އެއް ލިޔުން ތިން ނޫހެއްގައި: މައްސަލަ ބަލައި އެމްއެމްސީއިން ރިޕޯޓް އާންމުކޮށްފި

މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު ރާއްޖެއެމްވީ ގައި ޝާއިއުކުރި "ކޮވިޑް-19އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" މި ލިޔުން ފަހުން ސީއެންއެމް އާއި ފެށުން އޮންލައިންގައި ޖެހި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބަލައި ރިޕޯޓެއް އާންމުކޮށްފި އެވެ.

މިއީ މިފަދަ މައްސަލައެއްގެ ރިޕޯޓް މިފަހުން ކައުންސިލުން އާންމުކުރި ފުރަތަމަ ފަހަރެވެ. މި ރިޕޯޓްގައި މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް މީޑިއާތަކުން ރަނގަޅު ކުރަން ޖެހޭ ގިނަކަންތައްތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ތިން އޮންލައިން ނޫހެއްގައި އެއް ކޮންޓެންޓެއް ޝާއިއުކޮށްފައިވާ އިރު ކޮންމެ މީޑިއާއަކުން ވެސް އެއީ އެ މީޑިއާގެ ލިޔުންތެރިއަކު ލިޔެފައިވާ ލިޔުމެއްގެ ގޮތުގައި ނަންޖަހައިގެން ގެނެސްފައިވާތީ، ދިވެހި ނޫސްވެރިކަމުގެ ހަމަތަކާއި ފެންވަރާމެދު މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޝަކުވާތައް ބޮޑުވެ، އެ މައްސަލަ ބައްލަވައި ދެއްވުމަށް މީޑިއާ ކައުންސިލުގައި އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި މި ކައުންސިލްގެ އޯވަސައިޓް ބޮޑީ، ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ރޮޒައިނާ އާދަމް އެވެ.

މައްސަލަ ބެލުމަށްފަހު މީޑިއާ ކައުންސިލުން އާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ، މިކަމުގައި ކަން ހިނގާފައިވާ ގޮތް ސާފުކުރުމަށް މައްސަލައިގައި ހިމެނޭ ނޫސްތަކުގެ އިސްވެރިންނާ ގުޅައިގެން އަދި ލިޔުމުން ވެސް މައުލޫމާތު ހޯދާފައިވާނެ ކަމަށެވެ.

ރިޕޯޓުގައި ބުނެފައި ވަނީ މައްސަލަ ޖެހުނު ލިޔުން ފުރަތަމަ ޝާއިއުކޮށްފައި ވަނީ ރާއްޖެ އެމް.ވީގައިކަން ކޮމިޓީއަށް
ހޯދުނު މައުލޫމާތުތަކުން ހާމަވާ ކަމަށެވެ. އަދި އެއަށް ފަހު އެ ލިޔުން ޝާއިއު ކުރީ ފެށުން އޮންލައިން އަދި އެއަށް
ފަހު ސީއެންއެމް އޮންލައިންގައިކަމަށެވެ. އަދި ތިން ނޫހުގައިވެސް ޝާއިއުކޮށްފައިވާ ލިޔުމުގެ މާބޮޑު ތަފާތުތަކެއް ނެތްކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އެ ލިޔުން ރާއްޖެ.އެމްވީގައި ޝާއިއުކޮށްފައި ވަނީ މޭ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 08:43 ގައެވެ. މުހައްމަދު ފައުޒާން އަހްމަދުގެ ނަމުގައި އެ ލިޔުން ސީއެންއެމްގައި ޝާއިއުކުރީ މޭ 28 ވަނަ ދުވަހުގެ 06:00 ގައެވެ.

މީޑިއާ ކައުންސިލުން ފުރަތަމަ ބަލަމުން ދިޔައީ ރާއްޖެ.އެމްވީގައި ޖެހި ލިޔުމެއް ސީއެންއެމްގައި ވެސް ޖެހި މައްސަލައެވެ. އެ މައްސަލަ ކުރިއަށް ގެންދަނިކޮށް، "ފެށުން އޮންލައިން" ނޫހުގައި ވެސް ހަމަ އެ ލިޔުން އޮތްގޮތަށް ޝާއިއުކުރި މައްސަލަ ފެންމަތިވިއެވެ.

ފެށުން އޮންލައިންގައި އެ ލިޔުން "ފެށުން ނިއުސްޓީމް"ގެ ނަމުގައި ޝާއިއުކުރީ މޭ 27 ވަނަ ދުވަހުގެ 16:56 ގައެވެ. މައްސަލަ ފެންމަތިވުމާއެކު ސީއެންއެމް އަދި ފެށުން އޮންލައިނުން ވެސް އެ ލިޔުން ވަނީ ނަގައިފައެވެ.

"ފެށުން އޮންލައިން" އާއި ސީއެންއެމް އޮންލައިންގައި އެ ލިޔުން ޝާއިއު ކުރީ ނޫހުން ބޭރު އެހެން ފަރާތަކުން ހިއްސާކޮށްގެން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރާއްޖެ އެމް.ވީއިން ބުނަމުން ދަނީ، އެ ލިޔުމަކީ އެތަނުގެ ނޫސްވެރިއަކު ލިޔެ އޭނާގެ ނަމުގައި ޝާއިއުކުރި އެތަނުގެ އޮރިޖިނަލް ލިޔުމެއްކަމަށެވެ.

ނަމަވެސް ރާއްޖެ.އެމްވީގެ ބުނުން ދޮގުކުރާކަމަށާއި އެކަމުގެ ހަގީގަތް ހާމަކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ އެކަން ހާމަކުރަންވެސް ތައްޔާރަށް ހުރި ކަމަށް ފެށުން އޮންލައިންގެ މަސްއޫލުވެރިޔާ ވަނީ ކޮމިޓީއަށް މައުލޫމާތު ދީފައެވެ.

ނަމަވެސް އެފަދަ އެއްވެސް ހެއްކެއް އެ ނޫހުން ކޮމިޓީއަށް ހިއްސާކޮށްފައި ނުވާކަމަށް ރިޕޯޓުގައިވެއެވެ.

އެ ލިޔުން ރާއްޖެ އެމް.ވީގައި ލިޔުނު ނޫސްވެރިޔާ ޕްރޫފް ރީޑްކުރުމުގެ ގޮތުން ދެވަނަ ފަރާތަކާ އެ ލިޔުން ހިއްސާކޮށްފައި ވާކަމަށާއި އަދި އެ ނޫސްވެރިޔާ އެ ލިޔުން ފޮނުވި ފަރާތުން
އެ ލިޔުން ތިން ވަނަ ފަރާތަކާ ހިއްސާކުރި ކަމަށް އޭނާ ކޮމިޓީއަށް މައުލޫމާތު ދީފައިވެއެވެ.

އެހެންކަމުން އަނެއް ދެ ނޫހަށް އެ ލިޔުން ގޮސްފައި ވަނީ އެގޮތަށް ހިއްސާކުރި ކުރުމުގެ ތެރެއިންކަން ބުނުމުގެ ފުރުސަތު އޮތްކަން ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއީ ސަރުކާރުގެ ފަރާތުން ނޫސްވެރިއަކަށް ނޫނީ ނޫސްވެރިންތަކަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވައިގެން ޝާއިއު ކުރުވި ލިޔުމެއް ކަމަށް ކުރެވެމުން އަންނަ ތުހުމަތުތައް ހުރިހާ ނޫހަކުން ވެސް ވަނީ ދޮގުކޮށްފައެވެ.

އެހެންކަމުން މައްސަލަ ބެލި ކޮމިޓީއަށް އިއްތިފާގު ވެވިފައި ވަނީ "ފެށުން އޮންލައިން" ނޫހަށް އެހެން ފަރާތަކުން ފޮނުވި ލިޔުމެއް އެ ނޫހުން ޝާއިއުކޮށްފައިވަނީ އެ ނޫހުގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން މިއީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާ ހިލާފުކަމަކަށް ވާތީ، އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެ ނޫހަށް ނަސޭހަތް ދިނުމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އާންމުކޮށްފައިވާ "ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑު"ގެ ހަތް ވަނަ މާއްދާގައި ބުނާގޮތުން، ޝާއިއުކުރާ އެއްޗެއްގައި، އެހެން ފަރާތެއްގެ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ނުވަތަ އެ ނޫންވެސް އެފަދަ އެއްޗެއް ބޭނުންކުރާ ނަމަ، އެ އެއްޗަކީ ކޮންފަރާތެއްގެ އެއްޗެއްކަން އެ ހަބަރަކުން ނުވަތަ އެ ރިޕޯޓަކުން އަންގައިދޭން ވާނެއެވެ.

މީގެ އިތުރުން، ރާއްޖެ.އެމްވީ އިން އެ ލިޔުމަކީ އެތަނުގެ ނޫސްވެރިއަކު އަމިއްލައަށް ލިޔުނު އެ މީހުންގެ ކޮންޓެންޓެއް ކަމަށް ބުނާތީ އާއި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ކަމާ ގުޅޭ އެހެން މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ބުނަމުންދާތީ އަދި ކޮމިޓީއަށް މިހާތަނަށް ލިބިހުރި މައުލޫމާތުތަކަށް ބުރަވާއިރު، މިކަމުގައި އެނޫހަށް ސުލޫކީ ފިޔަވަޅެއް އަޅާނެ ތަނެއް އޮތްކަމަށް ކޮމިޓީގެ މެންބަރުންނަކަށް ނުފެންނަ ކަމަށް ވެސް ވަނީ ނިންމައިފައެވެ.

ހަމަ އެހެންމެ، ސީއެންއެމްގައި ލިޔުން ޝާއިއުކުރި އިރު އެ ލިޔުން، އެއްބަސްވުމެއްގެ ދަށުން އެ ނޫހަށް ކޮންޓްރިބިއުޓް ކުރާ ލިޔުންތެރިޔަކު އެ ލިޔުން އެހެން ބައެއް ނޫސްތަކަށް ހިއްސާކުރި ކަމަށް އެނގިފައިނުވާކަމަށް ހާމަކޮށްފައިވާތީ އާއި އެކަން އެނގުނު ހިސާބުން އެ ލިޔުން ނޫހުން ނަގައި އަދި އެ ލިޔުންތެރިޔާއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް ނޫހަށް ލިޔުމުގެ ފުރުސަތު ނުދޭން ނިންމާފައިވާތީ މި މައްސަލައާ ގުޅިގެން އެ ނޫހުން އަމިއްލަ ގޮތުން އެކަށީގެންވާ އިދާރީ ފިޔަވަޅުތަކެއް މިކަމުގައި އަޅާފައިވާ ކަމަށް ކޮމިޓީއަށް ފެންނާތީ، އެ ނޫހާ ދެކޮޅަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އަޅަން ޖެހޭ ފިޔަވަޅެއް އޮތް ކަމަކަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލު ނުކުރެވޭ ކަމަށް ރިޕޯޓުގައިވެއެވެ.

ނަމަވެސް ކުރިއަށް އޮތްތަނުގައި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ނޫސްތަކުން ސަމާލުކަންދީ އަމަލުކުރަން ޖެހޭ ކަންކަން ރިޕޯޓުގަައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް