މި ރޯދަމަހު ފުރަބަންދުގައި، ގޭގައި ކެއްކުމުގެ ވާހަކަތައް ވަރަށް ގިނައިން ދެކެވިއްޖެއެވެ. ތަފާތު ކެއުންތަކެއް ތައްޔާރު ކުރެވިއްޖެއެވެ. ކަން ދިމާކުރި ގޮތުން، ފިތުރު އީދުވެސް ފާހަގަކުރަން ޖެހިފައި މި އޮތީ ބޭރަށް ނުނުކުމެ، ގޭގެ ހަތަަރު ފާރުގެ އެތެރޭގައެވެ. އެހެންކަމުން އީދު ދުވަހަށްވެސް ތަފާތު، މީރު އެއްޗެއް ތައްޔާރުކޮށްލަންވާނެ ނޫންހެއްޔެވެ؟
ސޯޝަލް މީޑިއާގައި އޭނާ ތައްޔާރުކުރާ، ކާބޯތަކެއްޗާއި ރެސިޕީތަކުގެ ފޮޓޯތަކުން އެންމެންގެ ހިތްތައް ފަތަހަކޮށްލި ޖިންޖާބޭކްސް، ފިތުރު އީދުގެ ހެނދުނު ސަޔަށް ހަދާނެ ވަރަށް މީރު ރެސިޕީއެއް ތައްޔާރުކޮށްފައި އެބަ އޮތެވެ.
ޖިންޖާބޭކްސްގެ ވެރިޔާ ފާތިމަތު ޝާދްނީ ބުނި ގޮތުގައި މިއީ ކްރީމީ، ޗީޒީ އަދި ޔަގީނުން އެންމެންނަށްވެސް ކަމުދާނެ ޑިޝްއެކެވެ. އަލުވީގެ އިތުރުން މަހާއި މީރު ރަހައިން ފުރިގެންވާ ސޯސްގަނޑަކާއެކު ތައްޔާރުކުރާ ކެސެރޯލް ޑިޝްއެކެވެ.
މި ރެސިޕީގައި ހިމެނެނީ މައިގަނޑު ތިން ބައެކެވެ، ތިން ބަޔަށްވެސް ބޭނުންވާ ތަކެއްޗާއި، ތައްޔާރުކުރަނެ ގޮތް ވަކިވަކިން ހުށަހަޅާލާނަމެވެ.
ކްރީމީ ފިޝް ކެސެރޯލް
ޕޮޓޭޓޯ ޓޮޕިންގްއަށް ބޭނުންވާނީ:
- 750 ގްރާމް އަލުވި (ތޮށި ނޮޅާފައި، އަދި ކޮށާފައި)
- 50 ގްރާމް ބަޓަރު (މެލްޓެޑް)
- 1/2 ސައިސަމުސާ ލޮނު
- 1 ސައިސަމުސާ އަސޭމިރުސް ކުނޑި
- 1/2 ސައިސަމުސާ ގާލިކް ޕައުޑާ
- 30 ގްރާމް ގްރޭޓެޑް ޗީޒް (މި ރެސިޕީގައި ޝާދްނީ ބޭނުންކުރީ ޗެޑާ ޗީޒް)

ކްރީމީ ފިޝް ކެސެރޯލްގެ މަތީ ފަށަލައިގެ ގޮތުގައި ބޭނުންކުރާނީ އަލުވި ޗަސްކޮށްގެން ހަދާ ޕޮޓޭޓޯ މޭޝްއެއް -- ފޮޓޯ/ ޖިންޖާބޭކްސް
ފިޝް ފިލިންގްއަށް ބޭނުންވާނީ:
- 540 ގްރާމް ކަނޑުމަސް (ކުދިކޮށް ކޮށާފައި)*
- 1 މޭޒުމަތީސަމުސާ ޖިންޖާ ޕޭސްޓް
- 1 މޭޒުމަތީސަމުސާ ގާލިކް ޕޭސްޓް
- 1/2 ސައިސަމުސާ ދިރި ކުނޑި
- 1 މޭޒުމަތީސަމުސާ ޗިލީ ޕައުޑާ/ތެޅި މިރުސް
*ކަނޑުމަހުގެ ބަދަލުގައި ކުކުޅުވެސް ބޭނުންކުރެވިދާނެކަމަށް ޝާދްނީ ބުނޭ
ސޯސްގަނޑު ހެދުމަށް ބޭނުންވާނީ:
- 50 ގްރާމް ބަޓަރު (ކޮށާފައި)
- 3 ލޮނުމެދުކޮޅު (ކުދިކޮށް ކޮށާފައި)
- 1 ފިޔާ (މެދު ސައިޒުގެ، ކުދިކޮށް ކޮށާފައި)
- 2-3 ބޭ ލީފް (އޮޕްޝަނަލް)
- 3 މޭޒުމަތީ ސަމުސާ ފުށް
- 1/2 ގިތެޔޮމިރުސް (ކުދިކޮށް ކޮށާފައި)
- 2 ޖޯޑު ކިރު
- 1 ރޯޒްމޭރީ ސްޕްރިގް (އޮޕްޝަނަލް)
- 1/2 ޗިކަން ސްޓޮކް ކިއުބް
- 1 މޭޒުމަތީސަމުސާ މިކްސްޑް ޑްރައިޑް ހާބްސް
- 1/2 މޭޒުމަތީސަމުސާ ގާލިކް ޕައުޑާ (އޮޕްޝަނަލް)
- 1 މޭޒުމަތީސަމުސާ ތައިމް ޕައުޑާ
- 1/2 މޭޒުމަތީސަމުސާ ޗިލީ ޕައުޑާ/ތެޅި މިރުސް (އޮޕްޝަނަލް)
- 1/2 ޖޯޑު ކުކިންގް ކްރީމް/ހެވީ ކްރީމް
- 45 ގްރާމް ގްރޭޓެޑް ޗީޒް (މި ރެސިޕީގައި ޝާދްނީ ބޭނުންކުރީ ޗެޑާ ޗީޒް)
- 1 ބިހުގެ ގޮބޮޅި

ޖިންގާބޭކްސްގެ ކްރީމީ ފިޝް ކެސެރޯލްއަށް ބޭނުންވާ ކްރީމީ ސޯސްގަނޑު ތައްޔާރުކުރަނީ -- ފޮޓޯ/ ޖިންޖާބޭކްސް
ތައްޔާރުކުރާނެ ގޮތް
އަލުވި
ފުރަތަމަ އަލުވިކޮޅު ދޮވެލުމަށްފަހު އޭގެ ތޮށި ނޮޅާފައި، "ކުއާޓާ"ކޮށް ކޮށާލާށެވެ. އެއަށްފަހު ތެއްޔަކަށް އަޅައި، ސައިސަމުސާ ލޮނުވެސް ލުމަށްފަހު ފެނުކައްކާލާށެވެ. ފެންގަނޑު ކެކެން ފެށުމުން ގިނި މަޑުކޮށްލާފުމަށްފަހު، އުލަކުން ހަރާލެވޭހާ މަޑު ވަންދެން ކައްކާށެވެ. މިކަމަށް 30 މިނިޓާއި 40 މިނިޓާ ދެމެދުގެ ވަގުތެއް ހޭދަވެދާނެއެވެ.

ޕޮޓޭޓޯ މޭޝް ތައްޔާރުކުރުމަށްޓަކައި އަލުވި ފެނުކައްކާނީ ހަން ނޮޅައި، މި ސައިޒަށް ކޮށުމަށްފަހު -- ފޮޓޯ/ ޖިންޖާބޭކްސް
މިކަން ހާސިލުވުމުން އަލުވިތައް ތެލިން ނަގައި، ބޯތައްޓަކަށް ލުމަށްފަހު "މޭޝް" ނުވަތަ ޗަސްކޮށްލާށެވެ. ޕޮޓޭޓޯ މޭޝާއެއް ނެތްނަމަ، އުލަކުންވެސް މިކަން ކޮށްލެވޭނެއެވެ. ޗަސްކޮށްލި އަލުވީގެ ތެރެއަށް ބަޓަރު، ގާލިކް ޕައުޑާ، ލޮނު އަދި އަސޭމިރުސް ކުނޑި އަޅައި، ރަނގަޅަށް އެއްކޮށްލާށެވެ. އެންމެ ފަހުން ގްރޭޓެޑް ޗީޒްވެސް އަޅާލައި، ރަނގަޅަށް މިކްސް ކޮށްލާށެވެ.

ކްރީމީ ފިޝް ކެސެރޯލްގެ ޕޮޓޭޓޯ މޭޝް ތައްޔާރުކުމަށް ޗަސްކުރި އަލުވިކޮޅުގެ ތެރެއަށް ލޮނާއި އަސޭމިރުހާއި ދިޔާ ބަޓަރު އެޅުމަށްފަހު އެއްކޮށްލާ -- ފޮޓޯ/ ޖިންޖާބޭކްސް

ކްރީމީ ފިޝް ކެސެރޯލްގެ މަތީ ފަށަލައިގެ ގޮތުގައި ބޭނުންކުރަން ޕޮޓޭޓޯ މޭޝް ތައްޔާރުވެފައި -- ފޮޓޯ/ ޖިންޖާބޭކްސް
މަސް
ރޯ ކަނޑުމަސްކޮޅު ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު އޭގެ މައްޗަށް ތެޅި މިރުސް، ދިރި ކުނޑި، އަސޭމިރުސް ކުނޑި، ލޮނު އަދި ޖިންޖާ ޕޭސްޓާއި ގާލިކް ޕޭސްޓް އަޅާފައި، މަސްކޮޅު 15 މިނިޓު ވަންދެން މެރިނޭޓުކޮށްފައި ބަހައްޓާލާށެވެ.

ކްރީމީ ފިޝް ކެސެރޯލްއަށް ބޭނުންވާ މަސްކޮޅު ތައްޔާރުކޮށްފައި -- ފޮޓޯ/ ޖިންޖާބޭކްސް
ދެން އޮތީ މަސްކޮޅު އުނދުނުގައި ތައްޔާރުކޮށްލުމެވެ. ތަވައަކަށް ތެޔޮކޮޅެއް ލައި ހޫނުކޮށްލުމަށްފަހު ލޯ-މީޑިއަމް ހީޓްގައި މަސްކޮޅު ކައްކާލާށެވެ. މެރިނޭޓްކުރި މަސްކޮޅު ތައްޔާރުވާން ނަގާނީ ގާތްގަނޑަކަށް 10-15 މިނިޓެވެ. މިކަން ކޮށް ނިމުމުން ތަވައިން މަސްކޮޅު ނަގާށެވެ.
ކްރީމީ ފިޝް ސޯސް
މި ބައި ތައްޔާރުކުރާނީ ކަނޑުމަސްކޮޅު ކައްކާލި ތަވާގައެވެ. ތަވައިން މަސްކޮޅު ނެގުމަށްފަހު އެއަށް ބަޓަރުކޮޅު އަޅައި، މީޑިއަމް ހައި ހީޓްގައި ބަޓަރު މެލްޓްކޮށްލާށެވެ. ދެން ލޮނުމެދާއި، ފިޔައާއި ބޭ ލީވްސް އަޅާއި، ފަސް މިނިޓެއްހާ އިރު ވަންދެން ކައްކާލާށެވެ. ފިޔާއާއި ލޮނުމެދު ގޯލްޑެން ކުލައަކަށް ބަދަލުވުމުން ތަވާގެ ތެރެއަށް ފުށްކޮޅު އަޅާފައި، މިނިޓެއްހާ އިރު ވަންދެން ސްޓަރ ކޮށްލާށެވެ.

