ބަނބުކެޔޮ ގަސް އިންދުމުގެ މޫސުމެއް، ޒުވާނުން ހޭބޯނާރާ

އިއްޔެ ރ. އޫނގޫފާރުގެ ޒުވާނުންތަކެއް އެ ރަށުގެ އާންމު ބިމެއްގައި ބަނބުކެޔޮ ނިރު ޖެހުމުުގެ މަސައްކަތް ކުރުމުގައި -- ފޮޓޯ/ ހުސެއިން ޝިހާމް

ރާއްޖޭގެ ބައެއް ރަށްރަށުގައި ޒުވާނުން އިސްނަގައިގެން ބަނބުކެޔޮ ގަސް އިންދުމުުގެ ހަރަކާތްތައް ކުރިއަށް ގެންދަން ފަށައިފި އެވެ.

ކޮރޯނާވައިރަސް ފެތުރި ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމާ އެކު، މުޅިން ވެސް އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި ކާބޯތަކެތީގެ ޔަގީންކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިމާވެށީގެ މައްސަލަތަކާ ދިރާސާ ކުރާ ކޮމިޓީއިން ވަނީ ކޮންމެ ފަސް އާއިލާއަކަށް ވާ ވަރަށް ބަނބުކެޔޮ ގަސް ހެއްދުމުގެ ޕްރޮގްރާމެއް ހިންގަން ސަރުކާރަށް ލަފާ ދޭން ނިންމައިފަ އެވެ.

އެންވަޔަރަމެންޓް ކޮމިޓީއިން އެގޮތަށް ނިންމި ފަހުން ބައެއް ރަށްރަށުގެ ޒުވާނުން އިސްނަގައިގެން ރަށުގައި ބަނބުކެޔޮގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ފަށައިފަ އެވެ. އެގޮތުން އިއްޔެ ރ. އޫނގޫފާރުގެ ބައެއް ޒުވާނުން ވަނީ އާންމު ހުސް ބިމެއްގައި 10 ބަނބުކެޔޮ ނިރު ޖަހާފަ އެވެ.

އިއްޔެ ރ. އޫނގޫފާރުގެ ޒުވާނުންތަކެއް އެ ރަށުގެ އާންމު ބިމެއްގައި ބަނބުކެޔޮ ގަސް އިންދުމުގެ މަސައްކަތް ކުރުމުގައި -- ފޮޓޯ/ ހުސެއިން ޝިހާމް

އޫނގޫފާރުގައި ބަނބުކެޔޮގަސް އިންދުމުގައި އިސްކޮށް އުޅުނު ޒުވާނެއް ކަމަށްވާ ހުސެއިން ޝިހާމް "ސަން"އަށް ބުނީ، އެ ގަސްތައް އިންދީ ވަކި ބަޔަކަށް ފައިދާ ނުވާނެ ގޮތަށް އާންމު ބިމެއްގައި ކަމަށެވެ.

"ބަނބުކޭލަކީ ވަރަށް ފައިދާވާ އެއްޗަކަށްވާތީ އަދި މި ދުވަސްވަރު ބަނބުކެޔޮ މަދުވީމަ ބަނބުކެޔޮ އިންދީ. އަދި އެއީ ތަންކޮޅެއް ބޮޑަށް ޝޭޑުވެސްވާ ގަހަކަށް ވެފައި،" ޝިހާމް ބުންޏެވެ.

ގދ. ހޯނޑެއްދޫގައިވެސް އިއްޔެ ބަނބުކެޔޮ ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އެ ރަށު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އަޝްރަފް ވިދާޅުވީ، އެ ހަރަކާތަކީ ކައުންސިލާ ގުޅުމެއް އޮތް ހަރަކާތެއް ނޫން ކަމަށެވެ. އެ ރަށުގެ ޒުވާނުންވެސް އެކަން ކުރީ އަމިއްލަ އިސްނެގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކެނދިކުޅުދޫގައިވެސް މިދިޔަ ހުކުރު ދުވަހު ބަނބުކެޔޮގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ޝަމީމް މީގެ ކުރިން "ސަން"އަށް ވިދާޅުވީ މަޖިލީހުގެ ލަފައާ ގުޅިގެން ކައުންސިލުން ރަށުގައި ބަނބުކެޔޮ ނިރު ޖެހުމުގެ މަސައްކަތް ފެށުމުން ރަށުގެ ޒުވާނުން ނުކުމެ އެކަމަށް އެއްބާރުލުން ދިން ކަމަށެވެ. އެގޮތުން އެ ދުވަހު އެކަނި 150 ބަނބުކެޔޮ ގަސް ރަށުގެ އެކި ތަންތަނުގައި އިންދި ކަމަށް ވިދާޅުވި އެވެ.

ނ. ކެނދިކުޅުދޫގެ ޒުވާނުންތަކެއް ރަށުގައި ބަނބުކެޔޮ ނިރު އިންދުމުގެ މަސައްކަތުގައި -- ފޮޓޯ/ ކެނދިކުޅުދޫ ކައުންސިލް

އޭނާ ވިދާޅުވި ގޮތުގައި މި ވަގުތުގެ އަމާޒަކީ 500 ބަނބުކެޔޮގަސް އިންދުން ކަމަށެވެ. އޭގެ އިތުރުން، ފަހުން ރަށުގެ ވަކި ސަރަހައްދެއް ބަނބުކެޔޮ އިންދުމަށްޓަކައި ހާއްސަކޮށް، ދަނޑު ހައްދާ ބީދާއިން ބަނބުކޭލުން ރަށަށް މަންފާ ހޯދުމަށްޓަކައި 1000 ގަސް އިންދުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

https://sun.mv/137056

ދަނޑުވެރިކަމާ ބެހޭ މާހިރުން ބުނާ ގޮތުގައި ބަނބުކެޔޮ ގަހެއްގައި ބަނބުކެޔޮ އަޅާ، ފައްކާވުމަށް ނަގާނީ ހަތަރު އަހަރާއި ފަސް އަހަރުފެ މުއްދަތެކެވެ. ނަމަވެސް ރަނގަޅަށް ބަަލަހައްޓައިފި ނަަމަ އެ ގަހުން ބައި ގަރުނެއްހާ ދުވަހު ބަނބުކެޔޮ ލިބިލިބި ހުންނާނެ އެވެ. އެހެންކަމުން އެއީ، ރަނގަޅު އިންވެސްޓްމެންޓެއް ކަމަށް މާހިރުން ދެކެއެވެ. އެއީ ގަސް ފޯދުމުން އަހަރުގެ ދެކޮޅު އަންނަ ވަރިއެއްގައި ގަހަކުން 400 ނުވަތަ 500 ބަނބުކެޔޮ އަޅާތީ އެވެ.

ބަނބުކޭލަކީ ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ފަލަމަޑީގެ ބާވަތެކެވެ. އިންސާނާގެ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާާ ކޮލެސްޓްރޯލް، ސަރުބީ އަދި ހަކުރުގެ މާއްދާތަށް ބަނބުކޭލުގައި ހިމެނޭ މިންވަރު ނިސްބަތުން ވަރަށް ބޮޑުތަން ކުޑަ އެވެ. ހުދު ހަނޑުލާއި އަލުތްވަށް ވުރެ ވެސް ބަނބުކޭލުގައި ނިއުޓްރިޝަންގެ ހުރިހާ ބާވަތެއްވެސް ގިނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ބަނބުކެޔޮ ގަހެއްގައި އަޅާފައި ހުރި ބަނބުކެޔޮތަކެއް: ގިނައިން ބަނބުކެޔޮ ހެދެނީ އަހަރަކު އެއްފަހަރު އަންނަ މޫސުމެއްގައި -- ސަން ފޮޓޯ

އެހެންކަމުން، ބަނބުކޭލަކީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ރާއްޖޭގައި ހެއްދޭނެ އެންމެ ރަނގަޅު އެއް ބާވަތް ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑައިރެކްޓާ އޮފް އެގްރިކަލްޗާ އިބްރާޙިމް ޝަބާއު މީގެ ކުރިން "ސަން"އަށް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ދިވެހީން ހައްދަން އެންމެ ރަނގަޅު ބާވަތްތަކަކީ ގިނަ ދުވަހަށް ރައްކާ ކުރެވެމާއެކު ހަށިގަނޑަށް ގިނަ އަަދަދަކަށް ނިއުޓްރިޝަން ލިއްބައިދޭ ބާވަތްތަކެވެ. ބަނބުކޭލުގެ އިތުރުން ދަނޑިއަލުވި، ކައްޓަލަ، އަދި އަލަވެސް އެފަދަ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށް ސަރުކާރުން މިހާރު ވަނީ ދަނޑުވެރިން ހައްދާ ތަކެތި ގަނެ މާކެޓު ކުރަން އެގްރޯނެޓުގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ހަދައިފައެވެ. އެ ކުންފުނިން އަދި މާ ގިނަ ބާވަތްތަކެއް ގަންނަން ފަށާފައި ނުވާ ނަމަވެސް މަސައްކަތް ވަނީ ފެށިފަ އެވެ.

ދަނޑުވެރިކަމުގެ އާ ޒަމާނަކަށް، ހައްދަންވީ ކޮން ބާވަތްތަކެއް؟

comment ކޮމެންޓް