އަލްމަރުހޫމު ހުސައިން ސަލާހުއްދީން ލިޔުއްވި "ދިވެހީންގެ ވާހަކަ" ކިޔާ ފޮތުގައި ވާގޮތުން ދިވެހިރާއްޖެއަށް ބަނބުކެޔޮ ތައާރަފުކުރެއްވީ މީލާދީން 1766 އިން 1773އަށް ރާއްޖޭގެ ރަސްކަން ކުރެއްވި ސުލްތާން މުހައްމަދު ޢިޔާސުއްދީނެވެ. އެމަނިކުފާނު ރާއްޖެއަށް ބަނބުކެޔޮ ގެންނެވީ އިންޑިއާއިން ކަމަށްވެ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބަނބުކޭލުން ކާނާ އުފެއްދި ރަށްތަކުގެ ތެރޭގައި ފުވައްމުލަށް ހިމެނެ އެވެ. އެއީ އެ ރަށު ދޫޑިގަމު އެދުރުމަނިކުފާނަށް ސުލްތާން ޢިޔާސުއްދީން ހަދިޔާއެއްގެ ގޮތުގައި ދެއްވި ބަނބުކެޔޮ ގަހަކުން ހެދުނު ބަނބުކޭލުން ކަމަށް ބުނެ އެވެ.
އެކަމެއް ހިނގިތާ މިހާރު 250 އެއްހާ އަހަރު ވެދާނެ އެވެ. މިހާރު ބަނބުކޭލަކީ ދިވެހީންނާ ވަރަށް ބޮޑަށް ގުޅި، ދިވެހީންގެ ކެއުން ބުއިމުގެ ސަގާފަތުގެ ތެރެއަށް ވަދެފައިވާ އެއްޗެކެވެ. ފެނު ކައްކައިގެންނާއި، ރިހަ ކައްކައިގެންނާއި، ތެލުލައިގެން ބަނބުކޭލުން ތަފާތު ވަައްތަރުތަކުގެ ކާނާ އުފައްދަ އެވެ. އަދި އެއީ ދިވެހީންގެ މުސްތަގުބަލާ ގުޅިފައިވާ އެއްޗެކެވެ.
ފުޑް ސެކިއުރިޓީގައި މުހިންމު ރޯލެއް
މި ދުވަސްވަރު ކޮރޯނާވައިރަސް މުޅި ދުނިޔޭގައި ފެތުރިފައިވާއިރު އެކި މާކެޓުތަކުން ރާއްޖެއަށް އިމްޕޯޓު ކުރާ މޭވާ، ތަރުކާރީ، ކާޑު އަދި އެހެނިހެން ކާނާގެ ބާވަތްތައް މަދުވާނެ ކަމުގެ ބިރުވެރިކަން އެބަ އޮތެވެ. އެހެންކަމުން މި ދުވަސްވަރަކީ ރާއްޖެއިން ކާނާގެ ޔަގީންކަން ހޯދައި، އަމިއްލަ ފައިމައްޗަށް ތެދުވާން ތެޅިފޮޅެމުންދާ ދުވަސްވަރެކެވެ.
ކާނާ ޔަގީންކުރުމަކީ ހަމައެކަނި ހައިހޫނުކަން ފިލުވާލާ ކެއުމެއް ނޫނެވެ. އެއީ އެއަށް ވުރެ މާ ފުޅާ ކަމެކެވެ. އެންމެ އާދައިގެ ގޮތަކަށް ބުނާ ނަމަ ކާނާ ޔަގީން ކުރުމަކީ ހަށިގަނޑަށް ފައިދާ ހުރި ކާނާގެ ބާވަތްތައް އަމިއްލައަށް ހައްދައިގެން އެހެން ބަޔަކަށް ބަރޯސާ ނުވެ ދިރިއުޅެވޭ ވަރު ވުމެވެ. މި އަމާޒަށް ރާއްޖެ ވާސިލުވުމަށް ބަނބުކޭލުގެ ދައުރު ވަރަށް ބޮޑެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް އެގްރިކަލްޗާ އިބްރާހިމް ޝަބާއު "ސަން"އަށް ވިދާޅުވި ގޮތުގައި ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ރާއްޖޭގައި ހައްދަން އެންމެ ރަނގަޅު ބާވަތްތަކުގެ ތެރޭގައި ބަނބުކެޔޮ ހިމެނެ އެވެ. އެއީ ބަނބުކޭލަކީ ގިނަ ދުވަހަށް ރައްކާ ކުރެވޭ، އަދި ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗަކަށް ވާތީ އެވެ.
"ފުޑް ސެކިއުރިޓީ ޕާސްޕެކްޓިވް [ނަޒަރަކުން] އަޅުގަނޑުމެން މި ބުނަނީ ބަލާށޭ، ވީހާވެސް ގިނަ ދުވަހަށް ރައްކާ ކުރެވޭނެ އެއްޗެއް ހައްދަން. އެ އެއްޗަކީ ކެއުމުން ހަކަތަ ލިއްބައިދޭ ބާވަތްތަކެއްތޯ ބަލަން ޖެހޭނެ. އެގޮތަށް އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރަނީ ފަލަމަޑީގެ ބާވަތްތަކަށް. ދަނޑިއަލުވި، ކައްޓަލަ، އަލަ، ދެން އަދި ބަނބުކެޔޮ. މި ބާވަތްތަކަށް އަޅުގަނޑުމެން ފޯކަސް ކުރަނީ ފުޑް ސެކިއުރިޓީ އޭންގަލްއަކުން،" ޝަބާއު ވިދާޅުވި އެވެ.
ޝަބާއުގެ ނަސޭހަތަކީ ހަނޑުލުގެ ބަދަލުގައި ދިވެހީންގެ އަސާސީ ކާނާއަކަށް ބަނބުކޭލާއި، އަލަ އާއި ކައްޓަލަ ފަދަ ތަކެތި ބޭނުން ކުރުމެވެ. އޭރުން ރާއްޖެއިން ބޭރުން އެތެރެ ކުރަން ޖެހޭ ތަކެއްޗަށް ބަރޯސާވުން ކުޑަވެފައި، މިހާރަށް ވުރެ ބޮޑަށް ދިވެހީންގެ ނިއުޓްރިޝަން ރަނގަޅުވާނެ އެވެ.
މި ދުވަސްވަރު ބަނބުކެޔޮ ހެއްދުމާ ބެހޭ ބަހުސެއް ވެސް އެބަ އޮތެވެ. މި ބަހުސް ފެށުނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން ކުރިއަށް ގެންދިޔުމަށް ލަފާ ދިނުމަށް މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީއިން ނިންމުމާ ގުޅިގެންގެންނެވެ. އެއާ އެކު، ބަޔަކު އެ ވާހަކަ ދައްކަނީ މަޖަލަކަށް ހަދައިގެންނެވެ. އެކަމަކު ބަނބުކެޔޮ ހެއްދުމަކީ ޖޯކު ޖަހާ ވަރަށް ވުރެ މާ ސީރިއަސް ވާހަކަ އެކެވެ. އެއީ، ރާއްޖޭގެ މުސްތަގުބަލާ އަހަރުމެންގެ ކާބޯތަކެތީގެ ޔަގީންކަމާ ގުޅުން އޮތް ކަމެކެވެ.
ދުޅަހެޔޮ ކަމަށް ވަރަށްވެސް މުހިންމު
ބަނބުކެޔޮ ގަހަކީ ފޯދި، މޭވާ އަޅަން ފަށަން ހައެއްކަ އަހަރު ނަގާ ގަހެކެވެ. ނަމަވެސް ރަނގަޅަށް ބަަލަހައްޓައިފި ނަަމަ އެ ގަހުން ބައި ގަރުނެއްހާ ދުވަހު ބަނބުކެޔޮ ލިބިލިބި ހުންނާނެ އެވެ. އެ ގަހުން މޭވާ ލިބޭނީ މައިގަނޑު ގޮތެއްގައި އަހަރު އެއްފަހަރު ވަކި މޫސުމެއްގަ އެވެ. އެ ނޫން މޫސުންތަކުގައި ވެސް މަދު މަދުން މޭވާ އަޅާނެ އެވެ. މީގެ އިތުރަށް އެ ގަހަކީ ބިޔަކޮށް ހެދޭ، ހިޔާ ބޮޑު ގަހެކެވެ. ބަނބުކެޔޮ ގަހެއް ހުރެއްޖެ ގޯއްޗެއް ހިޔާ ނުވެ ނުދާނެ އެވެ.
ބަނބުކޭލަކީ ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ފަލަމަޑީގެ ބާވަތެކެވެ. އިންސާނާގެ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާާ ކޮލެސްޓްރޯލް، ސަރުބީ އަދި ހަކުރުގެ މާއްދާތަށް ބަނބުކޭލުގައި ހިމެނޭ މިންވަރު ނިސްބަތުން ވަރަށް ބޮޑުތަން ކުޑަ އެވެ.
ނިއުޓްރިޝަނާ ބެހޭ ގައުމީ ސްޓްރެޓީޖިކް ޕްލޭން 2013-2017ގައި ވާގޮތުން ރާއްޖޭގައި މެލްނިއުޓްރިޝަން ނުވަތަ ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ މާއްދާތައް މަދުވުމުގެ މައްސަލަ ވަރަށް ބޮޑެވެ.
މޯލްޑިވްސް ޑިމޮގްރެފިކް ހެލްތު ސާވޭ، 2016 އިން ދައްކާ ގޮތުގައި ރާއްޖޭގައި ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން އެކަށީގެންވާ ވަރަށް ވުރެ ބަރުދަން ލުއި ކުދިންގެ ނިސްބަތަކީ 15 ޕަސެންޓެވެ. އަދި އިސްކޮޅާ އަޅާބަލާއިރު ބަރުދަން ލުއި ކުދިންގެ ނިސްބަތަކީ ނުވަ ޕަސެންޓެވެ. އެ ސާވޭއިން ދެއްކި ގޮތުން ރާއްޖޭގެ 64 ޕަސެންޓު އަންހެނުންނަކީ ދަނގަނޑުގެ ބައި ހުންނަން ޖެހޭ ވަރަށް ވުރެ މަދުވުމުން އެނީމިކް މީހުންނެވެ. މި އަދަދުތައް މަދު ކުރެވެން އޮތީވެސް ބަނބުކެޔޮ ފަދަ ސިއްހަތަށް ރަނގަޅު ކާނާ ކެއުމުގައި ހިމަނައިގެންނެވެ.
ހަވާއީގެ ޑިޕާޓްމަންޓް އޮފް އެގްރިކަލްޗާ އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހުދު ހަނޑުލާއި އަލުތްވަށް ވުރެ ވެސް ބަނބުކޭލުގައި ނިއުޓްރިޝަންގެ ހުރިހާ ބާވަތެއް ވެސް ގިނަ އެވެ. ދިވެހީންގެ ކެއިން ބުއިމުގައި ބަނބުކެޔޮ ބޭނުން ކުރަން މުހިންމުވާ ސަބަބުން ސައިންސުން މިއޮތީ ބުނެދީފަ އެވެ.
އިންދާނެ ގޮތް
ރާއްޖޭގައި ބަނބުކެޔޮ ގަސް ހައްދައި އުޅެނީ، ބަނބުކެޔޮ ގަހުގެ މޫތަކުގައި ފަޅާ ނިރުތައް ނަގައިގެން އެ އެހެން ތަންތަނުގައި އިންދައިގެންނެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއިން 2009 ވަނަ އަހަރު ނެރުނު ބަނބުކޭލާ ބެހޭ ލީފްލެޓެއްގައިވާ ގޮތުން ބަނބުކެޔޮ ގަސް ހައްދާއިރު މާ ބޮޑަށް ހެދިފައި ހުރި ނިރެއް ނަގައިގެން އިންދުން ރަނގަޅެއް ނޫނެވެ. އެންމެ ރަނގަޅުވާނީ ތިން ފަތާއި ފަސް ފަތާއި ދެމެދުގެ އަދަދަކަށް ފަތް ހެދިފައި ހުރި ނިރެއް ނަގައިގެން އިންދުމެވެ. އަދި އެގޮތަށް ނިރު ނަގައިގެން އިންދާއިރު، ގަސް ރޯވަންދެން ގަހަށް ކޮންމެވެސް ވަރަކަށް ހިޔަލެއް ދޭން ޖެހޭ ކަމަށް މިނިސްޓްރީއިން އިރުޝާދު ދީފައިވެ އެވެ.
ނިރު އިންދުމަށްޓަކައި ތައްޔާރު ކުރާނީ ދެ ފޫޓު ދެ ފޫޓު، ފުންމިނުގައި ގާތްގަނޑަކަށް ދޮޅުފޫޓު ހުންނަވަރުގެ ވަޅުގަނޑެކެވެ. ވަޅުގަނޑުގައި ނިރު އިންދުމުގެ ކުރިން، ތިން ވެއްޔަށް، އެއްކާދުގެ މިންގަނޑުން އެއްކުރުމަށްފަހު ފަސްގަނޑު ޖަހާލާފައި މަދުވެގެން 42 ގަޑިއިރު ބަހައްޓާލުން ރަނގަޅެވެ. އަވަހަށް ފީވެ ހަލާކުވާ ޒާތުގެ ފަތްފަދަ ތަކެތި އަޅާ ފަސްގަނޑާ އެއްކޮއްލުމަށް ފަހު ގާތްގަނޑަކަށް 14 ހަފްތާވަންދެން ބަހައްޓާފައި އެތަނުގައި ނިރު އިންދުމަކީ ވަގުތު އޮތް ނަމަ ކޮށްލުން ރަނގަޅު ކަމެކެވެ.
ލޮނުގެ އަސަރު ކުޑަ ސަރަހައްދުތަކުގައި ބަނބުކެޔޮ ގަސް ވަރަށް ފަސޭހައިން ހެދޭނެ އެވެ. ގަސް ހެއްދުމަށް އެންމެ އެކަށީގެން ވަނީ ބިންގަނޑު މުއްސަނދި، އަވަހަށް ފެން ހިނދޭ ފަދަ ބިމެއްގަ އެވެ. ގިނަ ވަގުތު ފެން ނުހިނދި ހުންނަ، ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ބިންތަކުގައި ބަނބުކެޔޮ ހެއްދުމަށް އުނދަގޫވާނެ އެވެ.
ގަސް އިންދާއިރު ގޯއްޗެއްގައި ނަމަ ރަނގަޅީ ގެއާ ދުރު ހިސާބެއްގައި އިންދުމެވެ. އެއީ ބަނބުކެޔޮ ގަހަކީ އޭގެ މޫތަށް ވަރަށް ބޮޑަށް ފެތުރޭ ގަހެއް ކަމުން، އެ މޫތަކުގެ އަސަރު ގޭގެ ފާރުތަކަށްކޮށް ގެއްލުންވެދާނެ އެވެ.