މި މަހުގެ 28ގެ ފަހުން މިސްކިތް، ސްކޫލް، އޮފީސްތައް ހުޅުވަން ހުއްދަ ދެނީ

އޭޕްރީލް 22، 2020: ކޮވިޑް19 މާލޭގައި ފެތުރުމާއެކު މާލެ ލޮކްޑައުން ހާލަތުގައި ބަޔަކު ވިޔަފާރި ކުރުމަށް ފިހާރައެއްކައިރީގައި ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 28ގެ ފަހުން މިސްކިތްތަކާއި ސްކޫލްތަކާއި އޮފީސްތައް ހުޅުވަން ހުއްދަދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅޭ ގޮތުން މިރޭ ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އާންމުންގެ އެއްބާރުލުން ލިބި، ފުރަބަންދުގެ ކަންތައްތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ވިސްނަވާ ކަމަށެވެ. މިހާރު އިއުލާންކޮށްފައިވާ 14 ދުވަހުގެ ފުރަބަންދުގެ މުއްދަތު ހަމަވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.

"އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސޭނެ. މިލުއިތައް ދޭނެ ގޮތުގެ ތަފްސީލުތައް، ކަމާ ގުޅޭ ފަންނީ ބޭފުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވަމުން ގެންދަވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުރަބަންދުގެ ހާލަތުން ވީއްލާލާއިރު ކޮވިޑަށް ޓެސްޓް ކުރުމުގެ ގާބިލްކަން މިހާރަށްވުރެ އިތުރުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އާލާތްތައްވެސް ހޯދޭނެކަމަށެވެ. ކޮވިޑްއަށް ޓެސްޓްކުރެވޭ ކެޕޭސިޓީ އިތުރުކޮށްފައިވާއިރު އަދިވެސް އިތުރު މެޝިންތައް ގެނައުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑަށް ޓެސްޓްކުރަން އޭޑީކޭ ހޮސްޕިޓަލްގައިވެސް މިހާރު ވަނީ މެޝިނެއް ބަހައްޓައިފައެވެ. އެ މެޝިނުން ދުވާލަކު 1000 މީހުން ޓެސްޓް ކުރެވޭނެއެވެ.

ފުރަބަންދަށް ލުޔެއް ދިނަސް ހާލަތު ގޯސްވާނަމަ އަލުން ފުރަބަންދުކުރަން ޖެހިދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އަޅުގަނޑުމެން އުޅެމުންދިޔަ އާންމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި އަދި ދެކިގެން ނުވާނެ. އަދި ލުއިތަކެއް ދިނުމުގެ މާނައަކީ، ކޯވިޑް ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން. އަދި މި ލުއިތައް ދެނީ، މި ބަލީގެ ނުރައްކާތަކުން މުޅިން ސަލާމަތްވެގެން ކަމުގައިވެސް އަދި ގަބޫލުކުރައްވައިގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ކޮވިޑް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރެމުން ދިޔަނަމަވެސް ހުރިހާ ރަށްތަކުގައި ކޮވިޑްއެއް ނުފެތުރެއެވެ.

ރައީސް ވިދާޅުވީ އެ ބަލި ނެތް ރަށްތައް ވީހާވެސް އަވަހަކަށް އާންމު ހާލަތަށް ގެނައުމުގެ ގޮތުން އެފަދަ ރަށްރަށުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވާނެކަމަށް ވިދާޅުވިއެވެ.

"މި ބަލި ނެތް އެހެން ރަށްރަށުގައިވެސް ލުއިތަކެއް ދިނުމަށް މިހާރު އޮތީ ނިންމާފައި. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މިހާރު ވިސްނާފައި މިއޮތީ، ކޯވިޑް-19 ފެތުރިފައި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް ޢާންމު ޙާލަތަކަށް ގެންނަން. އަދި އެފަދަ ރަށްރަށުގައި، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ. އަދި އޭގެ ފަހުން ސްކޫލްތަކާއި އޮފީސްތައް ހުޅުވަމުން ގެންދިޔުން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް