ކޮވިޑް 19 އިގެ ހާލަތުން އަރައިގަތުމަށް ސަރުކާރާ އެއްކޮށް ޓުއަރިޒަމް އިންޑަސްޓްރީ އޮތް ކަމަށް ބުނެ އެ އިންޑަސްޓްރީގެ ހަ އެސޯސިއޭޝަނެއް އެކުވެގެން ބަޔާނެއް ނެރެފި އެވެ.
ސަރުކާރާ އެއްކޮށް އޮތްކަން ހާމަކޮށް ބަޔާން ނެރެފައިވަނީ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާާތްތެރިވާ ޖަމްއިއްޔާތައް ކަމުގައިވާ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕޮރޭޓާރސް (މަޓާޓޯ) ، އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ)، ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)، ޑައިވާސް އެސޯސިއޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް(ޑޭމް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިންނެވެ.
އެ ހަ ޖަމްއިއްޔާ އެކުވެގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާޗްމަހު ލޮކްޑައުންގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން މީރާގެ ޓެކްސް ކޮމިޝަނަރާއި އެ ޖަމްއިއްޔާތަކުން ބައްދަލުކޮށްފައި ވާ ކަމަށެވެ.
"މިބައްދަލު ކުރުންތަގުގައި މަޝްވަރާކޮއްފައިވާ ކަންކަމުގެ އަލީގައި ސަރުކާރުން މިވަގުތައް ނެރެދެއްވާފައިވާ މޮރޮޓޯރިއަމް އާއި ރިލީފް ލޯން ތަކަކީ ރަގަޅު ފިޔަވަޅުތަކެއް ކަމަށާއި، އެހެންނަމަވެސް މި ރިލީފްލޯން ތަކުގެ އަދަދުތަކާއި އެންޓައިޓްލްމަންޓް ތައްބަދަލު ކުރުން ރަނގަޅުކަމަށް ޓޫރިޒަަމް އިންޑަސްޓްރީ ޖަމްއިއްޔާތަކުން ދެކޭ." ބަޔާނުގައި ބުނެފައި ވެ އެވެ.
އަދި ލޯންތައް އަވަހަށް ލިބުމަކީ މުހިއްމު ކަމެއްކަން ފާހަަގަކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އަދި ސަރުކާރުން ރާއްޖެ ހުޅުވާލުމަށް ޖުލައި މަހު ނުވަތަ ޖޫން މަހުގެފަހުކޮޅު ރޭވިޔަސް މިހާރެކޭ އެއްފަދައިން އެކުގައި މަސައްކަތް ކުރުމަށް ހުރިހާ އެސޯސިއޭޝަންތައް ތައްޔާރަށް ތިބި ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. އެގޮތުން ސިޓުއޭޝަން އެނަލައިޒްކޮއް ކޮންމެ ދުވަހަކުވެސް އިންޑަސްޓްރީ ބައްދަލުވުންތަކާއި މަޝްވަތާތައް ޑިޖިޓަލްކޮށް ކުރިއަށްގެންދާ ކަމަށް ބުނެފައިވެ އެވެ.
މިހާރު އޮތް ހާލަތުން އަރައިގަނެވޭނީ ހުރިހާ ފަރާތެއް އެކުގައި މަސައްކަތް ކުރުމުން ކަމަށް ބަަޔާނުގައި ވަނީ ބުނެފަ އެވެ.
ޓުއަރިޒަމް އިންޑަސްޓްރީގެ ހަ ޖަމްއިއްޔާއެއް އެކުވެގެން ބަޔާނެއް ނެރެފައި މިވަނީ ސަރުކާރުން ނެރުނު ރިލީފް ޕެކޭޖްތަކަށް ފާޑުކިޔައި މަޓީއިން މިއަދު ބަޔާނެއް ނެރެފައި ވަނިކޮށެވެ.
ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު ހިތްހަމަ ނުޖެހުންފާޅުކޮށް މިއަދު މަޓީއިން ނެރުނު ބަޔާނެއްގައި ވަނީ ޓުއަރިޒަމް ސިނާއަތަށް އެހީވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑު ކިޔާފަ އެވެ. ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަށް އަންނާނެ ލޮޅުން ކަމަށް ސަރުކާރުން ކުރާ އަންދާޒާތައް ހަދާފައި ވަނީ ހަގީގަތަށް ބިނާކޮށް ނޫން ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން ޓުއަރިޒަމް އިންޑަސްޓްރީއަށް ހާއްސަކޮށް އިއުލާނު ކުރި ރިލީފް ޕެކޭޖަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން ގިނަ ފަރާތްތައް އެ ރިލީފް ޕެކޭޖަށް ޝަރުތު ހަމަ ނުވާ ކަމަށެވެ. ސަރުކާރުން ރިލީފް ޕެކޭޖް ދޭން ނިންމާފައިވަނީ އެ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރަން ޝަތުރުކޮށްފަ އެވެ.
މަޓީއިން ގޮވާލާފައި ވަނީ އެކަމާ ގުޅިގެން ސަރުކާރުން ޓުއަރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާ ވީހާވެސް އަވަހަށް މަޝްވަރާއަށް ދިއުމަށެވެ.