ދަނޑުވެރިކަމުގެ އާ ޒަމާނަކަށް، ހައްދަންވީ ކޮން ބާވަތްތަކެއް؟

ތޮއްޑޫގެ ދަނޑުވެރިން މަސައްކަތުގުގައި--- ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް ކާބޯތަކެތި ލިބެން ދަތިވެ އެތައް ބަޔަކު ބަނޑަށް ޖެހުނެވެ. އޭރުވެސް ދިވެހީނަކީ، ކާބޯތަކެތި އުފައްދައި، އަމިއްލައަށް ފުދިގެން އުޅެވޭ ވަރުގެ ބައެއް ނޫނެވެ. އެހެންކަމުން، އެ ދުވަސްވަރު ބަނޑަށް ޖެހި އެތައް ބަޔަކު މަރުވެގެން ދިޔަ އެވެ. ދިވެހި ތާރީހުގައި އެ ދުވަސްވަރު ލިޔެވިގެން ވަނީ "ބޮޑު ތަދު"ގެ ގޮތުގަ އެވެ.

އޭގެ 75 ފަސް އަހަރު ފަހެވެ. މިއަދުވެސް ރާއްޖެއަކީ ކާނާގެ ބާވަތްތަކުގެ ސަޕްލައިއަށް އަންނަ ބަދަލުތަކާ ގުޅިގެން އޭގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނި ރާއްޖެއަށް 939.12 މިލިއަން ރުފިޔާގެ މޭވާ އާއި ތަރުކާރީ އެތެެރެ ކުރި އެވެ. އެތެރެ ކުރި ބާވަތްތަކުގެ ތެރޭގައި ގިނައީ، ރާއްޖޭގައި ފަސޭހައިން ހެއްދޭނެ ބާވަތްތަކެވެ. އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަންއިން ލަފާ ކުރާ ގޮތުގައި ރާއްޖެއަށް އެތެރެ ކުރާ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އުފެއްދެނީ އެންމެ ތިން ޕަސެންޓުގެ ބާވަތްތަކެެވެ.

މި ދުވަސްވަރު ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ފެތުރިފައިވާއިރު އެކި މާކެޓުތަކުން ރާއްޖެއަށް އިމްޕޯޓު ކުރާ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް މަދުވާނެ ކަމުގެ ބިރުވެރިކަން އެބަ އޮތެވެ. އެހެންކަމުން ރާއްޖެ ކުރިން ވެއްޓުނު ފަދަ އަނދަވަޅަކަށް ވެއްޓިޔަ ނުދީ، ދިވެހީންނަށް "ފުޑް ސެކިއުރިޓީ" ހޯދައި، ކާބޯތަކެތީގެ ކަށަވަރުކަން ދިނުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ފަށައިފަ އެވެ. އެއީ ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ގަނެ މާކެޓު ކުރުމުގެ މަސައްކަތެވެ. އެކަން ހާސިލު ކުރަން ރާވާފައި ވަނީ ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ދަނޑުވެރިން ލައްވައި ފުޅާ ދާއިރާއެއްގައި ދަނޑު ހައްދައިގެންނެވެ. އޭގެ އިތުރުން އާންމުން ގޯތިތަކުގައި އަމިއްލައަށް ފުދިގެން އުޅޭ މިންވަރަށްވިޔަސް ތަރުކާރީއާއި މޭވާ ހައްދަން ބާރު އަޅައިގެންނެވެ.

ތޮއްޑޫ ދަނޑުވެރި ބިންތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަނޑު ހައްދަންވީ ގޮތުގެ މޮޑެލްތަކެއް

ސަރުކާރާ ގުޅިގެން ދަނޑުތަކުގައި ހައްދާނެ 17 ބާވަތެއް މިހާރު ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއިން ވަނީ ކަނޑައަޅައިފަ އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް އެގްރިކަލްޗާ އިބްރާހިމް ޝަބާއު "ސަން"އަށް ވިދާޅުވި ގޮތުގައި، އެ 17 ބާވަތް ކަނޑައެޅީ، ދެ ކަމަކަށް ބަލައިގެންނެވެ. އެއީ ވިޔަފާރީގެ ފައިދާއާއި ފުޑް ސެކިއުރިޓީ އެވެ.

ޝަބާއު ވިދާޅުވި ގޮތުގައި ދަނޑުވެރިކަން ކުރުވާނީ ފިޝަރީޒް މިނިސްޓްރީއިން މުޑުވަށް ދީގެން އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދަނޑުވެރިންނާ އެކު ހެދޭ އެއްބަސްވުމުގެ ދަށުން ވިޔަފާރިއަށް ފައިދާވާނެ ބާވަތްތަކުގެ އިތުރުން، ފުޑް ސެކިއުރިޓީއަށް ބޭނުންވާ ބާވަތްތައްވެސް ދަނޑުވެރިން ހައްދާނެ އެވެ. އެހެންކަމުން، ހުރިހާ ދަނޑުވެރިން ހަމައެކަނި ވިޔަފާރިއަށް ފައިދާވާނެ ބާވަތްތައް ހައްދައި އެހެން ބާވަތްތައް ނުހައްދާނެ ކަމުގެ ބިރުވެރިކަމެއް ނެތެވެ.

އެއްބަސްވުން ހަދާއިރު، ވިޔަފާރިއަށް ފައިދާވާ ބާވަތްތަކާއި ފުޑް ސެކިއުރިޓީއަށް ބޭނުންވާ ބާވަތްތައް ބަހާލައިގެން ދަނޑު ހެއްދިދާނެ ގޮތުގެ މޮޑެލްތަކެއް މިނިސްޓްރީއިން ދަނޑުވެރިންނަށް ދޭނެ އެވެ. އެ މޮޑެލްތަކުގައި ވިޔަފާރީގެ ގޮތުން ފައިދާވާނެ ބާވަތްތަކާއި، ފުޑް ސެކިއުރިޓީއަށް ބޭނުންވާ ބާވަތްތައް ހިމެނިގެންދާނެ އެވެ. ދަނޑުވެރިން ޖެހޭނީ އެއިން މޮޑެލްއަކުން ކޮންމެވެސް އެއް މޮޑެލް އިހްތިޔާރުކޮށް އެއާ އެއްގޮތަށް ދަނޑު ހައްދާށެވެ.

ތޮއްޑޫގެ ދަނޑެއް: ސަރުކާރުން މިހާރު ދަނީ ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ގަތުމުގެ އިންތިޒާމު ހަމަޖައްސަމުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"ހަމަ އެކަނި ފުޑް ސެކިއުރިޓީއަށްޓަކައި އިންދަން ފަށައިފި ކަމަށް ވަންޏާ އެ މީހުންނަށް އެ އެއްޗެހި އެންމެ ފައިދާ ރަނގަޅު ޕްރޮޑަކްޓްސްތަކަށް ނުވެދާނެ. އެހެންވީމަ އެ ދެބައިވެސް ގުޅުވާލަން ޖެހޭ،" ޝަބާއު ވިދާޅުވުވި އެވެ.

"ދަނޑުތަކުން ކޮމާޝަލް އިމްޕުޓްސްތައް ލިބިފައި ފުޑް ސެކިއުރިޓީގެ ގޮތުން ލިބެންވާ ނަފާވެސް ލިބެންވާނެ،"

ވިޔަފާރިއަށް އެންމެ ރަނގަޅީ ކޮން ބާވަތްތަކެއް

ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ޒަރޫރީ ކާބޯތަކެތީގެ ގޮތުގައި ބަލައި އުޅެނީ ހަނޑޫ ހަކުރު އަދި ފުށެވެ. ހާއްސަކޮށް ހަނޑުލެވެ. ޝަބާއު ވިދާޅުވި ގޮތުގައި ހަނޑުލަކީ ރާއްޖޭގައި އުފެއްދުން ބުއްދިވެރި އެއްޗެއް ނޫނެވެ. އެއީ ރާއްޖޭގައި އެކަމުން ވިޔަފާރީގެ މަންފާ ހޯދިދާނެ ވަރަށް ބިން ނެތުމުންނެވެ.

100 ފޫޓު 100 ފޫޓުގެ ބިމެއްގައި ހަނޑޫ ހައްދައިގެން ލިބޭނީ 200އެއްހާ ކިލޯގެ ހަނޑުލެވެ. ކިލޯއެއް 20 ރުފިޔާއަށް ކަމަށް ބެލިޔަސް އެއީ 4000 ރުފިޔާއެވެ. އޭގެ ބަދަލުގައި 100 ފޫޓު 100 ފޫޓުގެ ބިމެއްގައި ކިއުކަމްބާ ހައްދައިފިއްޔާ ފަސް މަސް ދުވަހުގެ ތެރޭގައި ހަރަދު ކަނޑާފައި 70،000 ރުފިޔާ ލިބޭނެ އެވެ.

"ހަނޑޫ ހައްދަން ވަރަށް ބިން ބޭނުންވާނެ. އެއީ އިކޮނޮމިކަލީ ވަޔަބަލް ކަމެއް ނޫން ރާއްޖޭގައި ހަނޑޫ ހައްދާކަށް. ނުހެދޭނެއެކޭ ނޫން. ހެއްދިދާނެ ހަމަ ކުޑަ ކުޑަ ފެންވަރަކަށް. އެކަމަކު އިކޮނިކޮމް ކްރޮޕްއެއް ނޫން އެއީ،" ޝަބާއު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ރައިސް ނޫން އެހެން އެއްޗެއް ހޯދަން ޖެހޭ،"

ތޮއްޑޫގެ ފަޅޯދަނޑެއް: ތޮއްޑޫ ދަނޑުވެރިންގެ އުފެއްދުންތައް މާލެ އާއި ރިސޯޓުތަކަށް ފޯރުކޮށްދޭ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ވިޔަފާރީގެ ގޮތުން އެންމެ ބޮޑަށް ފައިދާވާ ބާވަތްތަކުގެ ތެރެއިން ޝަބާއު އެންމެ ބޮޑަށް ފާހަގަކުއްވީ ކިއުކަމްބާ އަދި ރޮކްމެލަން އެވެ. އޭގެ އިތުރުން ފަޅޯ، ބަށި، ކެބެޖު، ލެޓިއުސް، އަދި ބީންސް ފަދަ ބާވަތްތަކަކީވެސް ވިޔަފާރިއަށް ފައިދާވާނެ ބާވަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ރިސޯޓު އިންޑަސްޓްރީގައި އެ ބާވަތްތަކަށް މާކެޓެއް އޮތުމުންނެވެ.

"ޕަމްޕްކިން އަދި ބަޓާނާ އަކީވެސް ވަރަށް ޕްރޮފިޓަބަލް އެއްޗެއް، ވަކި ސިސްޓަމެއްގައި ހައްދައިގެން ކަމަށްވަންޏާ ހައިޑްރޯޕީނިކް ސިސްޓަމްތަކުގައި ލެޓިއުސް އަދި ޓޮމާޓޯ ފަދަ އެއްޗެހި ހެއްދީމަވެސް ވަރަށް ޕްރޮފިޓަބަލް ވާނެ،" ޝަބާއު ވިދާޅުވިއެވެ.

އެންމެ ފައިދާ ލިބޭ ބާވަތްތައް (މިނިސްޓްރީގެ ދަނޑުފަނގު 1 ފޮތުން)

  • ރޮކް މެލަން: ފަސް މަހުން 266،000 ރުފިޔާގެ ފައިދާ (100 ފޫޓު 100 ފުޓޫ ދަނޑެއްގައި)
  • ކިއުކަމްބާ: ފަސް މަހުން 72،000 ރުފިޔާގެ ފައިދާ (100 ފޫޓު 100 ފޫޓު ބިމެއްގައި)
  • ކެބެޖު: ތިން މަހުން 34،000 ރުފިޔާގެ ފައިދާ (100 ފޫޓު 100 ފޫޓު ބެޑެއްގައި)
  • ބަށި: ފަސް މަހުން 32،000 ރުފިޔގެ ފައިދާ (100 ފޫޓު 100 ފޫޓު ބިމެއްގައި)
  • ބުޝް ބީންސް: ހަތަރު މަހުން 19،000 ރުފިޔާ ( 100 ފޫޓު 100 ފޫޓު ބިމެއްގައި)
ތޮރާ އަޅާ ބަރާވެފައި އޮތް ވެލެއް: މިއީ ތޮއްޑޫގެ ދަނޑެއް --- ސަން ފޮޓޯ/ މުހައްމަދު އަރްފާހު

ފުޑް ސެކުރިޓީއަށް މުހިންމީ ފަލަމަޑީގެ ބާވަތްތައް

މިހާރު މީހުން އާންމުކޮށް ކައި އުޅޭ ހަަނޑުލުގެ ބަދަލުގައި ދިވެހީން އަލުން ރުޖޫއަވާންވީ އެންމެ އިހުގައި ކައި އުޅުނު ބަނބުކޭލާއި، އަލައާއި ކައްޓަލައާއި، ދަނޑިއަލުވި ފަދަ ފަލަމަޑީގެ ބާވަތްތަކަށް ކަމަށް ޝަބާއު ވިދާޅުވި އެވެ. ސަރުކާރުގެ ވިސްނުމަކީވެސް ފުޑް ސެކުރިޓީއަށް އެ ބާވަތްތައް ހެއްދުމެވެ.

"ފުޑް ސެކިއުރިޓީ ޕާސްޕެކްޓިވްއަކުން އަޅުގަނޑުމެން މި ބުނަނީ ބަލާށޭ، ވީހާވެސް ގިނަ ދުވަހަށް ރައްކާ ކުރެވޭނެ އެއްޗެއް ހައްދަން. އެ އެއްޗަކީ ކެއުމުން ހަކަތަ ލިއްބައިދޭ ބާވަތްތަކެއްތޯ ބަލަން ޖެހޭނެ. އެގޮތަށް އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރަނީ ފަލަމަޑީގެ ބާވަތްތަކަށް. ދަނޑިއަލުވި، ކައްޓަލަ، އަލަ، ދެން އަދި ބަނބުކެޔޮ. މި ބާވަތްތަކަށް އަޅުގަނޑުމެން ފޯކަސް ކުރަނީ ފުޑް ސެކިއުރިޓީ އޭންގަލްއަކުން،" ޝަބާއު ވިދާޅުވިއެވެ.

ފުވަައްމުލަކު އަންހެނަކު އަލަ އޮޅެއްގައި އަލަ ކަނޑަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ މީހަކުވެސް އެ މީހެއްގެ އަމިއްލަ ގޭގައި ފުދިގެން އުޅެވޭ ވަރަށް ކާބޯތަކެތި އުފެއްދުމަކީ ކުރެވިދާނެ ކަމެކެވެ. އެއީ ރަށެއްގައި ނަމަ ގޯތި ތެރޭގައެވެ. މާލެ ފަދަ ތަނެއްގައި ނަމަ ބެލްކަނީގައިވެސް ހެއްދިދާނެ ބާވަތްތައް އެބަ ހުއްޓެވެ. މިއީވެސް ފުޑް ސެކިއުރިޓީގެ ބައެކެވެ.

ޝަބާއު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެގްރިކަލްޗަރަލް ބިމުގެ ފަސް ޕަސްންޓަކީ ގޯތިތަކުގައި ހުރި ބިމެވެ. ގޭތެރޭގައި އަމިއްލަ ބޭނުމަށް ހައްދަން އެންމެ ރަނގަޅު ބާވަތްތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، ތަރުކާރީގެ ބާވަތްތަކެވެ.

"އާބަން ގާޑްނިންއަށް ބަލާއިރު އެންމެ ފަސޭހައިން ބެލްކަނީގައި ހައްދާލެވޭނެ، އަވި އަރާ ތަނެއް ކަމަށް ވިއްޔާ ވަރަށް ފަސޭހަވާނެ ޓޮމާޓޯއާއި، ލެޓިއުސް ކަހަލަ ބާވަތްތައް،" ޝަބާއު ވިދާޅުވިއެވެ.

އޭގެ އިތުރުން ފުވައްމުލަށް ފަދަ ރަށްރަށުގައި ގޯތި ތެރޭގައި މިހާރުވެސް ހައްދާހެން އަނބު ހެއްދިދާނެ ކަމަށް ޝަބާއު ވިދާޅުވިއެވެ. އަދި އާންމުކޮށް ގޯތީގައި ހައްދާ ދޮންކެޔޮ ފަދަ ގަސްތައްވެސް ހެއްދިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫގެ ރީތިކަން ފޮޓޯތަކުން: މައްޝޫރު "ތޮއްޑޫ ކަރައެށް ކާން ތއްޔާރު ކޮށްފަ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ފުޑް ޓެކްނޮލޮޖިސްޓެއް ކަމަށްވާ އާދަމް މަނިކު ވިދާޅުވި ގޮތުގައި، ފުޑް ސެކިއުރިޓީއަށް ވިސްނައިގެން ހައްދާ ކާނާ ވާން ޖެހޭނީ ނިއުޓްރިޝަންގެ ނަޒަރިއްޔާއިން ހަށިގަނޑަށް ވަރަށް ފައިދާވާ ތަކެއްޗަށެވެ. ބަނބުކޭލާއި، އަލައާއި ކައްޓަލައާއި، ދަނޑިއަލުވި ފަދަ ފަލަމަޑީގެ ބާވަތްތަކަކީ އެ ގޮތުންވެސް ފައިދާ ހުރި ބާވަތްތަކެއް ކަމަށް އެނާ ވިދާޅުވިއެވެ.

މިއަދު ދިވެހީން ގެންގުޅޭ ކެއުން ބުއިމުގެ ވައްޓަފާޅީގެ ސަބަބުން ހަށިގަނޑަށް ލިބެންވާ ވަރަށް ނިއުޓްރިޝަން ނުލިބޭ އާބާދީ ނިސްބަތުން ބޮޑެވެ. 2016 ވަނަ އަހަރު ހެދި މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭއިން އެކަން އެނގެއެވެ. އެ ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން އެކަށީގެންވާ ވަރަށް ވުރެ ބަރުދަން ލުއި ކުދިންގެ ނިސްބަތަކީ 15 ޕަސެންޓެވެ. އަދި އިސްކޮޅާ އަޅާބަލާއިރު ބަރުދަން ލުއި ކުދިންގެ ނިސްބަތަކީ 9 ޕަސެންޓެވެ. އެ ސާވޭއިން ދެއްކި ގޮތުން ރާއްޖޭގެ 64 ޕަސެންޓު އަންހެނުންނަކީ ދަގަނޑުގެ ބައި ހުންނަން ޖެހޭ ވަރަށް ވުރެ މަދުވުމުން އެނީމިކް މީހުންނެވެ. މި އަދަދުތައް މަދު ކުރެވެން އޮތީވެސް ސިއްހަތަށް ރަނގަޅު ކާނާ އުފައްދައި ދިރިއުޅުމުގެ ވައްޓަފާޅީގައި އެ ތަކެތި ހިމަނައިގެންނެވެ.

ދަނޑުވެރިކަން ކުރި ނާރައި އޮތީ ކީއްވެ؟

ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ވަރަށް ކުޑަ ބައެކެވެ. އެކަން ކުރިއަރުވަން ފާއިތުވީ ސަރުކާރުންތަކުން މާބޮޑު މަސައްކަތްތަކެއްވެސް ނުކުރެއެވެ. އެއީ ފަސޭހައިން އާމްދަނީ ލިބޭނެ ޓޫރިޒަމް އިންޑަސްޓްރީ ފަދަ އިންޑަސްޓްރީއެއް އޮތުމުން ކަމަށް ޝަބާއު ދެކެވަޑައިގަންނަވައެވެ.

"ފަސޭހައިން އިންކަމް އާން ކުރެވޭ އެކްޓިވިޓީއެއް، ޓޫރިޒަމް އޮތީމާ، ގަވަމެންޓުތަކުންވެސް ބޮޑަށް ވިސްނީ ޓޫރިޒަމް ޕްރޮމޯޓުކޮށް ޓޫރިޒަމްގެ ކަންތައްތައް ކުރާށޭ. ނަމަވެސް އެޓް ދަ ބެކް އެންޑް ކުރަން ޖެހޭ މުހިންމު ކަންތައްތަކަށް ޕްރައޯރިޓީ ނުދެވި އޮތީ. އެ ޕްރައޯރިޓީ ނުދެވި އޮތީމައޭ މި ސެކްޓާއަށް މީހުން ނުވަންނަނީ،"

ލޯކަލް މާރުކޭޓް: ގިނަ އަދަދެއްގެ ދަނޑުވެރިން ރޯދަމަހަށް ހައްދާ ތަކެތި މާލޭ ލޯކަލް މާރުކޭޓުގައި ވިއްކާ --- ސަން ފޮތޯ/ މުހައްމަދު އަފްރާހު

އޭގެ އިތުރުން އޭނާ ފާހަގަކުރެއްވި އެންމެ މުހިންމު ކަމަކީ ދަނޑުވެރިންނަށް އެކަމުން ލިބޭ މަންފާ ކުޑަވުމެވެ. ހަރަދު ކަނޑާލާފައި ފައިދާ ލިބޭނެ ކަމުގެ ޔަގީންކަން ނެތުމެވެ. ގިނަ މީހުން ބޭނުން ވަނީ މާލޭގެ މާރުކޭޓަށް ހައްދާ ތަކެތި ގެންނަންކަން ޝަބާއު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ދަނޑުވެރިން ހައްދާ ތަކެތި ގެނައުމުގެ ތެރޭގައި ގާތްގަނޑަކަށް 30 ޕަސެންޓު ދަތުރުމަތީގައި ހަލާކުވެގެންދެއެވެ. އެހެންކަމުން، ދަނޑުވެރިން ރިސޯޓު މާކެޓާ ގުޅުވައިދިނުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ދަނޑުވެރިންކަން ކުރަން ފަށަން އެސްޑީއެފްސީ މެދުވެރިކޮށް ފަސޭހައިން ލޯނު ލިބޭ ގޮތް ހަމަޖައްސައި، ހައްދާ ހުރިހާ އެއްޗެއް އެސްޓީއޯ މެދުވެރިކޮށް ގަންނާނެ ކަމުގެ ޔަގީންކަން ދިނުމުން ދަނޑުވެރިންނަށް އޮތް ރިސްކު ވަރަށް ބޮޑުތަނުން ކުޑަކުރެއްވިޖެ ކަމަށް ޝަބާއު ދެކެވަޑައިގަންނަވައެވެ.

"ތަފާތު ޗެލެންޖެސް ހުރީމަ ދަނޑުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް މީހުން ވަންނަން ބޭނުން ނުވަނީ ހަގީގަތުގައި. ރިސްކު ވަރަށް ބޮޑު އެ މީހުންނަށް. ރިޓާން އޮން ކެޕިޓަލް ދަށްވީމަ. އެކަމަކު މިހާރު އެ އޮޕޮޗުނިޓީ ވަރަށް ބޮޑަށް ހުޅުވިފައި މި އޮތީ،" ޝަބާއު ވިދާޅުވިއެވެ.

comment ކޮމެންޓް