ވީ މީޑިއާ ހުއްޓާލަން ޖެހިދާނެކަން މުވައްޒަފުންނަށް އަންގައިފި

ވީޓީވީ ހިންގާ އިމާރާތް: ވީޓީވީ ހުއްތާލަން ޖެހިދާނެ ކަމަށް މުވައްޒަފުންނަށް ވަނީ އަންގާފައޮ ---ސަން ފޮޓޯ

ވީޓީވީ ހިންގާ ކުންފުނި، އައިލެންޑް ބްރޯޑްކާސްޓިން ކޮމްޕެނީ (ވީމީޑީއާ)ގެރިހާ އޮޕަރޭޝަނެއް ވަގުތީގޮތުން ހުއްޓާލަން ޖެހިދާނެ ކަމަށް ކުންފުނީގެ މުވައްޒަފުންނަށް އަންގައިފި އެވެ.

ވީޓީވީގެ އިތުރުން ވީމީޑިއާގެ ދަށުން ދެން ހިންގަމުން އަންނަނީ ވީނިއުސްއެމްވީ، ވީކްލީ މެގަޒިން އަދި މިއަދު ޑެއިލީ އެވެ.

ވީމީޑީއާ އިން މިއަދު މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއެކު، އެ ކުންފުނީގެ މައި ކުންފުނި، ވިލާ ގުރޫޕު ކުންފުންޏަށް ޓުއަރިޒަމް ސިނާއަތުން ވަންނަމުން ދިޔަ އާންމުދަނީ އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވީމީޑީއާގެ ހިންގުމަށާއި މުވައްޒަފުންނަށް މުސާރަ ދިނުމުގައި ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، މި ހާލަތުގައި ކުންފުނީގެ ހުރިހާ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައިވާ ހާލަތަކަށް އައިސްފައިވާ ކަމަށް ސާކިއުލާގައިވެ އެވެ.

"މިހާލަތުގައި ކުންފުނި ދެމެހެއްޓުމަށް ކުރެވުނު މަސައްކަތުން، އާމްދަނީ އިތުރުކުރެވޭނެ އެއްވެސް އަލި މަގެއް މިހާތަނަށް ފެނިފައި ނުވާތީވެ، ކުންފުނީގެ އޮޕަރޭޝަންސް ވަގުތީގޮތުން ހުއްޓާލަން ޖެހޭ ދަރަޖައަށް ކަންކަން ގޮސްފައިވާކަން ހިތާމައާއެކު ދަންނަވަމެވެ" ކުންފުނީގެ ހުރާ މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުންޏެވެ.

ސާކިއުލާގައި ބުނީ، ކުރިން ކަނޑައަޅާފައިވާ ގޮތަށް މުސާރަ ވަކިވަރަކަށް އުނިކޮށްގެން ވެސް، މުސާރަ ދެވޭނެ އެއްވެސް ގޮތެއް ނެތުމާއެކު އެޕްރީލް، މެއި އަދި ޖޫން މަހުގެ މުސާރައިގެ ގޮތުގައި ކޮންމެ މުވައްޒަފަކަށްވެސް ދެވޭނެ ކަމަށް ބެލެވެނީ 2،222 ރުފިޔާ ކަމަށެވެ. އަދި މި ހާލަތުގައި ކުންފުނީގެ ހިންގުން ވަގުތީގޮތުން މެދުކަނޑާލަން ޖެހުނު ނަމަވެސް، އެ އަދަދަށް މުސާރަ އަދި ރޯދަ އިނާޔަތް އެ މުވައްޒަފަކަށް ލިބޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

"މިގޮތަށް ނިންމީވެސް މިހާލަތުގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ބޭނުން ނުވާތީ އާއި ކުންފުންޏަށް އެއްވެސް ފައިސާއެއް ހޯދުނަސް، އެ ފައިސާ ހަމަހަމައަށް ހުރިހާ މުވައްޒަފުންގެ މެދުގައި ހިއްސާ ކުރުމުގެ މަގްސަދުގައި،" ސާކިލުލާފައި ބުންޏެވެ.

ސާކިއުލާގައި އިތުރަށް ބުނީ، މިވަގުތަށް މުވައްޒަފުން މަދު ނުކުރަން ނިންމި ނަމަވެސް، ޖޫން މަހުގެ ނިޔަލަށް، އިގްތިސާދު މިހާލަތުން އަރައިނުގަނެވި، އާމްދަނީ ލިބޭނެ ގޮތެއް ނުފެނިއްޖެ ނަމަ، މުވައްޒަފުންގެ ވަޒީފާއާ މެދު ގޮތެއް ނިންމާ އެކަން އަންގާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް އައި ލޮޅުމާއެކު ރާއްޖޭގެ ވަރަށް ގިނަ މީޑިއާތަކަށްވެސް ވަނީ އޭގެ އަސަރު ކޮށްފަ އެވެ. ބައެއް މީޑީއާތަކުން މުސާރަ ނުދެވިގެން އުޅޭއިރު، ބައެއް މީޑިއާތަކުން ވަނީ މުސާރަ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. ސަރުކާރުން ވަނީ މިކަމުން އަރައިގަތުމަށް، މީޑިއާތަކަށް ހާއްސަކޮށްގެން، ވަރަށް ލުއި ޓާމްސްގައި ރިލީފް ލޯނެއް ތައާރަފްކޮށްފަ އެވެ.

comment ކޮމެންޓް