ކޮވިޑް 19 އާ ގުޅިގެން ރާއްޖެ މިޙާރު އޮތް ހާލަތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ނޫން އެހެން މުއައްސަސާތައް އެކަށީގެން ވާ ވަރަށް މަސައްކަތް ކުރަމުން ދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ފާހަގަކޮށްފި އެވެ.
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ވަނީ އެކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ދިރާސާކޮށް ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އަދި އެ ރިޕޯޓުގައި ކޮމިޓީއަށް ފާހަގަވި ކަންކަން ވަނީ ހިމަނާފަ އެވެ.
ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ދިވެހިރާއްޖެ މިހާރު އޮތް ހާލަތުގައި އިދާރާތަކުން މަސައްކަތްތަށް މެދުނުކެނޑި ކުރިއަށް ގެންދިއުމުގައި "ހިއުމަން ރައިޓްސް ކޮމިޝަން ފިޔަވައި" އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ އެހެން އިދާރާތަކުން އެކަށީގެންވާ ވަރަށް މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށެވެ. އަދި އެމަސައްކަތްތައް ކުރެވެމުން ދަނީ ލިބެން ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން ކަންވެސް ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެޗްއާރުސީއެމްގެ މަސައްކަތްތައް ފެށުމުގައި ލަސްތަކެއް ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން
"ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވެފައިވާ މިހާލަތުގައި ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރަމުންދާ މިންވަރު ބެލުމުގައި އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިވާން ފަށާފައި ވަނީ ލަހުން ކަމަށް ފާހަގަވޭ." ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިދިއަ މަހުގެ ހަތަރު ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ސާފު ކުރުމަށް ސިޓީ ފޮނުވުމުގެ ކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ހާލަތު ބެލުމަށް އެޗްއާރުސީއެމުން އެއްވެސް ޒިޔާރަތެއް ކޮށްފައި ނުވާކަން ކޮމިޓީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން މިފަދަ މަރުކަޒުތަކަށް ޒިޔާރަތްކޮށް ބައެއް ރިޕޯޓުތައް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރިޕޯޯޓުގައި ވަނީ ބުނެފަ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ އާންމު އުސޫލުން ޖަލުތަކުގައި ކުރެވޭ މުއާމަލާތްތައް މިވަގުތު ބަންދުވެފައިވާއިރު، އަދި އެޗްއާރުސީއެމްއަށް މައްސަލަ ހުށަހެޅެން އޮންނަ އިންތިޒާމުވެސް ބަދަލުވެފައިވާއިރު ޖަލުގައި ތިބޭ މީހުން ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއްވެސް އެފަދަ އިންތިޒާމެއްވެސް ހަމަޖައްސާފައި ނުވާ ކަމަށެވެ.
"ކޮވިޑް 19 އާ ގުޅިގެން ދިމާވި އިގްތިސާދީ ލޮޅުންތަކާއި ގުޅިގެން އެތައް ބައެއްގެ ވަޒީފާގެ ހައްގު ކުއްލިއަކަށް ގެއްލި އާމްދަނީ ލިބުމުން މަހުރޫމުވެގެން ދިޔައިރުވެސް މިކަމުގައި ކޮމިޝަނުން ދެކޭގޮތް އަދި އަޅާފައިވާ ފިޔަވަޅުތައް ހާމަކޮށްފައެއް ނުވޭ." ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެޗްއާރުސީއެމްގެ ރައީސް އީނާސް އަދި ނައިބު ރައީސް ޒާހިދު ---
ހިއުމަން ރައިސްޓް ކޮމިޝަނުގެ 20 ވަނަ މާއްދާގެ ދަށުން އިންސާނީ ހައްގުތައް ނަގަހައްޓައި ދެމެހެއްޓުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ލަފާ ސަރުކާރަށް އެރުވުމަކީ އެޗްއާރުސީއެމްގެ މަސްއޫލިއްޔަތެއް ނަމަވެސް މި ނާޒުކު އަދި ނުރައްކާތެރި ހާލަތާ ގުޅިގެން އެފަދަ ލަފައެއް އަދި އިރުޝާދެއްވެސް ދީފައި ނުވާ ކަމަށް ކޮމިޓީއިން ފާހަގަކޮށްފައިވެ އެވެ. ކޮމިޓީއިން އެގޮތަށް ފާހަގަކޮށްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އެ ކޮމިޓީއިން މައުލޫމާތު ހޯދުމަށް ކޮމިޝަނަށް ސިޓީ ފޮނުވުމުގެ ކުރިން އެފަދަ ލަފައެއް ދީފައި ނުވާތީ އެވެ.
ކޮމިޓީއިން ބުނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަން ޖެހޭނީ އެޗްއާރުސީއެމް ކަމަށެވެ. އަދި މިހާލަތުގައި އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ގެއްލި އިޖުތިމާއީ ރައްކާތެރިކަން ނުރައްކަލަކަށް ހުށަހެޅި އެތައް ބައެއް މަރުކަޒުކުރެވި ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދާއިރު ފާރަވެރިވުމުގެ ދައުރު އިތުރަށް ފުޅާ ކުރުމަށް ކޮމިޓީއިން ވަނީ އެޗްއާރުސީއެމަށް އަންގާފަ އެވެ. އަދި ކަންކަން އަވަހަށް ކުރުމަށްވެސް ވަނީ އަންގާފަ އެވެ.
ކޮމިޓީގެ ހުށަހެޅުންތައް
- ޝަކުވާ ހުށަހަޅަން ދަތިވެފައިވާ ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައިވާ ފަރާތްތަކަށް އާ ނިޒާމެއްގެ ތެރެއިން އެޗްއާރުސީއެމަށް ވާސިލްވެވޭނޭ ގޮތް ހެދުން
- ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންނާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކުގެ ހާލަތު އާ ނިޒާމެއްގެ ތެރެއިން ގާތުން އަދި ގަވައިދުން ބަލަމުން ގެންދިއުން
- ކަރަންޓީނު މަރުކަޒުތަކުގެ ހާލަތު ދެނެގަތުމަށާއި އެފަދަ ތަންތާގައި ބައިތިއްބާ މީހުންނާމެދު އަމަލުކުރާ ގޮތް ދެނެގަނެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޖިސްމާނީ ގޮތުން ޒިޔާރަތްކުރުމުގެ ބަދަލުގައި ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން މަރުކަޒުތަކުގައި ތިބޭ ފަރާތްތަކަށް ވީޑިއޯ ފޯން ކޯލް މެދުވެރިކޮށް ގުޅައިގެން ހާލަތު ދެނެގަތުމަށް މަސައްކަތް ކުރުން
- އިންސާނީ ހައްގުތަކާއި ގުޅުންހުރި މައްސަލަތަކުގައި ހިއުމަންރައިޓްސް ކޮމިޝަނުން ދެކޭގޮތް އާންމުކޮށް ހާމަކުރަމުން ގެންދިއުމާއި ސަރުކާރަށް މިމޭރުމުން އަރުވަން ޖެހޭ ލަފާ އަރުވަމުން ގެންދިއުން
ކޮވިޑް 19 އާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ތައްޔާރު ކުރި އެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.