މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ޝިކާރައަކަށްވޖ ޔުވެންޓަސްގެ ފޯވަޑް، ޕައުލޯ ޑިބާލާ އެ ބަލިން ފަސޭހަވުމާ އެކު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ޑިބާލާ އެންމެ ފުރަތަމަ އިއުލާން ކުރީ މާޗު މަހުގެ 21 ގަ އެވެ. އޭނާ އާއި އޭނާގެ ލޯބިވެރިޔާވެވެސް އޭރު ޕޮޒިޓިވް ވި އެވެ. ޑިބާލާ އާ ދާދި އެއްކޮށް ކަހަލަ ގޮތަކަށް، ކޮވިޑް ޖެހުނު ޔުވެންޓަސްގެ ޑިފެންޑަރު، ޑެނިއަލް ރުގާނީ އާއި މިޑްފީލްޑަރު ބްލޭސް މަޓްއީޑީ ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް-19 އިން ރަނގަޅުވެފަ އެވެ.
ބަލި ޖެހުނުތާ ހަ ހަފުތާ ފަހުން ކޮވިޑުން ސަލާމަތްވިކަން ޑިބާލާ އިންސްޓަގުރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި އިއުލާން ކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އަދި ބަލިން މުޅިން ފަސޭހަވިކަން ޔަގީންވުމުން އޭނާ މިހާރު ވަނީ ޔުވެންޓަސްގެ ޓީމް ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ފަށައިފަ އެވެ.

ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑިބާލާ ކޮވިޑުން ރަނގަޅުވުމުން ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަނީ --- ފޮޓޯ: ބްލީޗާ ރިޕޯޓް
އުމުރުން 26 އަހަރުގެ ޑިބާލާ އިންޑިވިޖުއަލް ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި އިރު، ޔުވެންޓަސްއިން އަންނަނީ އަންނަ މަހުގެ ތެރޭގައި ހުއްޓިފައިވާ އިޓާލިއަން ލީގު ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ގައުމުން ބޭތުގައި ތިބި ކުޅުންތެެރިންވެސް އަނބުރާ އިޓަލީއަށް އައިސްފައިވާ އިރު މި މަހުގެ ތެރޭގައި ރަސްމީކޮށް ޕްރެކްޓިސްތައް ފަށާނެ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ.
ނަމަވެސް ޕްރެކްޓިސްތައް ފެށުމުގެ ކުރިން ހުރިހާ ކުލަބެއްގެ ކުޅުންތެރިން ވައިރަހަށް ޓެސްޓް ކުރަމުންދާ އިރު އަދިވެސް ބައެއް ކުލަބުތަކުގެ ކުޅުންތެރިންގެ ގައިން ވައިރަހުގެ އަސަރު ދަނީ ފެންނަމުންނެވެ. އެއާ އެކު އައިސޮލެޝަންގައި ކުޅުންތެރިން ބައިތިއްބާފައިވާ އިރު އަންނަ މަހުގެ ތެރޭގައި ލީގު ފެށި ނަމަވެސް މެޗުތައް ކުޅޭނީ އެއްވެސް ސަޕޯޓަރަކު ނުވައްދަ އެވެ.
ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރި އިޓަލީން އެގައުމުގެ ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލީ މާޗު މަހުގެ ކުރީކޮޅު އެވެ. އޭގެ ފަހުން މިހާރު ދެމަސް ދުވަސް ވެފައިވާ އިރު އިޓަލީގެ ހާލަތު މިހާރު ވަނީ ބޮޑުތަނުން ރަނގަޅުވެފަ އެވެ.