ތަޅުމުގައި މަޖިލިސް ޖަލްސާ ބާއްވަނީ އެޗްޕީއޭގެ މަޝްވަރާއެއް ނެތި

މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

މާދަމާއިން ފެށިގެން، ރައްޔިތުންގެ މަޖިލިސް މެމްބަރުން މަޖިލިސް ކުރާ ގެއަށް ވަޑައިގެން، މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނިންމާފައި ވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު އަދި ހެލްތު ޕްރޮޓެކެޝަން އެޖެންސީއާ ވެސް މަޝްވަރާކޮށްފައި ނުވާކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފައި ވަނީ ވަކި އިންތިޒާމުތަކެއްގެ ދަށުން މާދަމާއިން ފެށިގެން، ޖަލްސާތައް ކުރިއަށް ގެންދާނީ މަޖިލީހުގެ ތަޅުމުގައި ކަމަށެވެ.

އަދި ތަޅުމުގައި ޖަލްސާތައް ނުފަށާ، މި މަހުގެ 28 ވަނަ ދުވަހަށް މަޑުކުރަން ދަތިކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ދަންނަވާފައިިވާ ކަަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިހާތަނަށް އެންއީއޯސީއާއެކު އެކަމާ ގުޅޭ އެއްވެސް ވަރެއްގެ މަޝްވަރާއެއް ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.

"އަޅުގަނޑު ހިތުން އެކަން ކުރައްވާނީ އެބޭފުޅުން މިކަމުގަ ހުންނަ ގަވާއިދުގެ ތެރެއިން އެކަމާ ކުރައްވަން ޖެހޭ މަޝްވަރާތައް ކުރުމަށްފަހު. އެހެން ނަމަވެސް އަދި އެއް އެއްވެސް އޮފިޝަލް ކެޕޭސިޓީއެއްގައެއް މިފަދަ ކަމެއް ކުރެވިފައި ނުވާކަން އަޅުގަނޑަށް މައުލޫމާތު ލިބެނީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ޕްރެސް އަށް އެރުމުގެ ކުރިންވެސް އެފަދަ އެއްވެސް ލިޔުމެއް ލިބިފައި ވޭތޯ ބެއްލެވި ކަމަށާއި އެހެން ނަމަވެސް އެފަދަ ލިޔުމެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އަދި މަޖިލީހުގެ އިދާރާއިން އެންއީއޯސީއަށް ފޯނުން ގުޅި ނަމަވެސް، މައުލޫމާތު ސާފުކޮށްފައި ވަނީ ފުރަބަންދަށް ލުއި ދޭނެ ތާރީހާ ގުޅޭގޮތުން ކަމަށެވެ.

"އެހެން ނަމަވެސް މިކަމުގަ މަޝްވަރާއަކަށް އަދި އެދިވަޑައިގެންފައެއް ނުވޭ،" މަބްރޫކް ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނިންމާފައި ވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބެލިއިރު، ގިނަ މެމްބަރުންނަށް ފެންނަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ނޫންތަނަކު ކުރިއަށްގެންދަން އެމަނިކުފާނު ވަރަށް ޖެހިލުންވާ ކަމަށެވެ.

މަޖިލީހުން އާންމުކޮށްފައިވާ އިންތިޒާމުތަކުގެ ދަށުން، ޖަލްސާ ކުރާ މާލަމުގައި އެއް ވަގުތެއްގައި އެންމެ ގިނަވެގެން ތިބެވޭނީ 42 މެމްބަރުންނަަށެވެ. އަދި މެމްބަރުންނާއި މުވައްޒަފުން ވެސް ތިބޭނީ މާސްކް އަޅައިގެންނެވެ.

comment ކޮމެންޓް