ބޮޑު ހިޔާނާތުގެ ތަހުގީގު ގޮސްފައިިވާ ހިސާބު ހޯދަން މަޖިލީހަށް ހުށަހަޅައިފި

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު --- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލަ އާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށް ބުނެ، މަޖިލީހުން އެކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި މުއިއްޒު ވިދާޅުވެފައި ވަނީ އެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދައި ދިނުމަކީ މެމްބަރު ނިސްބަތްވާ ޕާޓީ، އެމްޑީޕީ އާއި ސަރުކާރުގެ ވައުދެއް ކަމަށެވެ. އަދި އެއީ މެމްބަރު މަޖިލީހަށް ހޮވަން ރައްޔިތުން ވޯޓު ދިން ސަބަބަކަށް ވެސް ވާކަމަށެވެ.

ހަމައެއާއެކު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތަކަކީ، އެކަމުގައި އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކެއް ކަމަށެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ އެ މައްސަލަތަކުގެ ތަހުގީގުތަކާއި، ނުވަތަ ދައުުވާ އުފުލުމާއި އަދި ޝަރީއަތްތައް ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުން މަދުކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަތައް ބެލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި، އެ މައްސަލަތައް ބެލުމާއި، ދައުވާ އުފުލުން ނުވަތަ ޝަރީއަތް ހިންގުން ލަސްވުމަށް ހުރި ސަބަބުތަކަކާއި، ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން، ނަތީޖާ ނެރެވޭނެ ފަދައިން އެ މައްސަލަތަކާމެދު އަމަލުކުރަމުން ދޭތޯ ޔަގީންކުރުމަށް ބޭނުންވާތީ، އެކަން ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އެކަންޏެވެ. އެމަނިކުފާނު ފަސް އަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ވެގެންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގޮތް ނޭނގޭ މަރުތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ބަލައިދިނުމަށް އެދި އެމްޑީޕީ މެމްބަރު މަޖިލީހަށް މައްސަލައެއް ހުށަހަޅާފައި ވާއިރު، އެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހުމަކީ އިންސާފު ނޫން ކަމަށް، އެމްޑީޕީގެ ލީޑަރު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް ނަޝީދު ފޮނުއްވި ނޯޓެއްގައި ވިދާޅުވެފައި ވަނީ ކުރީ ސަރުުކާރުގެ މައްސަލަތައް ބަލާނެ ކަމަށް ކުރިން ބުނެ، މިހާރު އެކަމުގައި ފަސްޖެހެންވީ ސަބަބެއް ނެތް ކަމަށެވެ.

އަދި މަރު ކޮމިޝަނުން ކުރަން ބުނި ކަންކަން ވެސް ކުރަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް