ބެންކޮކްގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން 352 ސްކޫލް ބަންދުކޮށްފި

ބެންކޮކްގައި ވައި ތަޣައްޔަރުވެފައި. އެކަމުގެ ސަބަބުން އެ ސިޓީގެ 350 އަށްވުރެ ގިނަ ސްކޫލް ވަނީ ބަންދުކޮށްފައި. ފޮޓޯ/އޭޕީ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން މިއަދު 350 އަށް ވުރެ ގިނަ ސްކޫލް ބަންދުކުރަން މަޖުބޫރުވި ކަމަށް އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މޫސުމީ ވައި ތަޣައްޔަރުވުމުގެ ސަބަބުން އެހެން ގިނަ ގައުމުތަކެކޭ އެއްގޮތަށް ތައިލެންޑަށްވެސް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އަދި މި ހަފުތާ ވައި މާބޮޑަށް ތަޣައްޔަރުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ސްކޫލްތައް ބަންދުކުރަން ޖެހުނެވެ. މިއީ 2020 ވަނަ އަހަރަށް ފަހު އެންމެ ގިނަ ސްކޫލްތައް ބަންދު ކުރި ފަހަރު ކަމަށްވެސް ބެންކޮކްގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

"ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ވަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން 31 ޑިސްޓްރިކްޓެއްގެ 352 ސްކޫލް ބަންދުކޮށްފައި." އެ އޮތޯރިޓީގެ ރަސްމީ ލައިން ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވެއެވެ.

ވައި ތަޣައްޔަރުވުމުގެ ސަބަބުން ބުރާސްފަތި ދުވަހު ބެންކޮކްގެ 250 އަށް ވުރެ ގިނަ ސްކޫލް ވަނީ ބަންދުކޮށްފައެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އޮފިޝަލުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެ ސިޓީގައި ބޮޑެތި އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.

ތައިލެންޑަށް މޫސުމީ ގޮތުން ވައި ތަޣައްޔަރުވުމުގެ އަސަރު ކުރަނީ، ފިނި މޫސުމުގެ ވަޔާއި ދަނޑުތައް އެންދުމުންނާއި އުޅަނދުތަކުން އަރާ ދުމާ ގުޅިގެންނެވެ.

އިންޓީރިއާ މިނިސްޓަރު އަނޫޓިން ޗާންވިރަކުލް ބުރާސްފަތި ދުވަހު ވަނީ ދަނޑުތައް އެންދުން މަނާކުރައްވާފައެވެ.

މިހާރު ސްވިޒަލޭންޑްގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަޓްރާ ވަނީ ވައި ތަޣައްޔަރުވުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ގޮވާލައްވާފައެވެ.

ތައިލެންޑުގެ އަވަށްޓެރި ކެމްބޯޑިއާއާއި ވިއެޓްނާމްގައިވެސް ވަނީ ވައި ވަރަށް ބޮޑަށް ތަޣައްޔަރުވެފައެވެ.

comment ކޮމެންޓް