ޕާކިސްތާނު ފްލައިޓު ވެއްޓުމާ ގުޅިގެން މިނިސްޓަރު ޝާހިދުގެ ތައުޒިޔާ

ޑިސެމްބަރ 16، 2019: ފޮރިން މިނިސްޓަރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕާކިސްތާނުގެ ކަރާޗީގެ ޖިނާހް އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރިއަށް އެގައުމުގެ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި މީހުން މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަހްދޫމް ޝާހް މަހްމޫދު ގުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާޙިދުގެ މެސެޖްގައި، މަތިންދާބޯޓު ވެއްޓުނު ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެ، ހިތާމައިގެ މިދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް މިނިސްޓަރ ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ބުނީ، ޕާކިސްތާނުގެ ގައުމީ އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ފްލައިޓް ޕީކޭ-8303 ފްލައިޓް ވެއްޓުނީ 99 ފަސެންޖަރުންނާއި އަށް ކްރޫއިންނާ އެކު ދަތުރު ކުރަމުން ދަނިކޮށެވެ. އެއީ، ޕާކިސްތާނުގެ ލާހޯރުން ކަރާޗީއަށް ދަތުރުކުރަމުން ދިޔަ ފްލައިޓެކެވެ.

ޕާކިސްތާނުގައި ކޮވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފެށުނުތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެ އެވެ.

މަތިންދާބޯޓު ވެއްޓުނު ހާދިސާ މި ހިނގީ އެގައުމުގައި ގިނަ ބަޔަކު ރޯދަ މަސް ނިމުމާއި އީދު ފާހަގަކުރުމަށް އާއިލާ އަދި އެކުވެރިން ކައިރިއަށް ދިޔުމަށް ދަތުރުކުރަމުންދާ ދުވަސްވަރަކާ ދިމާކޮށެވެ.

ޕާކިސްތާނަކީ ވައިގެ ދަތުރުފަތުރުގެ ކަންކަމުގައި އާދައިގެ މިންވަރެއްގެ ސަލާމަތީ ރެކޯޑެއް އޮންނަ ގައުމެކެވެ. އެގޮތުން 2016 ވަނަ އަހަރުވެސް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓެއްގައި އަލިފާން ރޯވެ އިންޖީން ހަލާކުވެގެން ވަނީ ވެއްޓިފަ އެވެ. އެ ހާދިސާގައި 40 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް