ބެންކޮކް (18 މެއި 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށްފަހު ބެންކޮކްގެ ވިޔަފާރި މަރުކަޒުތައް އަލުން ހުޅުވާލައިފިއެވެ.
ތައިލެންޑްގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ ވިޔަފާރީގެ މަރުކަޒުތައް އަލުން ހުޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިވާތީ ކަމަށާ ނަމަވެސް އެތަންތަނަށް މީހުންނަށް ވަދެވޭނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމުގައެވެ. މިގޮތުން ވިޔަފާރީގެ މަރުކަޒުތަކަށް ވަންނަ މީހުންނާއި އެތަންތަނުގެ މުވައްޒަފުންނާއި ސޭޓުންނާއި އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންވެސް ތިބެން ޖެހޭނީ މާސްކް އަޅައިގެން ކަމަށާ އެއްވެސް މީހަކު ހަތަރު ފޫޓަށްވުރެ އަނެއްމީހާއާ ގާތްވެގެން ނުވާނެކަމަށްވެސް ތައިލެންޑްގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ބެންކޮކްގެ ވިޔަފާރި މަރުކަޒުތައް ދެމަސްފަހުން އަލުން ހުޅުވާފައި މިވަނީ އެތަންތަނުގެ މައިދޮރުތަކުގެ ކައިރީގައި ހުންބަލާ ސްކޭނާތައް ބަހައްޓައި ހުންބެލުމުގެ ކަންތައް ކަށަވަރުކުރަން މީހުން ބައިތިއްބުންފަދަ ސިއްހަތާބެހޭ ގިނަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްފަހުއެވެ. ހުންބެލުމުގެ ޓެސްޓްތައް ކުރުމަށްފަހުގައި ނޫނީ ވިޔަފާރި މަރުކަޒުތަކުގެ އެތެރެއަށް މީހުން ވަނުމުގެ ފުރުސަތެއް ނުދޭކަމަށްވެއެވެ.
ތައިލެންޑަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ ކުރިން ހަރުކަށި ފިޔަވަޅުތައް އެޅި ގައުމެކެވެ. އެހެންކަމުން ކޮވިޑް-19 އެގައުމުގައި މާބޮޑަށް ފެތުރިގެން ގޮސްފައެއް ނުވެއެވެ. މިގޮތުން އެ ރޯގާ ތައިލެންޑްގައި ޖެހިފައިވަނީ ގާތްގަނޑަކަށް 3 ހާސް މީހުންނަށެވެ. މަރުވެފައިވަނީ 56 މީހުންނެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ތައިލެންޑުން އެޅިހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފެށިނަމަވެސް ތައިލެންޑަށް ބޭރުގައުމުތަކުން މީހުން ޒިޔާރަތްކުރުން އަދިވަނީ މަނާކޮށްފައެވެ. ތައިލެންޑްގެ ބޯޑަރުތައް ދުނިޔެއަށް ހުޅުވާލުމަށާއި އެއާޕޯޓްތައް އަލުން ހުޅުވުމަށް ނިންމާފައިވަނީ އަންނަ ޖުލައި މަހުގެ ކުރީކޮޅުގައި ކަމަށް އެގައުމުން ބުނެފައިވެއެވެ. (ނޫސް އެޖެންސީތައް)