އިންޑިއާ މީހުން ރާއްޖެއިން ގެންދިޔުމުގެ ދެވަނަ އޮޕަރޭޝަން ފަށައިފި

ރާއްޖޭގައި ތިިބި އިންޑިއާ ރައްޔިތުން ފުރުން -- ފޮޓޯ: އިންޑިއަން ހައިކޮމިޝަން

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދިޔުމަށް ބޭނުންވާ މީހުން ބަލައި އެގައުމުގެ އަސްކަރިއްޔާގެ އިތުރު މަނަވަރެއް ރާއްޖެ އައިސްފި އެވެ.

ކޮރޯނާ ވައިރަސް އާއެކު، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމުގެ ހާއްސަ، "ސަމުދުރާ ސެތޫ"ގެ ނަމުގައި އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފަ އެވެ.

އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދާނެ އެވެ. މިދިޔަ ހުކުރު ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ 750 މީހަކު ވަނީ އެނބުރި ގައުމަށް ފުރައިފަ އެވެ.

މިއަދު އިންޑިއާ އަށް ފުރާ އެގައުމުގެ ރައްޔިތުން އިމިގްރޭޝަން ކަންތައް ފުރިހަމަ ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވާއިރު އިމިގްރޭޝަން ފޯމަލިޓީސް ފުރިހަމަ ކުރުމަށްފަހު އެމީހުން ދެން ބޯޑު ކުރާނީ މާލޭގައި ބަނދަރުކޮށްފައިވާ އެގައުމުގެ އަސްކަރީ މަނަވަރަށެވެ.

މި މަނަވަރުގައި އިންޑިއާ އަށް ދާ ރައްޔިތުން ފުރަތަމަ ޖެހޭނީ ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރާށެވެ. އެނބުރި އެމީހަކު ދާން ބޭނުންވާ ސްޓޭޓަކަށް ދެވޭނީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު އެވެ.

ރާއްޖޭގައި އެކި މަސައްކަތްތައް ކުރުމަށް އިންޑިއާގެ 27،000 އެއްހާ މީހުން އެބަތިއްބެވެ. އެނބުރި ގައުމަށް ގެންދާ މީހުންގެ ތެރެއިން އިސްކަންދެނީ މާބަނޑު މީހުންނާއި ކުޑަކުދިން އަދި ސިއްހީ މައްސަލަތަކެއް ހުރި މީހުންގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށާއި އާއިލާގެ މީހަކު މަރުވެގެން ގައުމަށް ދާން ބޭނުންްވެފައި ތިބި މީހުންނަށާއި ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ ފަތުރުވެރިންނަށެވެ.

ރާއްޖެއިން މިހާތަނަށް 790 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 62 މީހަކު ހިމެނެ އެވެ.

comment ކޮމެންޓް