ކަރަންޓު ފިސްތޯލަ ބޭނުންކުރާ ހިސާބަށް ދިޔައީތަ؟

ދިވެހި ފުލުހުން ކަރަންޓް ދޭ ފިސްތޯލަ ބޭނުން ކުރަނީ --

އަމަންއަމާންކަން ދެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތަށް އެންމެ ފަހުން އިތުރުކުރި ހަތިޔާރަކީ، ކަރަންޓު ފިސްތޯލަ ނޫނީ ޓޭޒާ ގަން އެވެ. ފުލުހުން މި ހަތިޔާރު ނެގުމާ އެކު އާންމުންގެ އެތައް ބަޔަކު އޮއްސާލީ އެ މީހުންގެ ކަންބޮޑުވުންތަކެވެ. ގިނަ މީހުންގެ ހިޔާލު ހުރީ އެއީ ފުލުހުންގެ އަތަށް ދޭންވާ ވަރު އެއްޗެއް ނޫން ކަމަށެވެ. އަނެއް ބަޔަކު ސުވާލު އުފެއްދީ ފުލުހުންގެ މިޒާތުގެ ހަތިޔާރު ބޭނުން ކުރާ ވަރަށް ރާއްޖޭގެ ހާލަތު ގޯސްވީ ހެއްޔެވެ؟ ނޫނީ މިހާރު ވެސް ފުލުހުންނަށް ދީފައިވާ ބޮޑެތި ބާރުތަކުން ކުށްތައް ހުއްޓުވޭ ވަރު ނުވަނީ ހެއްޔެވެ؟

މި ހުރިހާ ސުވާލެއް ވެސް ގޮސް ހުއްޓެނީ އާންމުން ފުލުހުންނަށް ކުރާ އިތުބާރާ ހިސާބުގަ އެވެ. އަދި ފުލުހުންގެ ހިދުމަތާ މެދު އާންމުން ދެކެމުން އަންނަ ޝައްކު ނަޒަރާ މެދު އެވެ.

ކަމުގެ ހަގީގަތަށް ދާއިރު، މި ފިސްތޯލައެއްގެ ބަހުސުގައި ދެކޮޅަށް ވެސް ވާހަކަ ދެއްކިދާނެ އެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނަނީ މި ފިސްތޯލަ ބޭނުންކުރާނީ މަޖުބޫރީ ހާލަތުގައި އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ. އެކަމަކު މަޖުބޫރީ ހާލެއް ފުލުުހުން ނިންމާނީ ކިހިނެއް ހެއްޔެވެ؟ އެއީ އިތުބާރާ ހަމައިން އަނެއްކާ އުފެދޭ ބޮޑު ސުވާލެކެވެ.

ދިވެހި ފުލުހުން ކަރަންޓް ދޭ ފިސްތޯލައާ އެކު --

ކަރަންޓް ޖައްސާ ފިސްތޯލަ އަކީ ކޮބާ؟

ކަރަންޓު ފިސްތޯލައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދެ ޑާޓު ނުވަތަ ޕިންކޮޅެވެ. ފިސްތޯލައިގެ ޓްރިގަރަށް ފިތާލުމާއެކު ދެ ޑާޓުކޮޅު ނިކުމެގެން ގޮސް، އަމާޒުވާ މީހާގެ ފޭރާން ފޫއަޅުވާލާފައި ގޮސް ސީދާ ހެރޭނީ ހަށިގަނޑަށެވެ. ހަށިގަނޑަށް ވަދެފައި ހުންނަ ޑާޓު ކޮޅާ ފިސްތޯލައާ ގުޅިފައި ވަނީ ދެ ނަރުކޮޅާ އެވެ. މި ނަރުކޮޅުގެ ތެރެއިން ލާފައި ހަށިގަނޑަށް 50،000 ވޯލްޓުގެ ކަރަންޓް ފޮނުވާލަ އެވެ. މި ފޮނުވާލާ ކަރަންޓް މީހާގެ ހަށިގަނޑުގައި ޖެހުމާއެކު "ޝޮކެއް" ލިބި، ހަރަކާތް ހުއްޓި މީހާ އެ ހުރިތަނަކަށް ވެއްޓެ އެވެ.

ޓޭޒާ އެކްސް2--

ފުލުހުން އާންމުކުރި ވީޑިއޯއިން ފެންނަ ކަރަންޓު ފިސްތޯލަ އެންމެ ވައްތަރީ އެކްސޮންއިން ވިއްކާ "ޓޭޒާ އެކްސް2" އާ އެވެ. މި ވައްތަރުގެ ފިސްތޯލައިގައި ދެ ޝޮޓު ހިމެނެ އެވެ. މާނައަކީ ކާޓްރިޖް ރީލޯޑު ކުރުމަކާ ނުލައި އިތުރު ޝޮޓެއް ފޮނުވާލެވޭނެ އެވެ. ކޮންމެ ޝޮޓެއްގައި ހިމެނެނީ ދެ ޑާޓު ކޮޅެވެ. ޑާޓު އަމާޒުވާ ދިމާ އަންގައިދިނުމަށްޓަކައި މި ބާވަތުގެ ފިސްތޯލައިގައި ލޭޒާ ބީމް ހިމަނާފައިވެ އެވެ.

ކަރަންޓް މުގުރަށްވުރެ ގެއްލުން ބޮޑު!

ކުރިން ޓޭޒާ އިންޓަނޭޝަނަލް އަދި މިހާރު އެކްސޮން ނަމަކަށް ކިޔާ ކުންފުނީގެ އުފެއްދުމެއް ކަމަށްވާ ޓޭޒާ ގަން އުފެއްދީ ވަޒަން ބޭނުންކުރާ ފިސްތޯލައާއި ބަޑިފަދަ ތަކެއްޗަށް ވުރެ ރައްކާތެރި ވަސީލަތެއް ފުލުހުންނަށް ހޯދައިދިނުމަށެވެ.

ނަމަވެސް ދިވެހި ފުލުހުންނަކީ ފިސްތޯލަ ގެންގުޅޭ ބަޔަކަށް ނުވުމާއެކު މިކަމުގައި އެމެރިކާ އާއި އިނގިރޭސި ފުލުހުންނާ އަޅާކިޔޭނެ ގޮތެއް ނެތެވެ. އަދި ޓޭޒާ ފިސްތޯލައަކީ މިހާރު ގެންގުޅޭ ކަރަންޓް މުގުރަށްވުރެ ގެއްލުން ކުޑަ އެއްޗެކޭ ބުނެވޭކަށް ވެސް ނެތެވެ.

ދިވެހި ފުލުހުން ކަރަންޓު ފިސްތޯލަ ބޭނުންކުރުމާ ދެކޮޅަށް ވަކާލާތު ކުރާ މީހުން ބުނާ ގޮތުގައި ދިވެހި ފުލުހުންގެ ކިބައިން މީގެ ކުރިން ފެނިފައިވާ ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމައި "އަނިޔާވެރި އަމަލުތަކު"ގެ ސަބަބުން ފުލުހުންގެ އަތަށް އެއްވެސް ޒާތެއްގެ ހަތިޔާރެއް ދިނުން ރަނގަޅެއް ނޫނެވެ. އެ ހަތިޔާރު ފުލުހުން ރަނގަޅަށް ބޭނުން ކުރުމުގެ ބަދަލުގައި ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެފަދަ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

ދިވެހި ފުލުހުން ކަރަންޓް ދޭ ފިސްތޯލައާ އެކު --

މީގެ ކުރިން ފުލުހުންގެ ފަރާތުން އެކި އަނިޔާތައް ލިިބިފައިވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި، މި ހުރިހާ ދުވަހުވެސް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ނުހައްގު ބޮޑެތި އަނިޔާތައް ލިބެމުން ގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެފަދަ ތާރީހެއް އޮތް އިރު އެފަދަ ހަތިޔާރެއް ދިނުމުގެ ކަންބޮޑުވުން ބޮޑު ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"އަޅުގަނޑަށް މިހާތަނަށް ފެނިފައިވަނީ ފުލުހުން ރައްޔިތުންނަށް ހަމަލާދީ އަނިޔާކުރިތަން. ރައްޔިތުނެއް ނޫން. އެ ފުލުހުން ފުރަތަމަ ރީހެބިލިޓޭޓް ނުކޮށް،ތިޔަ ހަތިޔާރެއް ދިނުން ރައްކާތެރިބާ؟،" އިންތި ސުވާލު އުފައްދަވާފައިވެ އެވެ.

މުޒާހަރާތަކުގައި ނުބައްދަލު ބާރު ބޭނުންކޮށް މުގުރުގެ އިތުރުން ޕެޕާ ސްޕްރޭ ބޭނުން ކުރަން ނުޖެހޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރިޕޯޓްތަކުން ހާމަވެފައިވެ އެވެ. މިފަދަ ނޭދެވޭ އެތައް ކަމެއް ފުލުހުންގެ ފަރާތުން ފެނިފައި ވިޔަސް، އެކަންކަމަށް އިންސާފު ނުލިބި ފަސްއެޅިގެން ދާތީ އާންމުންގެ ޝަކުވާ ބޮޑެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުން މިތަކެތި ބޭނުންކުރާނީ ޒިންމާދާރުކަމާއެކުގައި ކަމަށާއި ބޭނުންކުރުމުގެ ކުރިން ޓްރެއިނިން ދޭނެ ކަމަށެވެ. އަދި މި ތަކެތި ބޭނުންކުރާ ފުލުހުން މޮނީޓަރު ކުރުމަށްޓަކައި ހަށިގަނޑުގައި ބޮޑީ ކެމެރާއެއް ހުންނާނެ ކަމަށާއި ފުލުހުން އެ ފިސްތޯލަ ބޭނުން ކުރާ ގޮތް އެއަށް ރެކޯޑްވެފައި ހުންނާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ދިވެހި ފުލުހުން ކަރަންޓް ދޭ ފިސްތޯލައާ އެކު --

ބޮޑު ސުވާލު: މިއީ ފުރާނައަށް ނުރައްކާ އެއްޗެއްތަ؟

ކަރަންޓު ފިސްތޯލަ އީޖާދުކުރި ކުންފުނިން މިތަކެތި ފުރަތަމަ މާކެޓުކުރީ "ނޮން ލީތަލް" ނުވަތަ ފުރާނައަށް އެއްވެސް ނުރައްކަލެއް ނުވާ އެއްޗެއްގެ ގޮތުގަ އެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ބޭނުންކުރަން ފަށާ އެއްޗަކަށް ވުމާއެކު ބެލެން އޮތީ ބޭރު ގައުމުތަކުގެ ތަޖުރިބާއަށެވެ.

ރޮއިޓާސްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ ފުލުހުން ކަރަންޓު ފިސްތޯލަ ބޭނުންކުރުން އާންމުވީ 2000ގެ އަހަރުތަކުގެ ކުރީކޮޅުގަ އެވެ.އެއްކުރި މައުލޫމާތުތަކަށް ބަލައިލާއިރު، 2017ވަނަ އަހަރާ ހަމައަށް ޓޭޒާ ގަން ބޭނުންކުރުމާ ގުޅިގެން އެމެރިކާގައި 1005 މީހަކު ވަނީ މަރުވެފަ އެވެ. މި މަރުތަކާ ވިދިގެން ޓޭޒާގަން ބޭނުންކުރުމާއި ފުލުހުންނާ ދެކޮޅަށް 442އަށް ވުރެ ގިނަ މައްސަލަ ކޯޓުތަކަށް ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް މިފަދަ ހާދިސާތަކާ ގުޅިގެން އެކްސޮންއިން މާކެޓުކުރަން ބޭނުންކުރި، ނޮން ލީތަލް ބަދަލުވީ "ލެސް ލީތަލް" އަށެވެ. ނުވަތަ ފުރާނައަށް ލިބޭ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގަ އެވެ. ގެއްލުން ކުޑަ ކަމަށް އަޅާކިޔަނީ ފިސްތޯލަ، ބަޑި ފަދަ ހަތިޔާރުތަކާ އެވެ. ތެދެކެވެ. އެމެރިކާ ފަދަ ގައުމުތަކުގެ ފުލުހުންނަށް އެންމެ ފަސޭހައިން ބޭނުން ކުރެވެން އޮންނަނީ މުގުރު ނުވަތަ ފިސްތޯލަ އެވެ.

ދިވެހި ފުލުހުން ކަރަންޓް ދޭ ފިސްތޯލަ ބޭނުން ކުރަނީ --

ޓޭޒާ ގަންގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ނަފްސާނީ މައްސަލަތައް ހުންނަ މީހުންނެވެ. އެމެރިކާއިން މަރުވި 1005 މީހުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުންނަކީ ނަފްސާނީ ބައްޔެއް ނުވަތަ ނާރުގެ މައްސަލަތައް ހުންނަ މީހުން ކަމަށް ރޮއިޓާސްގެ ދިރާސާތަކުން ދައްކަ އެވެ. މި ހާދިސާތަކުގެ ތެރެއިން ކޮންމެ 10 ހާދިސާއަކުން ނުވަ ހާދިސާގައި ފުލުހުން މި ފިސްތޯލަ ބޭނުން ކުރީ، މަރުވި މީހާ އަތުގައި އެއްވެސް ހަތިޔާރެއް ވެސް ނެތި އެވެ. އެހެން ވީމާ އެ ހަތިޔާރު ބޭނުންކޮށްފައި އޮތީ ހާލަތާ ނުބައްދަލު ގޮތެއްގައި ކަމަށް އެ ދިރާސާއިން ހާމަވެ އެވެ.

މި ކޭސްތަކުގެ މީހުން މަރުވީ ކަރަންޓު ފިސްތޯލަ ބޭނުންކުރުމަށްފަހު ކަމަށް ވިޔަސް، މަރުވުމުގައި ސީދާ އެ ފިސްތޯލައިގެ ދައުރު ދެނެގަނެވޭ ގޮތެއް ނުވެ އެވެ. ސަބަކަށް ވަނީ، ބައެއް ހާލަތްތަކުގައި ކަރަންޓު ފިސްތޯލައާއެކު އިތުރު ވަސީލަތްތައް ވެސް ފުލުހުން ބޭނުންކޮށްފައިވެ އެވެ.

ކަރަންޓު ފިސްތޯލައިގެ ބޭނުންކުރުމުން ހިތުގެ މައްސަލަތައް ހުންނަ މީހުންގެ ފުރާނައަށް ނުރައްކާވާ ކަން ހާމަވީ 2009ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. އެއާއެކު އެކްސޮންއިން ދިން އިރުޝާދަކީ ފިސްތޯލައިން ފޮނުވާލާ ޑާޓު، މީހުންގެ މެއަށް އަމާޒު ނުކުރުމަށެވެ. އަދި ފަހުން އުފެއްދި ކަރަންޓު ފިސްތޯލަތަކުގައި ކަރަންޓް ޖެއްސޭ ލެވަލް ދަށްކުރި އެވެ.

ދެން އުފެދޭ ސުވާލަކީ ދިވެހިން ފުލުހުން ހަމަ ކަރަންޓު ފިސްތޯލައާ ހަމައަށް ދާން ވެއްޖެ ހެއްޔެވެ؟ އެހާ ވަރަށް ހާލަތު ނުރައްކާ ވީ ހެއްޔެވެ؟

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ފާޑުކިޔުންތަކަށް ރައްދު ދެއްވާ ވިދާޅުވަނީ، ގޭންގްތަކާއި ޓެރަރިޒަމް ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާ ހަވާލުވެފައިވީ ނަމަވެސް މިހާރު އޮތް ހާލަތު މައިތިރި ކުރަން ފުލުހުން ބާރުވެރިވެފައި ނުވާ ކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ޓޫރިސްޓަކަށް ހަމަލާދިން ހާދިސާއަށް ކަމަށް ބެލެވިދާނެ އެވެ.

އެއީ، ޓެރަރިސްޓް ސެލްއަކުން ހިންގި، ވަރަށް ނުރައްކާ ހަމަލާއެކެވެ. އަދި މިފަހުން ރާއްޖޭގައި ހިންގި ބޮޑެތި އަލިފާނުގެ ހާދިސާތައް ވެސް ޓެރަރިސްޓް ސެލްތަކާ ގުޅިފައިވެ އެވެ. އަދި ބޮން ހަދައިގެން ތަންތަން ގޮއްވާލުމުގެ ޕްލޭންތައް ވެސް މިފަހުން ފުލުހުން ނާކާމިޔާބު ކޮށްލާފައިވެ އެވެ. ހަގީގަތަކީ، ރާއްޖޭގެ ކުށުގެ ވެށި ބަދަލުވެ ނުރައްކާ ވަމުން އަންނަ ކަމެވެ.

މީގެ އިތުރުން ފައިރޫޝް ވަނީ ޕެޕާ ސްޕްރޭއާއި ކަރަންޓު ފިސްތޯލައެއް އަޅާކިޔާ ވީޑިއޯއެއް ވެސް ހިއްސާކުރައްވާފަ އެވެ. އެ ވީޑިއޯއިން ދޭ މެސެޖަކީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާ ފަދަ ހާލަތްތަކުގައި ޕެޕާ ސްޕްރޭއަށް ވުރެ ކަރަންޓު ފިސްތޯލަ ބޭނުންކުރުން އެކަށީގެންވާ ކަމަށެވެ.

ފުލުހުންގެ ތެރޭގައި ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރެއްވި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވާ ގޮތުގައި، ފުލުހުންގެ ހާއްސަ ބަޔަކަށް ޓޭޒާ ހަތިޔާރު ބޭނުންކުރެވޭގޮތަށް ހަމަޖެހުން މުހިންމެވެ. އެކަމަކު އޭނާ ވެސް ގަބޫލު ކުރައްވަނީ، ފުލުހުންގެ އަތަށް އެ ހަތިޔާރު ދޭން ވާނީ ހާއްސަ ތަމްރީން ދީ، އެކަމަށް ފުލުހުން ހާނުވާފަ އެވެ.

އެ ހުރިހާ ވާހަކަތަކަކާ އެކުވެސް އާންމުން ބުނަނީ ފުލުހުންނަށް މިހާރުވެސް ބޮޑެތި ބާރުތަކެއް ލިބިދީފައި ވިޔަސް، ފުލުހުންނަށް ރަނގަޅަށް ކަންކަން ތަހުގީގުކޮށް ކުށްވެރިން އިންސާފުގެ ކުރި މައްޗަށް ނުގެނެވޭ ކަމަށެވެ. ހުޅުމާލޭގައި ޓޫރިސްޓުންނަށް ދިން ހަމަލާގެ ތަހުގީގު ނިމި، ދައުވާ ނުކުރެވުމަކީ އޭގެ މިސާލެއް ކަމަށް ބައެއް މީހުން ބުނެ އެވެ. މިކަހަލަ އެތައް އެތައް މައްސަލަ އެކެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި މިހާރު ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި ގިނަ ފުލުހުން ގާނޫނުތަކަށް ފުރިހަމައަށް އަހުލުވެރިވެފައެއް ނުވެ އެވެ. އެތައް ކުށްވެރިން ދޫވަނީ ފުލުހުންގެ މިބަލި ފައިގެ ބޭނުން ހިފައިގެންނެވެ. އެހެންވެ، ހަތިޔާރު ދިނުމުގެ ފުރަތަމަ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުން މާ މުހިންމުކަމަށް އޭނާ ވެސް ދެކެވަޑައިގަންނަވަ އެވެ.

ޖުލައި 16، 2016: ފުލުހުން މުޒާހަރާއެއް ކޮންޓްރޯލްކުރުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެކަން ނުކޮށް އަދި ފުލުހުންގެ މުއައްސަސާ ރަނގަޅަށް ރިފޯމްނުކޮށް މިފަދަ ބާރުތަކެއް ދިނުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއް. އަޅުގަޑުގެވެސް އެ ކަންބޮޑުވުން އެބައޮތް،" އުޝާމް ވިދާޅުވެފައިވެ އެވެ.

އެ މައްސަލަ މިހާރު އަންނަނީ މަޖިލީހުގެ ލޮމިޓީއިން ވެސް ބަލަމުންނެވެ.

މުޅި މުޖުތަމައަށް ނުރައްކާ ކުރާ ކުށްވެރިން ހިފަން ކަރަންޓު ފިސްތޯލަ ވެސް ބޭނުން ކުރަންވީ އެވެ. އެކަމަކު ފުލުހުންގެ ރަސްމީ ކިޓުގެ ތެރޭގައި މި ހަތިޔާރު ހިމެނުމުގެ ކުރިން އަދި ކުރަން ޖެހޭ ބައިވަރު ކަންކަން އެބަ ހުއްޓެވެ. ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމެވެ. ފުލުހުން ގާނޫނުތަކަށް އަހުލުވެރި ކުރުވުމެވެ. ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުން އާންމުވެފައި އޮންނަ އޮތުމަށް ނިމުމެއް ގެނައުމެވެ. އާންމުންގެ މެދުގައި ފުލުުހުންނާ މެދު، ކިލަބުވެފައިވާ ތަސައްވަރު ރަނގަޅު ކުރުމެވެ. އެއަށް ފަހު ދެން އުންޑަ ޖަހައި ފިސްތޯލަވެސް ދޭންވީ އެވެ. އޭރުން އެއްވެސް މައްސަލައެއް ނެތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް