ގާޒީންގެ މުސާރަ ކުޑަ ކުރަން ކޮމެޓީން ފާސްކޮށްފި

މީގެ ކުރިން ބޭއްްވި ރައްޔިތުން މަޖިލިޙުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޝަރުއީ ކޯޓުތަކުގެ ގާޒީންގެ މުސާރައިން ބަޔެއް އުނުކޮށް އެ ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފަ އެވެ.

އެގޮތުން 20،001 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 20 ޕަސެންޓު އުނިކުރަން ނިންމާފައިވާއިރު 30،001 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުން 30 ޕަސެންޓު ކަނޑަން ވަނީ ނިންމާފަ އެވެ. އަދި 60،001 ރުފިޔާއަށް އަށްވުރެ މަތީގެ މުސާރަތަކުން އުނިކުރަން ނިންމާފައިވަނީ 35 ޕަސެންޓެވެ. މިއީ ސަރުކާރުން މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކުރުމަށް ނިންމާފައިވާ އުސޫލެވެ.

ޕަސެންޓޭޖެއް ކަނޑައެޅުމުން މަތީ ރޭންކް ތަކުގެ ގާޒީންނަށް ވުރެން ބޮޑު މުސާރައެއް ދަށް ރޭންކް ތަކުގެ ގާޒީންނަށް ލިބޭތީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓު ފެމެލީ ކޯޓު އަދި މެޖިސްޓްރޭޓް ކޯޓު ތަކުގެ ގާޒީންގެ މުސާރަ އުނިކުރުމަށް ފާސްކޮށްފައިވަނީ އަދަދުތަކެއް ކަނޑައެޅުމަށްފަހު އެވެ.

އެގޮތަށް ހުށަހަޅުއްވާފައިވަނީ ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް އެވެ. ތާއިދުކޮށްފައިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ. ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުން ފާސްކޮށްފައިވާ ގޮތުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މުސާރައިން 7100 ރުފިޔާ އުނިކުރަން ނިންމާފައިވާއިރު އެ ކޯޓުގެ އެހެނިހެން ގާޒީން މުސާރައިން 6300 ރުފިޔާ އުނިކުރުމަށް ވަނީ ނިންމާފަ އެވެ. ޑްރަގް ކޯޓުގެ އިސްގާޒީގެ މުސާރައިން 8600 ރުފިޔާ ކެނޑުމަށް ފާސްކުރިއިރު އެ ކޯޓުގެ އެހެން ގާޒީންގެ މުސާރައިން 7800 ރުފިޔާ އުނިކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

ސިވިލް ކޯޓާއި ޖުވެނައިލް ކޯޓުގެ އިސްގާޒީގެ މުސާރައިން 6950 ރުފިޔާ ކެނޑުމަށް ފާސްކުރިއިރު އެ ދެ ކޯޓުގެ އެހެން ގާޒީން މުސާރައިން 6150 ރުފިޔާ އުނިކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ފެމެލީ ކޯޓުގެ އިސްގާޒީގެ މުސާރައިން ވެސް ވަނީ 6950 ރުފިޔާ އުނިކުރުމަށް ފާސްކޮށްފަ އެވެ. އަދި އެ ކޯޓުގެ އެހެނިހެން ގާޒީންގެ މުސާރަ އިން އުނިކުރުމަށް ފާސްކޮށްފައިވަނީ 6650 ރުފިޔާ އެވެ.

މެޖިސްޓްރޭޓުންގެ ތެރެއިން ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މުސާރައިން 4500 ރުފިޔާ އުނިކުރަން ފާސްކުރިއިރު ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މުސާރައިން 2150 ރުފިޔާ އުނިކުރުމަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މެޖިސްޓްރޭޓުންގެ މުސާރައިން އެއްވެސް އަދަދެއް އުނިއެއް ނުކުރެ އެވެ.

ގާޒީންގެ މުސާރަތައް ކުޑަކުރުމަށް ނިންމާފައި ވަނީ ކުރިއަށް އޮތް މޭ، ޖޫން އަދި ޖުލައި ތިން މަހަށެވެ. ތިން މަހަށް ފަހު ހާލަތު މުރާޖައާ ކުރުމަށް ފަހު އަނެއްކާ ވެސް މުސާރައާ މެދު ގޮތެއް ނިންމާނެ އެވެ.

comment ކޮމެންޓް