ބްރޯޑްކޮމްގެ ރައީސަކަށް ޞަފާ އައްޔަންކޮށްފި

ޞަފާ ޝަފީގު: އޭނާ ވަނީ ބްރޯޑްކޮމްގެ ރައީސް ކަމަށް އައްޔަންކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް ދ. މީދޫ، ބިއްލޫރިވިލާ, ޞަފާ ޝަފީގު މިއަދު އައްޔަންކޮށްފިއެވެ.

ބްރޯޑްކޮމްގެ ރައީސް ކަމަށް ޞަފާ އައްޔަންކޮށްފައިވަނީ މިއަދު އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި، ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު މިދިޔަ ޑިސެމްބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ.

ބްރޯޑްކޮމްގައި ހަތް މެންބަރުން ތިއްބަވާއިރު ކޮންމެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

އެ ކޮމިޝަނަށް ޞަފާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އޭޕްރިލް 26، 2023ގައެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އޭނާ މެންބަރުކަމަށް އައްޔަންކުރެއްވީ އެ އަހަރުގެ މެއި މަހުގެ ނުވައެއްގައެވެ.

https://sun.mv/201657

މަރިޔަމް ވަހީދާގެ އިތުރުން، ކޮމިޝަނަރު އަލީ ޔޫސުފްގެ ދައުރު ވެސް ވަނީ ހަމަވެފައެވެ. އެއާއެކު އަލަށް ބްރޯޑްކޮމްއަށް އައްޔަންކޮށްފައިވަނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ)އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އެވެ.

comment ކޮމެންޓް