ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމަށް އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެތަނުގެ ވަށައިގެންވާ ފަރުތަކަށް ގެއްލުންވަމުންދާ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އެވެ.
މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެމްބަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ވިލިމާލޭގެ ފަރަކީ ވިލިމާލޭ ރައްޔިތުންގެ އިތުރުން، ގްރޭޓާ މާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރި، ސްނޯކްލްކޮށް ތަފާތު އެކިއެކި މޫދު ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.
މީގެ އިތުރުން، މި ފަރަކީ މާލޭ ސަރަހައްދުގެ ގިނަ އަދަދެއްގެ ސްކޫލު ކުދިން ތަފާތު އެކި ހަރަކާތްތަކަށް ބޭނުންކުރަމުންދާ އަދި މާލޭ ސަރަހައްދުގެ ރައްޔިތުންނަށް އަގެއް ނެތި ބޭނުންކުރެވޭ ގޮތަށް އޮތް ހަމައެކަނި ފަރުކަން ވެސް ސިޓީގައި ވަނީ ފާހަގަކުރައްވައިފައެވެ.
އެހެންކަމުން މި ފަރަކީ އިޖުތިމާއީގޮތުން އަދި އިގްތިސޯދީ ގޮތުން ބަލާއިރުވެސް މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް، ހާއްސަކޮށް ވިލިމާލޭ ރައްޔިތުންނަށް ނުހަނު މުހިންމު ފަރެއް ކަމަށްވާއިރު، މިފަދަ ފަރުތައް ހަލާކުވިޔަ ނުދީ ބެލެހެއްޓުމަކީ ދިވެހި ދައުލަތުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުކަމެއްކަން ގާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް ބެލުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
ގާނޫނުއަސާސީގެ 22 ވަނަ މާއްދާއަކީ ތިމާވެށި ހިމާޔަތްކުރުމާ ބެހޭ މާއްދާއެވެ. އެ މާއްދާގައި ބުނެފައި ވަނީ ރާއްޖޭގެ ގުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ގުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެއް ކަމަށެވެ.
މީގެ އިތުރުން އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް ހެދުމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި ތަގައްޔަރުވިޔަ ނުދިނުމަށާއި، ދިރޭތަކެތީގެ ނަސްލެއް ނެތިގެން ދިޔަ ނުދިނުމަށާއި، ތިމާވެށި ހަލާކުވިޔަ ނުދިނުމަށާއި، ގުދްރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން ބާރުއަޅާންވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.
"ގާނޫނުއަސާސީގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ އިގްތިސާދީ ކުރިއެރުން ހޯދޭ މަސައްކަތްތައް ކުރަންވާނީ ތިމާވެށި ހިމާޔަތްކުރެވޭ އުސޫލުތަކެއްގެ މަތިންކަމަށް. އެހެންކަމުން ގުޅީފަޅު ހިއްކުމުގެ މަސައްކަތްކުރަނީ އެއުސޫލުންކަން ރައްޔިތުންގެ މަޖިލީހުން ކަށަވަރުކުރާނެ،" އުޝާމް ވިދާޅުވިއެވެ.
ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މި މަހުގެ ތެރޭގައެވެ. އެ ފަޅު ހިއްކާއިރު ކަނޑަށް ފޭދިގެންދާ ވެލީގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުުން ފާޅު ކުރަމުންނެވެ.
އެގޮތުން ގުޅީފަޅު ބޭރުގައި އޮންނަ ހިމާޔަތްކޮށްފައިވާ ހާންސް ހެސް ޕޮއިންޓު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ގެއްލުންވާނެ ކަމުގެ ބިރު އެބަ އޮތެވެ. އޭގެ އިތުރުން މަޝްރޫއަށް ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިންވެސް ފާޅު ކުރިއެވެ. އަދި ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުގެ ސަބަބުން ބޯޓުފަހަރަށް އެތަނުގައި ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ފާޅު ކުރިއެވެ.
މެމްބަރު އުޝާމްގެ ސިޓީގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގުުމަށްޓަކައި ފަޅުތައް ހިއްކުމަކީ ބައެއް ފަހަރު ކުރަންޖެހޭ ކަމެއްކަން ގަބޫލުކުރައްވާ ކަަމަށެވެ.
ހާއްސަގޮތެއްގައި މާލޭ ސަރަހައްދުގައި ބިމުގެ ދަތިކަން އޮތް މިންވަރަށް ބަލާއިރު، ބިން ހިއްކައިގެން މެނުވީ ތަރައްގީގެ ބައެއް ކަހަލަ މަޝްރޫއުތައް ހިންގެން ނެތުމަކީ މިއަދުގެ ހަގީގަތް ކަމަށެވެ.
އެހެން ނަމަވެސް، ބިން ހިއްކައިގެން ކުރިއަށްގެންދާ މަޝްރޫއުތައްވެސް ކުރިއަށް ގެންދަންވާނީ އެކަމުގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކޮށްގެން ކަމަށާއި ބައެއް ފަހަރު އެކަމަކީ ހަރަދުގެ ގޮތުން ބަލާއިރު ބޮޑު ކަމަކަށް ވީނަމަވެސް، އެފަދަ ފިޔަވަޅުތައް ނާޅައިފިނަމަ ތިމާވެށްޓަށް ދެން ދިމާވާނެ ގެއްލުންތަކަށް ބަލާއިރު، އެފަދަ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެންމެ ފުރަތަމަ ގުޅީފަޅު ހިއްކީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު ހިއްކީ 10 ހެކްޓަރެވެ. އެ ފަހުން 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައިވެ އެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ. ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.
މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އީއައިއޭ ރިޕޯޓުގައިވެ އެވެ. އެގޮތުން، ކައިރި ފަރުތަކަށް ވެލި އެޅުމުގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވުމާއި، ވެލީގެ ސަބަބުން ފެން ކިލަނބުވުން އެކަށީގެންވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ގުޅީފަޅު ޕޯޓު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ވިލިމާލެއާ އިންވެގެން އޮންނަ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސް ކުންފުނީގެ ފަރާތުން ފެށުމާ ގުޅިގެން ވިލިމާލޭ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށް ވަރަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ. އެގޮތުން ގުޅިފަޅު ކޮންނަން ފެށި ދުވަހުން ފެށިގެން، އެ މަސައްކަތުގެ ސަބަބުން އުފެދޭ ކިސަޑުތައް ވިލިމާލޭގެ ފަރު މައްޗަށް ޖަމާވަމުންދާކަން އުޝާމްގެ ސިޓީގައި ވެސް ވަނީ ފާހަގަކުރައްވައިފައެވެ.
އުޝާމް ވިދާޅުވީ އެހެން އެކަން ވާނެތީ، އެކަން ހުއްޓުވުމަށްޓަކައި ނުވަތަ އެކަމުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަމް އީއައިއޭ ރިޕޯޓުގައި ލަފާދީފައި ވީނަމަވެސް، ބޮސްކާލިސްގެ ފަރާތުން ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ އެކަހަލަ އެއްވެސް ފިޔަވަޅެއް އަޅައިގެން ނޫން ކަމަށެވެ.
އުޝާމްގެ ސިޓީގައި ވިދާޅުވެފައި ވަނީ ފަރު ހަލާކުވުމަކީ ރައްޔިތުންނަށް ލިބޭނެ ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވާނެ ކަމަށެވެ. އަދި މިކަން މިހެން ދިމާވަނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ނުވާތީ ކަމަށެވެ.
"މި މައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައި، ފިޔަވަޅު އަޅުއްވަންޖެހޭ މައްސަލައެއްކަމަށް އަޅުގަނޑު ދެކޭތީ، މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅުންހުރި ކޮމިޓީން ބައްލަވައިި ދެއްވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ." އުޝާމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ގުޅީފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ވީހާވެސް ބޮޑަށް ހާމަ ކުރުމަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމްއަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ އަންގައިފައެވެ.