ކޮވިޑް-19 ޖެހިގެން ރާއްޖެއިން މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބަ އޮތް: ޕީޕީއެމް

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މީހަކު މަރުވުމުގައި ސަރުކާރުގެ އިހުމާލު އެބަ އޮތް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވި ފުރަތަމަ މީހަކީ އައިމިނަތު އާދަމް 83އ އެވެ. އޭނާ މަރުވެފައިވަނީ ކޮވިޑް-19އަށް އޭނާ ޓެސްޓު ކުރަން ސާމްޕަލް ނަގާފައި ވަނިކޮށެވެ. އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ.

އައިމިނަތު އާދަމްގެ މަރާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެއީ އައިމިނަތު އާދަމް އަކީ ހައި ރިސްކު ޑައިރެކްޓު ކޮންޓެކްޓަކަށްވީއިރު އޭނާ ޓެސްޓު ކުރަން ސާމްޕަލް ނެގުން ލަސްވުމުންނެވެ.

އައިމިނަތު އާދަމްގެ މަރާ ގުޅިގެން މިރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަކީ ދާއިމީ ބައްޔަކަށް ބޭސް ކުރަމުން އައި މީހަކަށްވީއިރު، އަދި އޭނާ އަކީ ކުރިން ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓު ކޮންޓެކްޓަކަށްވީއިރު ގޭގައި މޮނިޓަރިންގައި ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއް ކަަމަށެވެ.

އަދި އޭނާގެ ފަރާތުން އަލާމާތް ފެނުނު އިރުވެސް ޓެސްޓުނުކޮށް ލަސްވުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެކަމުގައި ސަރުކާރުން ފަރުވާކުޑަކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

"އަދި މި ހިތްދަތި ހާލަތު ދިމާވުމުގައި އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރާތުން މިކަމަށް ދޭން ޖެހޭ ސަމާލުކަން ކުޑަވުމާއި ފަރުވާކުޑަކުރުން އޮތްކަން ވަރަށް ބޮޑަށް ފާހަގަވެއެވެ. އަދި އެކަން މި ކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.

ކުރިއަށް އޮތްތަނުގައި ދާއިމީ ބަލިތަކަށް ފަރުވާ ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމުގައި ފަރުވާކުޑަ ނުކުރުމަށް އެދޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވާނެ ފަދަ މީހުންގެ ސާމްޕަލްތައް ނަގައި ނަތީޖާ ލިބެންދެން މަޑުކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް ވީހާވެސް ގާތުން މޮނިޓާ ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް އެދިފައިވެއެވެ. އޭގެ އިތުރުން ރައްޔިތުން ޓެސްޓު ކުރަން ފަށަންވެސް ގޮވާލާފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، މިއަދު ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގެ ލޮކްޑައުން އިއްޔެ އިތުރު 14 ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ. މިހާރު ރާއްޖެއިން ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދަކީ 396 އެވެ.

comment ކޮމެންޓް