މާލެއިން އިތުރު 500 މީހުން އަތޮޅުތެރެއަށް ފޮނުވާލަން ތައްޔާރުވެއްޖެ

މާލެއިން ފުރަން ގޮސް ތިބި ބައެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެކި ބޭނުންތަކަށް މާލެ އައިސް ނުދެވިފައި ތިބި މީހުންގެ ތެރެއިން އިތުރު 500 މީހުން އެ މީހުންގެ ރަށްތަކަށް ފޮނުވާލުމުގެ ކުރިން ކަރަންޓީން ފެސިލިޓީތަކަށް ގެންދިއުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ލޯކަލް ގަވަރަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

މިދިޔަ މަހު 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19ގެ ކޭސްއެއް ފެނި، މާލެ ލޮކްޑައުންކުރުމުން ރަށްރަށަށް ނުދެވި މާލޭގައި ވަރަށް ގިނަ ފަރާތްތައް ތާށިވެފައި އެބަތިއްބެވެ. އެގޮތުން މިހާތަނަށް އެފަދަ 300 އަށް ވުރެން ގިނަ މީހުން ވަނީ ކަރަންޓީން ފެސިލިޓީތަކަށް ފޮނުވާލާފަ އެވެ. އަދި 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓުހަދައި ނެގަޓިވްވުމުން އެމީހުން ރަށަށް ފޮނުވާލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ގަވަމެންްޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނަރަލް އާދަމް ޝަރީފް ވިދާޅުވީ، މިހާރު ރަށް ރަށަށް ފޮނުވުމަށް މާސްޓާ ލިސްޓެއް ހަދާފައި ވާނެ ކަމަށާއި ކައުންސިލްތަކާއި މަޝްވަރާ ކުރުމަށްފަހު މީހުން ގެންދިއުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"ފަސް ސަތޭކަ މީހުން ކަރަންޓީން ކުރުމަށް އަޅުގަނޑުމެން މިހާރު ޕްލޭން ކުރަމުން މި ދަނީ. އެ ފެސިލިޓީތައް މިހާރު ހަމަޖެހިފައި ހުރި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި 500 މީހުން ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް ފެށޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެ 500 މީހުންގެ އިތުރުން ވެސް، އިތުރު މީހުން ރަށް ރަށަށް ގެންދިއުމަށް ކަރަންޓީން ފެސިލިޓީތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އާދަމް ޝަރީފް ފާހަގަ ކުރެއްވި އެވެ.

މާލޭގައި ތާށިވެފައި ތިބި ފަރާތްތަކުން ރިޕޯޓް ކުރަން ޖެހެނީ ކޮން ބަޔަކަށް ކަން އޮޅުން އަރާ ހިސާބަށް ގޮސްފައިވާކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، އެކަމުގެ ސަބަބުން ލޮކްޑައުންވެފައި ތިބި މީހުންގެ އަސްލު އަދަދު ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

އެގޮތުން އެކި އެކި އިދާރާތަކުން ހަދާފައިވާ ލިސްޓްތައް އެއްކުރުމަށްފަހު މިހާރު ހަދާފައިވާ ލިސްޓްގައި 5000 އަށް ވުރެން ގިނަ މީހުން އެބަތިބިކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ މީހުންގެ ތެރޭގައި ހިމެނެނީ ދަތުރުވަރެއްގައި މާލެ އައިސް ނުދެވިފައި ނޫނީ މިވަގުތުގެ ހާލަތު ހުރި ގޮތުން މާލޭގައި އުޅެވެން ނެތް ފަރާތްތައް ކަމަށެވެ.

އެގޮތުން މެޑިކަލް ބޭނުމަށް މާލެ އައި 1400 ފަރާތެއް ތިބިއިރު ރިސޯޓްތަކުން އައި 363 ފަރާތެއްގެ އިތުރުން އެހެނިހެން ބޭނުންތަކުގައި މާލެގައި ތިބި އަދި މިހާރު ރަށަށް ދާން ބޭނުންވާ 3258 ފަރާތެއް ލިސްޓް ކުރެވިފައިވާ ކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް ލިސްޓްގައި ތިބި ފަރާތްތައް ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީހުން ރަށް ރަށަށް ފޮނުވުމުގައި ބަލަމުން ދަނީ ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ މިންގަނޑަށް ކަން އާދަމް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑަށް އިސްކަން ދެނީ ވަގުތީ ގޮތުން މާލެ އައިސް ތާށިވެފައިވާ ފަރާތްތައް އެ މީހުންގެ ވަޒަނަށް ގެންދިއުމަށް ކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް