ވަޒީފާ ނެތް ޒުވާނުންނަށް ބޭރުގެ ޔުނިވާސިޓީތަކަކުން ހާއްސަ އޮންލައިން ކޯސްތަކެއް

ނޮވެމްބަރ 26، 2017: ޒުވާނުންގެ ދުވަހާ ގުޅިގެން، ޒުވާނުންގެ އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާ ނެތް ޒުވާނުންނަށް ހާއްސަކޮށްގެން ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކުން ހިންގާ ކޯސްތަކެއްގައި ބައިވެރިކުރުމަށް 50 ސްލޮޓް ލިބިފައިވާ ކަމަށް މިނިސްތްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަޔަމެންޓުން ބުނެފިއެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ކަހަލަ ގޮތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގިނަބައެއްގެ ވަޒީފާތައް ގެއްލުމެވެ. އެއާއެކު އަލުން އަނބުރާ ވަޒީފާތަކަށް ޒުވާނުން ނެރެވޭނެ ގޮތްތަކެއް ހޯދުމަށް ހުރިހާ ގައުމުތަކަކުންވެސް މަސައްކަތްކުރާ އިރު އެ ފަރާތްތަކަށް އަލުން ވަޒީފާ ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ކޮމަންވެލްތު އޮފް ލާނިންގް (ކޮލް)އިން އިސްނަގައިގެން ވަނީ ޕްރޮގުރާމެއް ފަށައިފަ އެވެ.

އެގޮތުން ދުނިޔޭގެ ފެންވަރު ރަނގަޅު 200 ޔުނިވާސިޓީއަކުން 400 އެއްވުރެން ގިނަ ކޯސްތަކާއެކު ވަޒީފާ ނެތް ޒުވާނުންނަށް ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތުތަކެއް ވަނީ ހުޅުވާލައިފަ އެވެ. އަދި މި ޕްރޮގުރާމުގެ ދަށުން އެކި ގައުމުތަކުގެ 18-35 އަހަރުގެ އުމުރުފުރާގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު ރާއްޖެއަށް ވެސް ވަނީ 50 ސްލޮޓު ލިބިފަ އެވެ.

މި ކޯސްތަކަކީ އޮންލައިންކޮށް ކުރިއަށް ގެންދެވޭ ކޯސްތަކަކަށްވާއިރު މި ޕްރޮގުރާމަށް ހޮވޭ ދިވެހި 50 ޒުވާނުންނަށް ޔޫތު މިނިސްޓްރީއިން ކޯހުގެ މަސައްކަތްތަކަށް ބޭނުންވާ އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި ކޯސްތަކަށް ފުރުސަތު ލިބިގެންދާނީ ކޯހަށް އެދޭ ފޯމު ފުރިހަމަކޮށްގެން އެންމެ ފުރަތަަމަ ހުށައަޅާ 25 ފިރިހެން އަދި 25 އަންހެން ކެނޑިޑޭޓުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ކޯހަށް ނޮމިނޭޓްވާ ފަރާތްތަކުގެ ނަންތައް މި މަހުގެ 15 ގައި ކޮމޮންވެލްތަށް މިނިސްޓްރީން ފޮނުވާނެ ކަމަށާއި، ކޯސްތަކުން ފުރުސަތު ލިބޭ ފަރާތްތަކަށް އެއަށްފަހު ވާހަކަ ދައްކާނީ ކޮމޮންވެލްތުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޗައިނާގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ފެނުނު ކޮވިޑް19 ބަލި ފެނުނު ފަހުން މިހާތަނަށް ދުނިޔޭގެ އެކި ކަަންކޮޅުތަކުގައި 6,057,853 އަށް ވުރެން ގިނަ މީހުންނަށް ވަނީ އެބަލި ޖެހިފަ އެވެ. އަދި 370،000 އަށްވުރެ ގިނަ މީހުން އެބަލި ޖެހިގެން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.

comment ކޮމެންޓް