ސޯސްގަނޑު ތައްޔާރުކުރުމަށްޓަކައި ފިޔާއާއި ލޮނުމެދު، ބޭލީވްސްއާއެކު މީރުކުރަނީ -- ފޮޓޯ/ ޖިންޖާބޭކްސް
އެއަށްފަހު، މި ބަޔަށް ބޭނުންވާ 2 ޖޯޑު ކިރުގެ ތެރެއިން އެއް ޖޯޑު، މަޑުމަޑުން ތަވައަށް އަޅާލާށެވެ. ކިރު އަޅާމުންދާ ވަރަކަށް ސްޓަރ ކުރާށެވެ. ބޭނުންވާ ނަތީޖާއަކީ ޕޭސްޓުގަނޑެއް ފަދަ އޮލަކަމެވެ.
ދެވަނަ ޖޯޑު ކިރުވެސް ދެން އަޅާލާށެވެ. އަދި ހާބް މިކްސްއާއި ގިތެޔޮމިރުސްކޮޅުވެސް އަޅާށެވެ. އެއަށްފަހު އެއްކަލަ ޗިކަން ކިއުބްކޮޅުވެސް ތަވައަށް ލައި، އެ ވިރެންދެން މުޅި ސޯސްގަނޑު ސްޓަރކޮށްލާށެވެ.
މިހާ ހިސާބުން އުނދުނުގެ ގިނި މަޑުކޮށްލުމަށްފަހު ހެވީ ކްރީމްކޮޅުވެސް އަޅާއި، އެއްކޮށްލާށެވެ. އަދި ރަހަ ލާވަރަށް ލޮނާއި އަސޭމިރުސް އަޅައި ސީސަން ކޮށްލުމަށްފަހު ސޯސްގަނޑު ރަނގަޅަށް އޮލަ ވަންދެން މަޑުގިނީގައި ކައްކާލާށެވެ. ދެން ޗީޒްކޮޅުވެސް އަޅާލައި، މެލްޓްވަނދެން އަދިވެސް ކައްކާލާށެވެ.

ކްރީމީ ސޯސްގަނޑުގެ ތެރެއަށް ކުރިން ތައްޔާރުކުރި ކަނޑުމަސްކޮޅު އަޅާލާ -- ފޮޓޯ/ ޖިންޖާބޭކްސް
މިކަން ވެ ނިމުމުން، ކުރިން ތަވާގައި ރޯ ފިލުވާލި ކަނޑުމަސްކޮޅު މި ސޯސްގެ ތެރެއަށް އަޅާލާށެވެ. ގޭގައި ނަޓްމެގް (ތަކޫވަކެއް) ހުރި ނަމަ، ސޯސްގަނޑުގެ ތެރެއަށް ނަޓްމެގްކޮޅެއްވެސް ގާނާލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުނުން ނަގާށެވެ.

ކްރީމީ ފިޝް ސޯސްގެ ތެރެއަށް ޗީޒް އަޅައި، ޗީޒްކޮޅު ވިރެންދެން އެއްކޮށްލާ -- ފޮޓޯ/ ޖިންޖާބޭކްސް

ކްރީމީ ފިޝް ސޯސް ތައްޔާރުކޮށް ނިމުމަށްފަހު އޭގެ ތެރެއަށް ބިހުގެ ގޮބޮޅިއެއް ލައި އެއްކޮށްލާ -- ފޮޓޯ/ ޖިންޖާބޭކްސް
އަދި ނިމުނީކީ ނޫނެވެ--ދެން ބޭނުންވާނީ ބިހެއްގެ ގޮބޮޅިއެވެ. ގޮބޮޅިވެސް ސޯސްގަނޑުގެ މައްޗަށް ވައްޓާލާށެވެ.
ބޭނުންވާ ތަކެތި ތައްޔާރުވެއްޖެ، ދެން އޮތީ ކެސެރޯލް "ރާވާލުން"
ކުރިން ތައްޔާރުކުރި އަލުވި މޭޝް އަދި ކަނޑުމަސް އެޅި ކްރީމީ ސޯސްގަނޑުން ކެސެރޯލް އެސެމްބަލްކުރުމަށްފަހު ޖެހޭނީ އަވަނުގައި ފިހެލާށެވެ. އެހެންކަމުން އެ މަސައްކަތް ފެށުމުގެ ކުރިން އަވަން ޖައްސާލައި، 180 ޑިގްރީސް ސެލްސިއަސް (ފެރެންހައިޓުން 356 ޑިގްރީސް)އަށް ހޫނު ކޮށްލާށެވެ.

ބޭކިންގް ޑިޝްގެ ތިރީ ފަށަލައިގެ ގޮތުގައި ކްރީމީ ފިޝް ސޯސް އަޅާފައި -- ފޮޓޯ/ ޖިންޖާބޭކްސް
ދެން ކެސެރޯލް އެސެމްބަލް ކޮށްލަމާ ހެއްޔެވެ. ބޭކިންގް ޑިޝްއެއް ނެގުމަށްފަހު އެންމެ ފުރަތަމަ އަޅާލާނީ ކަނޑުމަސް އަޅައިގެން ތައްޔާރުކުރި ކްރީމީ ސޯސްގަނޑެވެ. މިއީ ކެސެރޯލްގެ ތިރީ ފަށަލައެވެ. ރަނގަޅަށް، އެއްވަރަކަށް ފަތުރާލާށެވެ. އެއަށްފަހު ދެން އޮތީ މަތީ ފަށަލައެވެ--އެންމެ ފުރަތަމަ ހެދި ޕޮޓޭޓޯ މޭޝްއެވެ.

ކްރީމީ ފިޝް ސޯސް ފަށަލައިގެ މަތީގައި ޕޮޓޭޓޯ މޭޝް ފަތުރާލާނީ މިހެން -- ފޮޓޯ/ ޖިންޖާބޭކްސް
ފިޝް ސޯސްގަނޑުގެ މައްޗަށް ޕޮޓޭޓޯ މޭޝް ލައި، ވަރަށް ފަރުވާތެރިކަމާއެކު ފަށަލައެއްގެ ގޮތަށް ފަތުރާލާށެވެ. އަދި އުލަކުން އެއްވަރުކޮށްލާށެވެ. މި ރެސިޕީގައި ޝާދްނީ ވަނީ އުލުގެ ދަތްތަކުން އަލުވި މޭޝްގައި ރޮނގުތަކެއްގެ ޑިޒައިނެއް ލައި، ރީތިކޮށްލާފައެވެ.
މިހެން ހަދާލުމަށްފަހު އަވަނަށް ލައި، މުށި ކުލައަކަށް އަރަންދެން ފިހެލާށެވެ. މިކަމަށް ނަގާނީ ގާތްގަނޑަކަށް 40-50 މިނޓެވެ. ސާވްކުރާނީ އަވަނުން ނަގައި، 20 ވަރަކަށް މިނިޓަށްފަހުއެވެ.

އަވަނުގައި ފިހެލުމަށްފަހު ކްރީމީ ފިޝް ކެސެރޯލް ތައްޔާރުކޮށް ނިމިފައި -- ފޮޓޯ/ ޖިންޖާބޭކްސް
އިތުރު ވާހަކަތައް
ތަފާތު އެކި ވައްތަރުގެ އަލުވި ލިބެން ހުންނަ އިރު، ޝާދްނީ ބުނީ ކޮންމެ ވައްތަރެއްގެ އަލުތްވެއްވެސް މި ޑިޝްގައި ބޭނުންކުރެވިދާނެ ކަމަށެވެ. އަދި އޭނާ ޗެޑާ ޗީޒް ބޭނުންކުރިއަސް، ކޮންމެ ވައްތަރެއްގެ ވިރޭ ޗީޒްއެއް ބޭނުންކުރެވޭނެ ކަމަށެވެ. އަދި ކަނޑުމަސް ކަމުނުދާ ނަމަ އޭގެ ބަދލަުގައި ކުކުޅުވެސް ބޭނުންކުރެވިދާނެ ކަމަށެވެ.
މީގެ އިތުރުން މިއީ ކުރިއާލައި ތައްޔާރުކޮށްލެވޭނެ އެއްޗެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އީދު ދުވަހުގެ ހެނދުނުގެ ސަޔަށް މާ ރީއްޗަށްވެސް މި ތައްޔާރުކޮށްލެވޭނެއެވެ. ހަދަންވީ ގޮތަކީ، އީދު ވިލޭރޭ މިތަކެތި ތައްޔާރުކޮށް އަދި ކެސެރޯލްވެސް ރާވަލާފައި ފްރިޖަށް ލާންވީއެވެ. އީދު ދުވަހުގެ ހެނދުނު ހޭލައިގެން އަވަނަށް ލައި ފިހެލައިގެން، ފްރެޝްކޮށް ކާލެވޭނެއެވެ.