ރާއްޖެއާއެކު ފަސް ގައުމަކަށް އިންޑިއާއިން އެހީ ފޯރުކޮށްދެނީ

އޭޕްރީލް 2، 2020: އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ބޭސް އިންޑިއާގެ އަސްކަރިއްޔާގެ އެހީގައި ރާއްޖެގެނެސް، ރާއްޖޭގެ ސަރުކާރާ ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން، ރާއްޖެއާއެކު ފަސް ގައުމަކަށް އިންޑިއާއިން އެހީ ފޯރުކޮށްދޭން ފަށައިފިއެވެ.

އިންޑިއާއިން އެހީގެ ތަކެތި ފޯރުކޮށްދެނީ އެ ގައުމެއްގެ މަނަވަރެއްގައެެވެ. އެހީ ދިން ގައުމުތަކުގެ ތެރޭގައި މޮރީޝިއަސް، މަޑަގަސްކާ، ކޮމޯރޯސް އަދި ސީޝެލްސް ހިމެނެއެވެ.

ހުރިހާ ގައުމުތަކަށްވެސް އެހީ ފޯރުކޮށްދެނީ އެދިގެން ކަމަށް އިންޑިއާއިން ބުންޏެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އެހީގެ ތަކެތީގެ ތެރޭގައި ޒަރޫރީ ބޭހާއި ކާތަކެތި ހިމެނޭ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ވަނީ ތިން މަހަށް ބޭނުންވާ ޒަރޫތީ ބޭސްތައް ފޯރުކޮށްދީފައެވެ. އަދި ރާއްޖެއަށް 600 ޓަނުގެ ކާތަކެތި ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެެވެ.

ކޮވިޑްއަށް ފަރުވާ ދިނުމަށް އިންޑިއާއިން ވަނީ މޮރީޝަސް އަދި ކޮމޯރޯސްއަށް މެޑިކަލް ޓީމްތައް ފޮނުވައިފައެެވެ. އަދި ކޮމޯރޯސްއަށް ފޮނުވި ޓީމުން ޑެންގީއަށް ފަރުވާ ދިނުމަށްވެސް އެހީތެރިވެދިނުމަށް ވަނީ ހަމަޖެހިފައެެވެ.

އޭގެ އިތުރުން އިންޑިއާއިން ވަނީ އަޔުރުވެދާ ބޭސްވެސް މޮރީޝިއަސްއަށް ފޯރުކޮށްދީފައެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންކުރާ އެންޓި މެލޭރިއާ ބޭސް، ހައިޑްރޮކްސިކްލޮރޯކުއައިން މީގެ ކުރިން އިންޑިއާއިން ވަނީ ރާއްޖެ، ސީޝެލްސް އަދި މޮރީޝިއަސްއަށް ފޯރުކޯށްދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮމޯރޯސް އަދި މަޑަގަސްކާއަސް ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެެވެ.

comment ކޮމެންޓް