ޖަރުމަނުގައި އިޖުތިމާއީ ގައިދުރުކަން ނޫޑްލް ބޭނުންކޮށްގެން

ޖަރުމަނުގެ ކެފޭއެއް އަލުން ހުޅުވި އިރު ކަސްޓަމަރުން ވަނީ އިޖުތިމާއީ ގައިދުރުކުރަން ބޮލުގައި ޕޫލް ނޫޑްލް އަޅާފައި ---- ފޮޓޯ : ސީއެންއެން

މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ހާލަތު ޖަރުމަނުގައި ކޮންޓްރޯލުކޮށް އަލުން ވިޔަފާރިތައް ފެށުމާއެކު ތަފާތު ގޮތަކަށް އިޖުތިމާއީ ގައިދުރުކަމަށް އަމަލުކޮށް ކެފޭއެއް ހުޅުވައިފި އެވެ. އެއީ މޫދަށް ދާއިރު ގެންގުޅޭ ނޫޑްލް ބޮލުގައި އަޅުވައިގެންނެވެ.

ޖަރުމަނުގެ ޝްވޭރިންގައި އިއްޔެ އަލުން ހުޅުވާފައިވާ ކެފޭ ރޯތުގައި ކަސްޓަމަރުން އިޖުތިމާއީ ގައިދުރުކަމަށް އަމަލުކުރުމުގެ ގޮތުން ކޮންމެ މީހެއްވެސް ވަނީ ބޮލުގައި ނޫޑްލް އެއް އަޅާފައެވެ. އެ ނޫޑްލްގެ ދުރުމިނަކީ އެހެން މީހަކު އޭގައި ނުޖެހި އަދި ކައިރި ނުވެ ހުންނަން ޖެހޭ ދުރުމިނެވެ.

އެ ކެފޭ އިއްޔެ ހުޅުވާފައިވަނީ އިޖުތިމާއީ ގައިދުރުކުރުމަށް އަމަލު ކުރުމަށް ބުނާ މޮޓޯއަކާއެކުގައެވެ. އަދި އެކަމަށް އަމަލު ކުރާ ފަރާތްތަކަށް ކެފޭއިން ހިދުމަތް ލިބޭއިރު ކަސްޓަމަރުންނަށް ބޭރުގެ މަންޒަރު ބަލާލައި ރަނގަޅު މޫސުމެއްގައި ކެފޭގެ ހިދުމަތް ލިބިގެން ދާނެއެވެ.

ކެފޭ އަލުން ހުޅުވުމުގެ މުނާސަބަތުގައި ކެފޭގެ އޯނަރު، ޖެކްލީން ރޯތު، ވަނީ ކަސްޓަމަރުން ކެފޭގައި ތިބި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

"މިއީ ހުރިހާ ކަސްޓަމަރުންނަށްވެސް އިޖުތިމާއީ ގައިދުރުކުރުމުގެ މިންގަނޑު ގާއިމުކުރުމަށް ލިބޭ ފުރުސަތެއް. އަދި މިއީ ވަރަށް ކޮށްލަން މަޖާވެސް ކަމެއް،" ރޯތު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

ކޮވިޑް-19 އަށްފަހު ދުނިޔޭގެ ކަންކޮޅުތަކުގެ ހިދުމަތް މެދުކަނޑާލުމަށްފަހު "ނިއު ނޯމަލް" އަކަށް ބަދަލުކޮށް ހިދުމަތްތައް ދިނުމުގެ މަސައްކަތް ދަނީ ގިނަ ބަޔަކު ކުރަމުންނެވެ. އެގޮތުން ނިއު ނޯމަލްއަށް ވާސިލުވުމަށްޓަކައި އެކި ގައުމުތަކުން ދަނީ ތަފާތު މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް