ފިނިފިނި ސަަރުބަތުތައްޓަކާއި، އަނގަޔަށް ލުމުން ވިރގެންދާހާ މަޑުމަޑު ފޮނިފޮނި މިލްކް ކޭކެއް ނުވަތަ ޓްރެސް ލޭޗަސް އަކާއި އެ ރަހައަށް އިންފިއުޒްކޮށްފައިވާ ފިނިފެންމަލުގެ މީރު ރަހައިން ކުޅުދިޔާ ނުވާނެ ހަމަ އެކަކުވެސް އެބަހުރިބާ އެވެ؟ ބަލާލާއިރު އެހާމެ ޗާލެވެ. ކޭކުގެ މަތީގައި އެހެރަ ވިޕްޑް ކްރީމާއި އަދި ގާރނިޝްއެއްގެ ގޮތުގައި އެތުރިފައިވާ ޑްރައިޑް ރޯޒް ޕެޓަލްސް އިން ކޮންމެ ކެމެރާއެއްގެ ލެންސްއަކަށް ވެސް ހަމައެހާމެ ފޮޓޯ ރީއްޗެވެ. މި ޓްރެސް ލެޗަސްގެ ފޮޓޯއެއް ނުފެންނަ އިންސްޓަގްރާމް ފީޑެއް މަދެވެ. މީގެ ރަހަ ބަލާލުމަށް ކެތްމަދުވެފައި ނުވަތަ އެއްފަހަރު ރަހަބަލައިފިނަމަ ދެވަނަ ފަހަރަށްވެސް ބޭނުން ނުވާނެ މީހެއް އެހާމެ މަދެވެ.
މި ކިޔާދެނީ މި މީރު ކޭކާއި ކޭކުގެ ފަހަތުގައިވާ ޖިންޖާ ބޭކްްސްގެ ވެރިޔާ، ފާތުމަތު ޝާދްނީ، 31އ. ގެ ވާހަކަ އެވެ.
ސ: ބޭކް ކުރުމާއި ޑެޒާޓް ހެދުމުގެ ތެރެއަށް ވަދެވުނީ ކިހިނެއް؟
ޖ: ބޭކް ކުރުމަކީ އަބަދުވެސް ޕެޝަން އެއް. އެންމެ ކުޑައިރު ހަނދާން ހުންނަން ފެށީއްސުރެވެސް އެއްޗެހި ކައްކާ ބޭކް ކޮށްއުޅެން. އެންމެ ކުޑައިރުވެސް މަންމަ (ޖުވޭރިޔާ އާރިފް) އަކީ ހެދުން ފަހާ ވެޑިންކޭކްސް އެއްޗެހި ހަދާ އުޅޭނެ. އެހެންވީމަ ގޭތެރެއިން ފެނިގެން އެކަމުގެ ތެރެއަށް ވަދެވުނީ. ދެން ވަކި ހިސާބަކުން ބޭނުންވީ މި ޕެޝަންގެ ބޭނުންހިފައިގެން އާމްދަނީ ލިބޭ ކަހަލަ މަސައްކަތެއް ކުރަން.

ޖިންޖާ ބޭކްސް ގެ ބައެއް އުފެއްދުންތައް --ފޮޓޯ: ޖިންޖާ ބޭކްސް
ސ: ޖިންޖާ ބޭކްސް މިއީ ކިހިނެއް ފެށުނު މަސައްކަތެއް؟
ޖ: ޖިންޖާ ބޭކްސް އުފެއްދީ 2015 ގައި. ބޭކިންއަކީ ފޫހިނުވެ އަބަދުވެސް ކުރެވޭ ކަމެއް. ގޭގައި އަބަދުވެސް މީރު އެއްޗެހި ހަދާ އެކްސްޕެރިމެންޓް ކުރަން. ދެން ތިމާގެ ކުދިންނާއި ރައްޓެހިން މިގޮތަށް ތައްޔާރުކުރާ އެއްޗެހި ރަހަބަލާފައި ބުނާނެ އެހެން މީހުންނަށްވެސް ލިބޭނެހެން ކަމެއް ކުރަންވީނޫންހޭ. ދެން އެހެންވެ، ލަކްސަރީ މީރު އެއްޗެހި ތައްޔާރުކޮށް އާންމުންނަށް ލިބޭނެ ކަހަލަ ބްރޭންޑެއް ހަދަން ބޭނުންވެެގެން ފެށީ. އެއީ ޖިންޖާ ބޭކްސް އުފެދުނު ގޮތަކީ. އެއްވެސް ކޯހެއްވެސް އަދި ނުހަދަން. ހަމަ މުޅީން އަމިއްލަ އެކްސްޕެރިމެންޓާއި ސެލްފް ޓޯޓް މަސައްކަތެއް މިއީ.
ސ: ޖިންޖާ ބޭކްސް މިނަން ދެވުނީ ކިހިނެއް؟ ޖިންޖާ މާ މީރީތަ؟
ޖ: ނޫނޭ.ޖިންޖާ ވަކި މީރުވެގެނެއް ނޫން. އަބަދުވެސް ހިތަށް އަރާ 'ޖިންޖާ' މި ނަން ބޭނުންކޮށްގެން އަމިއްލަ ބޭކަރީއެއް ނޫނީ ކެފޭއެއް ހުޅުވަން. ދެން އެހެން އުޅެނިކޮށް ޕްރޮފެޝަނަލީ މިކަން ކުރަން ނިންމާ، ނަމެއް ހޯދަންވެގެން ގޭތެރޭގައި މަޝްވަރާ ކުރަނިކޮށް ފިރިމީހާއާއި ފެމިލީ ފްރެންޑެއް "ޖިންޖާ ބޭކްސް" މި ނަން ސަޖެސްޓް ކުރީ.

ޖިންޖާ ބޭކްސް ގެ ބައެއް އުފެއްދުންތައް --ފޮޓޯ: ޖިންޖާ ބޭކްސް
ސ: އަބަދުވެސް ވަރަށް ތަފާތު ކޭކު ނޫނީ ޑެޒާޓް ހަދާތަން ފެނޭ. މި ރެސިޕީތައް ކްރިއޭޓް ކުރަނީ ކިހިނެއް؟ އިންސްޕިރޭޝަންއަކީ ކޮބާ؟
ޖ: ކުރިން ބުނިހެން އަބަދުވެސް އެކްސްޕެރިމެންޓް ކުރަން. ބޭނުންވަނީ އާންމުކޮށް މީހުން ބޭނުންނުކުރާ ނުވަތަ ނަހަދާ ކަހަލަ ތަފާތު އެއްޗެހި ތައްޔާރުކުރަން. އެކި ތަންތަނަށް ޓްރެވަލް ކުރާއިރު ކާން ލިބެންހުންނަ އެއްޗެހިންނާއި އިންޓަރނެޓުންވެސް ބައިވަރު އިންސްޕިރޭޝަންސް ލިބޭ.

ސިރަޕް ބެންޑަންގް ޓްރެސް ލޭޗަސް -- ފޮޓޯ:ޖިންޖާ ބޭކްސް
މި ފަހުން ތައާރަފްކުރި ޓްރެސް ލެޗަސް ކޭކު މިއީ ކިހިނެއް އައި ޚިޔާލެއް؟
ޓްރެސް ލެޗަސް އަކީ މިލްކް ކޭކެއްވީމަ މި ތައްޔާރުކުރިއިރު ބޭނުންވީ ތަފާތު އެކަމަކު ދިވެހިންނަށް ކަމުދާނެ ރަހައެއް ނެރެން. އެން ވިސްނިއިރު ސަރުބަތު މިއީ ދިވެހިންގެ މެދުގައި މަގުބޫލު އެއްޗެއްވީމަ ޓްރައިކުރީ. ދެން ރޯސް ޓީ އަކީވެސް ވަރަށް މީރުއެއްޗެއް. އެހެންވީމަ އެ ދެޓި އެއްކޮށްގެން ސަރުބަތާއި ފިނިފެންމަލުގެ ސައި އިންފިއުސް ކޮށްގެން ތައްޔާރުކުރަން ނިންމީ. ދެން ކަންދިމާކުރިގޮތުން އޭގެ ކުރިން މެލޭޝިއާއަށް ކުރި ދަތުރެއްގައި ސިރަޕް ބެންޑަންގް ކިޔާ ސަރުބަތު ބުއިމެއްވެސް ރަހަ ބަލާލެވުނު. އެހެންވީމަ އެހުރިހާ ކަމެއް އެއްކޮށްގެން ސިރަޕް ބެންޑަންގް ޓްރެސްލޭޗަސް އުފެދުނީ.
ސ: ކިހާ ދުވަހަކުންތޯ ރެސިޕީ ފައިނަލް ކުރެވި މާރކެޓަށް މި ނެރެވުނީ؟
ޖ: މިހާރު ލިބެން މިހުރި ސިރަޕް ބެންޑަންގް ޓްރެސް ލެޗަސް އަކީ ގާތްގަނޑަކަށް 3 ފަހަރުމަތީން ޓްރައިކޮށްގެން ބޭނުންވާ ވަރަށް ރަހަ ގެންނަން މަސައްކަތްކޮށްގެން ހެދުނު ރެސިޕީއެއް. ދެ ދުވަސް އަނެއްހެން މި މަސައްކަތަށް ހޭދަވީ. ފުރަތަމަ ބޭކްކޮށްގެން ރަނގަޅު ރަހައެއް ނުލިބުނު. ދެން އަނެއްކާ ދެވަނަ ދުވަހު އެ ރެސިޕީ ކުޑަކޮށް ބަދަލުކޮށްލީ
ސ: އެކްސްޕެރިމަންޓްގެ ތެރެއިން ފާހަގަކޮއްލެވޭ ތަފާތު ހާދިސާއެއް؟
ޖ: ކުރިން ބުނިހެން ދެ ދުވަހެއް މަތިން ރެސިޕީ ފައިނަލް ކުރީ. ފުރަތަމަ ދުވަހު ކޭކު މާ ބޮޑަށް ފޮނިވެސް ގަދަ. އަނެއްކާ މާ ބޮޑަށް ފޯވެގެން ސަމްސަލަކުން ނަގަިއން ކެވުނީވެސް. ދެން އަނެއްކާ އަނެއް ދުވަހު އެކަންކަން ބަދަލުކޮށްގެން އާކެކެއް ފިހުނީ.
ސިރަޕް ބެންޑަންގް ޓްރެސް ލޭޗަސް -- ފޮޓޯ:ޖިންޖާ ބޭކްސް
ސ: އާންމުންގެ ތަރުހީބު ކިހިނެއް؟
ޖ: އަލްހަމްދުލިﷲ.. ހީކުރި ވަރަށްވުރެ މާބޮޑަށްވެސް ތަރުހީބު ލިބޭ. ވަރަށް އުފާވި އާންމުންނަށް ކަމުދިޔައިމަ. ގިނައީ ހަމަށް ކަމުގޮސްގެން މެސެޖު ކުރިމީހުން. ދެން އަދި ރާއްޖޭގެ ބައެއް އެހެން ބޭކާރސްވެސް ރަހަ ބަލާފައި ކަމުގޮސްގެންނާއި އިންސްޕައާވެގެން މެސުޖު ކުރީމަވެސް ވަރަށް އުފާވި. ގާތްގަނޑަކަށް 3 ހަފްތާ ތެރޭގައި 100 އެއްހާ ކޭކު ވާނީ އޯޑަރަށް އަޅާފައި. އެއަދި ބްރޭކެއްވެސް ނަގާފައި.
ސ: ޖިންޖާ ބޭކްސްގެ މަސައްކަތް ކުރިއަށްގެންދަނީ ކިހިނެއް؟
ޖ: އެންމެ ފުރަތަމަ ޑެޒާޓް ޓޭބަލް އެއްޗެހި ހެދި އިރު ސްޓާފުންވެސް ގެންގުޅުނިން. އެކަމަކު ޝާގެ މެޑިކަލް ކަމެއް ދިމާވެގެން އެހާ ކަވި މަސައްކަތެއް ކުރަން އުނދަގޫވި. އެހެންވެ ފަހުން އެބައި ހުއްޓާލާފައި ބްރޭކެއް ނެގީ. މިހާރު ކަސްޓަމް ޕޭސްޓްރީޒް އެންޑް ކޭކްސް މިހަދަނީ. މަންމައާއި ދެމީހުން އެކީގައި މަސައްކަތްކުރަނީ. ހަމަ ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ހުސްވެގެން މި ހުންނަނީ ޖިންޖާ ބޭކްސްއަށް. ހެނދުނު މަސައްކަތް ފަށާގޮތަށް އޯޑަރުތަކުގައި މަސައްކަތްކޮށް އިރުއޮއްސެންވާއިރަށް ނިންމާލަން. ދެން އޯޑަރެއް ނެތީވިއްޔާ އެއީ އަމިއްލަ އެއްޗެއް ކްރިއޭޓްކުރަން ލިބޭ ވަގުތެއް. ފިރިމީހާއާއި އާއިލާގެ މީހުންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ އަސްލު މި މަސައްކަތަށް.

ޖިންޖާ ބޭކްސް ގެ ބައެއް އުފެއްދުންތައް --ފޮޓޯ: ޖިންޖާ ބޭކްސް
ސ: ޖިންޖާ ބޭކްސް އިން ކުރަ އެހެނިހެން ބައެއް މަސައްކަތްތައް ކިޔާދީބަލަ
ޖ: ޖިންޖާ ބޭކްސްގެ މަސައްކަތް ފެށިއިރު ބޮޑަށް ފޯކަސްކުރީ ކަސްޓަމައިޒްކޮށް ހަދައިދޭ އެކި މުސަބަތުތަކާއި ގުޅޭ ކޭކްތަކާއި ޑެޒާޓް ޓޭބަލްތައްޔާރު ކުރުމަށް. އެކަމަކު މިހާރު އެބައި ހުއްޓާލާފައި މި މަސައްކަތްކުރަނީ އަމިއްލަ އަށް ތައާރަފްތަކެއް ނެރެ، އެ އެއްޗެހި ޕްރީ އޯޑަރަށް ތައްޔާރުކޮށްދޭން. ދެން މާލޭފެ މަޝްހޫރު ތިން ކެފޭ އަކުން މިހާރު ޖިންޖަ ބޭކްސްގެ ޕްރޮޑަކްޓްތައް ލިބޭނެ. އަދި ވަރަށް އަވަހަށް މުޅީން އާ ޕްރޮޑަކްޓެއްވެސް އާ ކެފޭއަކުން ލިބެން ފަށާނެ.
ސ: މިހާތަނަށް ތައްޔާރުކުރެވުނު އެންމެ ފޭވަރިޓް ޕްރޮޑަކްޓް އަދި ޕޮޕިއުލާ ޕްރޮޑަކްޓް އަކީ ކޮބާ؟
ޖ: ހުރިހާ އެއްޗެއްވެސް ތައްޔާރުކުރަނީ ވަރަށް ކުރާހިތުން. ވަރަށް ބޮޑަށް މިކަމަށް ޑެޑިކޭޓްވެގެން މީރު ރަހަތަކެއް އާންމުންނަށް ގެނެސްދޭން. އެހެންވެ ވަކި އެއްޗަކީ ފޭވަރިޓެކޭ އެހެން ބުނަން އުނދަގޫ. ދެން ހުރިހާ ޕްރޮޑަކްޓްތަކަށްވެސް ވަރަށް ބޮޑު ތަރުހީބެއް އާންމުންގެ ފަރާތުން ލިބޭ. އޭގެތެރެއިންވެސް މިފަހުން ތައާރަފްކުރި ސިރަޕް ބެންޑަންގް ޓްރެސް ލެޗަސް ފާހަގަކޮށްލެވޭ!