއް ބޭއްވެންދެން އެ ކައުންސިލަރުން މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30ގައި ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވުމުން ރިޔާސާތުން އޭނާގެ ނަން އިއްވެވި އެވެ. އެއާ އެކު އެމްޑީޕީ މެމްބަރުން އޭނާ ގަދަކަމުން ނެރެން އުޅުމުގެ ތެރޭގައި ތަޅުމުގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގައި ދެ ޕާޓީގެ މެންބަރުންނަށް ވެސް އަނިޔާވެފަ އެވެ.

މަޖިލީހުގައި އޮންނަ ސާޖެންޓް އެޓް އާމްސްގެ ޓީމްގެ ބަދަލުގައި ޝިޔާމް ތަޅުމުން ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުންނެވެ. އަދި އެކަން ކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދާ ވެސް ހިލާފަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި އެ ހަމަނުޖެހުމުގެ ޒިންމާ އަޅުއްވާފައި ވަނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގަ އެވެ. އެގޮތުން، އެ ހަމަނުޖެހުމަކީ މަޖިލީހުގެ ރައީސްގެ އެންގެވުމަކަށް ވެރިކަން ކުރާ މައި ޕާޓީގެ މެންބަރުން ހިންގި ހަމަނުޖެހުމެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަދި އެ ހަމަނުޖެހުމުގެ ތެރެއިން، މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ ގައިކޮޅުގައި ފައިކުރުކޮށް ކޮޅުފައިން ޖެހި ކަމަށް ޕީޕީއެމް އިން ބުންޏެވެ.

"މަޖިލީހުގެ ނައިބް ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މި ކޯލިޝަނަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްގެ ގައިކޮޅުގައި ފައިކުރުކޮށް ކޮޅުފައިން ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އީވާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނީ، މަޖިލީހުގެ ނައިބް ރައީސްގެ މަގާމަކީ ދައުލަތުގެ އިސް އަދި އެހާމެ ޒިންމާދާރު މަގާމަކަށްވާ އިރު، އެމަގާމުގައި ހުންނަވާ ބޭފުޅަކު އެފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އިދިކޮޅުން ސިފަކޮށްފައި ވަނީ، ނުރައްކާތެރި ހަޑިމުޑުދާރު އަމަލެއްގެ ގޮތުގަ އެވެ.

"އަދި މި ނުރައްކާތެރި، ހަޑިމުޑުދާރު، ނާތަހުޒީބު އަމަލު ބައްލަވާ ފިޔަވަޅު އެޅުމަށް، މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގޮވާލަމަވެ." އިދިކޮޅު ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.

މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް އަނިޔާ ކުރުމަށް އެންގެވި ކަމުގެ ތުހުމަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްކޮށްފައިވާ އިރު އެ މައްސަލަ ބެލުމަށް ވެސް ފުލުހުންނަށް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް