ތައިލޭންޑުގެ ވެރިރަށް ބެންކޮކުން ނުވަ މީހުން ގޮވައިގެން ފުރި ފްލައިޓެއް ވެއްޓިޖެއެވެ.
ބޯޓު ވެއްޓުނީ ބެންކޮކްގެ މައި އެއާޕޯޓުން ފުރިތާ މާގިނައިރުތަކެއް ނުވެ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ. އެ ހާދިސާގައި ބޯޓުގައިތިބި ނުވަ މީހުން ވެސް ވަނީ މަރުވެފައެވެ.
އެ ބޯޓު ވެއްޓުނީ އެއާޕޯޓާ ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ޗަޗޮއެންގްސާއޯ ޕްރޮވިންސްގެ މެންގްރޯވް ޗަސްބިމަކަށް ކަމަށް ތައިލޭންޑުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ބޯޓުގައި ތިބި އެންމެންނަކީ ކޮން ބައެއްކަން ނޭގުނު ނަމަވެސް އެ މީހުންގެ ތެރޭގައި ހޮންކޮންގެ ފަތުރުވެރިންނާ، ތައިލޭންޑުގެ ދެ އަންހެން ކްރޫއާއި، ޕައިލެޓާއި ކޯ ޕައިލެޓް ހިމެނޭ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ވިދާޅުވިއެވެ.
މިހާތަނަށް ހޯދި ހޯދުންތަކުން ބޯޓު ވެއްޓެން މެދުވެރި ސަބަބެއް ނޭނގޭ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ތައިލެންޑްގެ ފްލައިން ސާވިސް ކޮމްޕެނީން ހިންގާ ސެސްނާ ކެރަވަން ސީ208ބީ ނަމަކަށް ކިޔާ ޓާބޯޕްރޮޕް ބޯޓު ބެންކޮކްގެ ސުވާނަބޫމީ އެއާޕޯޓުން ފުރީ މެންދުރު 2:46 ހާއިރު ކަމަށެވެ. އެއާ ޓްރެފިކް ކޮންޓްރޯލުން ރޭޑިއޯ އާއި ރާޑަރާއި ބޯޓުގެ ގުޅުން ކެނޑުނީ އޭގެ 11 މިނެޓް ފަހުން ކަމަށާއި އެއީ އެއާޕޯޓުގެ އިރުދެކުނުން 35 ކިލޯމީޓަރު (22 މޭލު) ދުރުން ކަމަށް ލަފާކުރެވެއެވެ.