މެމްބަރުން މާސްކް އަޅައިގެން، ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ފަށަނީ

--- ފޮޓޯ/ މަޖިލިސް

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މާދަމާ އިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މަޖިލިސް ކުރާ ގޭގައި ބާއްވަން ނިންމައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން މަޖިލިސް ހުއްޓިފައި އޮތުމަށްފަހު އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފެށީ މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ. ކޮމެޓީތައް ވެސް ކުރިއަށް ގެންދިޔައީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.

އޮންލައިންކޮށް ޖަލްސާތައް ފެށުމަށް ފަހު، މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބޭއްވުމަށް މަސައްކަތް ފަށައި، އޮންލައިން ޖަލްސާތައް މެދުކަނޑާލިއެވެ. ނަމަވެސް އަނެއްކާ ވެސް ޖަލްސާތައް ކުރިއަށް ގެންދަން ފެށީ އޮންލައިން ކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ބާއްވާ ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު 'ސަން' އަށް ވިދާޅުވީ، މާދަމާ އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ގެންދާނީ، އެ އިންތިޒާމުތަކާ އެއްގޮތަށް، މަޖިލިސް ކުރާ ގޭގައި ކަމަށެވެ.

މަޖިލީހުން އާންމުކޮށްފައިވާ އިންތިޒާމުތަކުގެ ދަށުން، ޖަލްސާ ކުރާ މާލަމުގައި އެއް ވަގުތެއްގައި އެންމެ ގިނަވެގެން ތިބެވޭނީ 42 މެމްބަރުންނަަށެވެ.

އަދި އެ މެމްބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެކަށައަޅައި އަންގާފައިވާ ދުރުމިނުގައި ކަމަށާއި، އެއް ވަގުތެއްގައި އެއް މޭޒެއްގައި ދެ މެމްބަރުން ނުތިއްބަވާނެ ކަމަށް ބުނެފައިވެއެވެ.

ވަކި އިންތިޒާމެއްގެ ދަށުން މެމްބަރުން ވޯޓުލުމުގަައި ބައިވެރިވެވަޑައިގަތުމަށް ފަހު، މާލަމުން ނުކުމެވަޑައިގަތުމުން، ބާކީ ތިއްބެވި މެމްބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ފަށާއިރު، މާލަމުގައި ތިބޭނީ ޖަލްސާއެއް ކުރިއަށް ގެންދަން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުންނެވެ.

ޖަލްސާތައް ކުރިއަށްދާއިރު، މެމްބަރުންނާއި މުވައްޒަފުން ތިބޭނީ މާސްކް އަޅައިގެންނެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެ އިންތިޒާމުތައް ތަންފީޒުކުރަމުން ގެންދާނީ މަޖިލީހުގެ ރައީސް އަންގަވާގޮތެއްގެ މަތިން، މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް