ށ. ފުނަދޫ ކުޅިއަށް އަނެއްކާވެސް ގުޑުގުޑާ ދޫނި (ފްލެމިންގޯ)ތަކެއް ޒިޔާރަތްކޮށްފިއެވެ.
މިއީ މި މޫސުމުގައި މިފަހުން ރާއްޖެ އަންނަ ދޫނިތަކެކެވެ. އާއްމުކޮށް ރާއްޖޭގައި ނޫޅޭ މިފަދަ ދޫނިތަކެއް މި ފަހުން ކުޅުދުއްފުށީ ސިޓީއަށް ވެސް އަނެއްކާ ވެސް ވަނީ އައިސްފައެވެ.
މި ފަހުން ފުނަދުއަށް ފްލެމިންގޯތައް އަނެއްކާ ވެސް އައުމާއެކު ފޮޓޯގްރާފަރުން އަންނަނީ ސޯޝަލް މީޑިއާގައި ގިނަ ފޮޓޯތަކެއް ހިއްސާ ކުރަމުންނެވެ. އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްފުޅު މިއަދު "ސަން" އަށް ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މި ދޫނިތައް އެ ރަށުގެ ކުޅިޔަށް އަންނަކަމަށެވެ. އަދި އޭގެ ކުރީ އަހަރުތަކުގައި ވެސް ލަފާކުރެވޭ ގޮތުގައި މި ދޫނިތައް އަންނާނެ ކަމަށާއި ނަމަވެސް އެއީ ކުރީގައި މީހުން އުޅޭ ސަރަހައްދެ ނޫން ކަމުން އެކަން ފާހަގަ ނުވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުނަދޫ ކުޅީގައި ފުލެމިންގޯތަކެއް: އެ ރަށަށް 2019 ވަނަ އަހަރުން ފެށިގެން މި ދޫނިތައް އާދޭ-- ފޮޓޯ: ތަންނި ފޮޓޯ ގްރަފީ
ފްލެމިންގޯތައް ޒިޔާރަތްކޮށްފައި ވަނީ އެ ރަށުގައި ހަދާފައިވާ ނޭޗާ ޕާކްގައި އޮންނަ ކުޅިއަށެވެ. މި ފަހަރު އަދި އައިސްފައި ވަނީ ފަސް ފްލެމިންގޯއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުންގެ ފަރާތުން މި ފްލެމިންގޯތަކަށް އެއްވެސް އަނިޔާއެއް ނުވަތަ ގެއްލުމެއް ނުދޭތީ ކައުންސިލުން މި ދޫނިތައް ހިމާޔަތް ކުރަން ވަކި ކަމެއް ނުކުރާ ކަމަށެވެ.
އިރުވައި މޫސުމާ އެކު 2021 ވަނަ އަހަރު ރާއްޖެއަށް އައި ގުޑުގުޑާ ދޫނިތައް ވަނީ މުޅި ރާއްޖޭގެ ސަމާލުކަން ހޯދާފައެވެ. އެއަށް ފަހު ރާއްޖޭގެ ބައެއް ހިސާބުތަކުގެ ގިނަ ރަށްތަކުގެ ކުޅިތަކުން އެ ދޫނިތައް ވަނީ ފެނިފައިވެއެވެ.

ފުނަދޫ ކުޅީގައި ފުލެމިންގޯތަކެއް: އެ ރަށަށް 2019 ވަނަ އަހަރުން ފެށިގެން މި ދޫނިތައް އާދޭ-- ފޮޓޯ: ތަންނި ފޮޓޯ ގްރަފީ
މި އަހަރުގެ އިރުވައި މޫސުން ފެށުމާ އެކު އެ ދޫނިތައް ވަނީ އަނެއްކާ ވެސް ވަނީ ރާއްޖޭގެ ކުޅިތަކަށް ޒިޔާރަތްކުރަން ފަށާފައެވެ.
މި ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ.