ރިޔާސީ ކޮމިޝަންތަކާ ގުޅޭ މައްސަލަ ދެކޮމެޓީ އަކަށް

--- ފޮޓޯ/ މަޖިލިސް

ކުރީގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތް ބައްލަވާ ދެއްވުން އެދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މައްސަލަ ޖުޑީޝިއަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި ޓްވީޓެއްގައި ބުނީ މި ދެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި މުއިއްޒު ވިދާޅުވެފައި ވަނީ އެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ މެމްބަރު ނިސްބަތްވާ ޕާޓީ، އެމްޑީޕީ އާއި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އެއީ މެމްބަރު މަޖިލީހަށް ހޮވަން ރައްޔިތުން ވޯޓު ދިން ސަބަބަކަށް ވެސް ވާކަމަށެވެ.

ހަމައެއާއެކު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަކީ، އެކަމުގައި އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކެއް ކަމަށެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ އެ މައްސަލަތަކުގެ ތަހުގީގުތަކާއި، ނުވަތަ ދައުުވާ އުފުލުމާއި އަދި ޝަރީއަތްތައް ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުން މަދުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަތައް ބެލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެލުމާއި، ދައުވާ އުފުލުން ނުވަތަ ޝަރީއަތް ހިންގުން ލަސްވުމަށް ހުރި ސަބަބުތަކަކާއި، ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން، ނަތީޖާ ނެރެވޭނެ ފަދައިން އެ މައްސަލަތަކާމެދު އަމަލުކުރަމުން ދޭތޯ ޔަގީންކުރުމަށް ބޭނުންވާތީ، އެކަން ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އެކަންޏެވެ. އެމަނިކުފާނު ފަސް އަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ވެގެންނެވެ.

https://sun.mv/137291

comment ކޮމެންޓް